ޕީޕީއެމްގައި ޚިޔާލުތަފާތުވުމެއް ނެތް: ރައީސް މައުމޫން

ޕީޕީއެމްއަކީ އެއްބައިވަންތަ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުމެއް ނެތް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އެއްގަލަކަށް ނާރާ ކަމަށާއި ރައީސް މައުމޫނާއި ރައީސް ޔާމީންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވާކަދައްކަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕީޕީއެމަކީ އެއްބައިވަންތަ ޕާޓީއެއް. ޕީޕީއެމްގެ ތެރޭގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް. މި ޔަގީންކަން އަޅުގަނޑު ޕީޕީއެމްގެ އެންމެހައި މެމްބަރުންނަށް އަރުވަން ބޭނުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް ޕާޓީ އޮންނާނީ ވަރަށް ވަރުގަދަ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި،" މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި މިރޭ އެޕާޓީއާ ގުޅިވަޑައިގެންނެވި އެންމެހައި ފަރާތްތަކަށް މަރުހަބާ ދަންނަވައި ޝުކުރުއަދާކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިރޭ ފެނިގެން ދިޔައީ އެ ޕާޓީއަކީ ކާމިޔާބު ސިޔާސީ ޕާޓީއެއް ކަމެވެ.

ޕީޕީއެމް ކާމިޔާބު ސިޔާސީ ޕާޓީއަކަށް ވަނީ، އެޕާޓީއަކީ ނަތީޖާ ހާސިލުކުރާ ޕާޓީއަކަށްވާތީ ކަމަށާއި އެ ޕާޓީއަކީ ދައްކާ ވާހަކައާ އެއްގޮތަށް އަމަލުކުރާ ޕާޓީއެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"އާދެ މި ވޭތުވެދިޔަ ސަރުކާރުގެ އެއްއަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ގިނަ ނަތީޖާތަކެއް ހާސިލުކޮށްދެއްވައިފި. އަޅުގަނޑުމެންނަކީ ބޭކާރު ވާހަކަތަކެއް ދައްކަން ޕޯޑިއަމްތަކުގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ނުވަތަ މުޒާހަރާތަކުގައި އެހެން ތިބޭ ބައެއް ނޫންކަން މިހާރު ދިވެހިރައްޔިތުންނަށް ސާބިތުވެގެން ހިނގައްޖެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމް ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު