ޖޭޕީގެ ޔޫތު ލީގުގެ ފަސް މެމްބަރަކު ޕީޕީއެމަށް ސޮއިކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ޔޫތު ލީގުގެ ފަސް ބޭފުޅަކު ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި އެޕާޓީއާ ގުޅިވަޑައިގަތީ ޖޭޕީގެ ޔޫތު ލީގުގެ ކުރީގެ ރައީސް މޫސާ އަންވަރާއި ޔޫތު ލީގުގެ ނައިބު ރައީސް އަހުމަދު ޣާލިބުގެ އިތުރުން ޔޫތުލީގުގެ މެމްބަރުން ކަމުގައިވާ އައްފާން ނާޝިދާއި ހުސައިން ސިނާން އަދި އަހްމަދު އައްފާނެވެ.

ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު ޖަލްސާގައި ވާހަކަދައްކަމުން ޖުމްހޫރީ ޕާޓީގެ ޔޫތު ލީގުގެ ކުރީގެ ރައީސް މޫސާ އަންވަރު ވިދާޅުވީ ޒުވާނުންނަށް ކުރިއަށްދެވޭނެ ފުރުސަތެއް އެ ޕާޓީގެ ތެރޭގައި ނެތް ކަމަށާއި އެންމެ ރަނގަޅު "ޕްލެޓުފޯމަކީ" ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރެއް ގުޑުވައެއް ނުލެވޭނެ އަޅުގަނޑުމެން ޒުވާނުން މި ސަރުކާރު ދަމަހައްޓާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނަށް ޔަގީންކަން މިއަރުވަނީ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ރަށްރަށުގައި ތިބި ޖުމްހޫރީ ޕާޓީގެ ޒުވާނުން އެންމެން ގަނޑުކޮށް ޕީޕީއެމްއަށް ބަދަލުކޮށްލާނަމޭ،" މޫސާ އަންވަރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޔޫތު ލީގުގެ މެމްބަރުންގެ އިތުރުން އދ. ކުނބުރުދޫ ކައުންސިލްގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އެ ކައުންސިލްގެ ރައީސް މުހައްމަދު ޝަފީގުއާއި ކައުންސިލް މެމްބަރު މުހައްމަދު އާދަމާއި އަލީ ވަހީދު އަދި މުހައްމަދު އަޒުމީލް ވަނީ މިރޭ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. އަދި އދ. މަހިބަދޫ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު އަލީ ފުއާދު ވެސް ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

މީގެއިތުރުން އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު ވެސް ވަނީ މިރޭ ޕީޕީއެމަށް ސޮއިކުރައްވާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު