މިހާރު އެންމެ ބޮޑު އަމާޒަކީ ގާސިމަށް ވެރިކަން ހޯދައި ދިނުން: ނަޝީދު

މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ހިނގަމުން މިދާ 2015 ވަނަ އަހަރު ވެރިކަން ބަދަލުވާނެ ކަމަށާއި، ދެން ވެރިކަމުގެ ގޮނޑިއަށް އަރުއްވާ ބޭފުޅަކީ ގާސިމް ކަމުގައި ހެއްދެވުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

"މިހާރު އެންމެ ދެކެން މިހުންނަނީ ގާސިމް އިބްރާހިމް ވެރިކަމަށް އައްނަ މަންޒަރު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިހާރު ހިނގަމުންދާ ވެރިކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލާކުވެގެން ދާނެ ކަމަށާއި، "ސިޔާސީ ހަޑިމުޑުދާރު ކަންކަމުން ދުރުހެލިވުމަށް ރައީސް ޔާމިނަށް ގޮވާލަން" ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 އަށް މަޑުކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމައުއަށްވެސް ސިޔާސީ މަސައްކަތަށްވެސް ސިޔާސީ މަޝްރަހަށްވެސް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް، މިވަގުތު އަޅުގަނޑުމެން ފިޔަވަޅު އަޅަން އެބަޖެހޭ، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންގެ ކިބައިން މި އެެދެނީ މިކަމުގައި އަޅުގަނޑުމެންނާ ބައިވެރިވުމަށް" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބޭރު ދުނިޔޭގެ ބޮޑެތިސަރުކާރު ތަކުންނާއި، ކުންފުނިތަކުންނާއި، ދިވެހި ރައްޔިތުން އެދެނީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަން ބަދަލުވާން ކަމަށާއި، މިއަހަރު އެކަން ކާމިޔާބު ވާނެ ކަމަށެވެ.

މިރޭގެ ޕްރޮގްރާމުގައި ނަޝީދު ވަނީ ގާސިމާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު