ގާނޫނު އަސާސީއާ ހިލާފު ކަމެއް މި ސަރުކާރުން ކޮށްފައެއް ނުވާނެ: ޕީޕީއެމް

ގާނޫނު އަސާސީއާ ހިލާފަށް "ހަމަ އެންމެ" ކަމެއް ވެސް ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައި ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުރަހީމް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް މިސަރުކާރުން ކޮށްފައިވާ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ދެއްކިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ހަމައެކަނި ޕޯޑިއަމްތަކުގައި ދެއްކިއަސް ކަމުނުދާނެ ކަމަށާއި ގާނޫނާއި ހިލާފުވި ކަންތައްތައް ވެސް ރައްޔިތުންނަށް އަންގައިދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގާނޫނު އަސާސީއާ ހިލާފުވެގެންނޭ ކިއާފައި އެމްޑީޕީގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފުވެގެން އުޅޭތީއޭ ކިއާފައި ނުކުންއިރު އަޅުގަނޑުމެން ބައިވަރު ކަންތައްތަކެއް ދެއްކީމު. ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ވާހަކަ އާއި ޖޭއެސްސީ ހައިޖެކް ކުރި ވާހަކަ އަޅުގަނޑުމެން ދެއްކީމު. ރައްޔިތުން މަޖިލިސް ހިސާރު ކުރި ވާހަކައާ ސިޔާސީ މީހުން ހައްޔަރުކުރި ވާހަކަ އަޅުގަނޑުމެން ދެއްކީމު. މިފަދަ އެތައް ވާހަކަތެއް އަޅުގަނޑުމެން ދެއްކީ އޭގައި އެތައް ހުއްޖަތްތަކެއް ހުރީމަ،" އަބްދުރަހީމް ވިދާޅުވި އެވެ.

އަބްދުރަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި އެކަންތައްތަކަކީ ގާނޫނާ ހިލާފުވި ކަންކަން ކަމަށް ބުނެ ހުކުމް ކޮށްފައި ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އަމަންކަން ނަގާލާ މަގުމަތި ހަލަބޮލި ކުރަން އުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.

"އެކަމަކު މިއަދު އެމްޑީޕީއާ އެކު ނުކުމެ ވަޑައިގެން މި ވިދާޅުވަނީ މިއުޅެނީ ގާނޫނު އަސާސީ ހިމާޔަތް ކުރާށޭ. މިއުޅެނީކީއެއް ގާނޫނު އަސާސީ ހިމާޔަތް ކުރާކަށެއް ނޫން. މިއުޅެނީ ތިމާގެ ސިކުނޑީގައި ދިވެހި ރާއްޖޭގެ ވެރިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތިގެން އެކަމާ ހެދި ހަލާކުވެގެން ދިވެހި ރާއްޖޭގެ އަމާންކަން ނަގާލަން ހިމޭންކަން ނަގާލަން މިއުޅެނީ. ކޮންމެހެން ގާނޫނު އަސާސީ ހިމާޔަތް ކުރާކަށެއް ނޫން،" އަބްދުރަހީމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އޭނާ ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެކޮޅުން ހަތިޔާރު ފެނުމުން އެކަމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅުދައްކަވާފައި އެވެ.

"ހަމަ ތެދެއް މިބުނީ ތަލިން ދިޔައީ ކުޅު ހިކިގެން. އަނގައިން ދިޔައީ ބަސް ހުއްޓިގެން. އެގެއިން ފެނުނުކަމަށް އެ ބުނާ ހަތިޔާރު ފެނުނީމާ އަޅުގަނޑު ހިތަށް އެރީ މިއީ އަނެއްކާ ކީއްކުރަން ބާއޭ އުޅުނީ. ރައީސުލްޖުމްހޫރިއްޔާ އެހާ އިތުބާރު ކުރައްވާފައިވާ ބޭފުޅަކު ނުހުންނާނެ،" އަބްދުރަހީމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު