ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ޕީޕީއެމަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ސަރުކާރު ހިންގާ ޕީޕީއެމް އަށް މިރޭ ސޮއިކުރައްވައިފި އެވެ.
އޭނާ ކުރިން ހުންނެވީ އިދިކޮޅު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.

ޔާމީން ސޮއިކުރުމަށް ފަހު ޕީޕީއެމްގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އޭނާ އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގަތީ އެމްޑީޕީގެ މިހާރުގެ އުސޫލުތައް ކަމުނުދާތީ ކަމަށެވެ.

"ދަންނަވަންތޯ އެ އޮޑި ފުރިއްޖެ. ބާޣީން ގާޒީންނަށް ބަދަލުވެއްޖެ. ފިތި ބާރުވީމާ ދެން ކޮންމެވެސް އެއްބަޔަކު ނުކުންނާނެ. ނުކުތީ އެ އުސޫލުތައް ކަމުނުދާތީ. އަޅުގަނޑުމެންނަށް މި އޯގާތެރި ސަރުކާރުން އުއްމީދު އެބަ ފެނޭ. އަޅުގަނޑުމެންގެ ޒުވާނުންނަށް އެ އުއްމީދު އެބަފެނޭ. ހަމަގައިމު ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މި ސަރުކާރުގެ އެހީތެރިކަމާ އެކު ޒުވާނަކަށް ފަހު ޒުވާނެއް އަރަމުން އަންނަތަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީގައި ޒުވާނުން ނުކުމެއްޖެ ނަމަ "ފައިގައި އަޅާފައި ވައްޓާލަނީ،" ކަމަށެވެ. އެމްޑީޕީ އިން މިއަދު ޑިމޮކްރަސީގެ ވާހަކަ ދައްކާ އިރު އެ ޕާޓީގެ ވެސް ހުރިހާ ގުނަވަންތަކުން ޑިމޮކްރަސީއަށް ތަބާވާތަން ފެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ "ކަންފުޅެއް" ވެސް އެމްޑީޕީގައި ނެތް ކަމަށެވެ.

ޔާމީން ޕީޕީއެމަށް ގުޅިވަޑައިގަން އިރު ޔާމީނާ އެކު ވެލިދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު އިބްރާހިމް ހަލީލު ވެސް ސޮއިކުރައްވާފައިވެ އެވެ. އަދި ވެލިދޫގެ ކުރީގެ ބޮޑު ކަތީބުކަން ކުރެއްވި އިބްރާހިމް ހަލީމް އަދި ކުޑަ ކަތީބުކަން ކުރެއްވި އިބްރާހިމް ނައީމް ވެސް ވަނީ މިރޭ ޕީޕީއެމް އަށް ސޮއިކުރައްވާފަ އެވެ. މީގެއިތުރުން ވެސް ވެލިދޫގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މިރޭ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. މިރޭ ޕީޕީއެމާ ވަނީ ގިނަ އަދަދެއްގެ ޒުވާނުން ވެސް ގުޅިވަޑައިގެންފަ އެވެ. އެގޮތުން ޓީސީގެ ބައެއް ޒުވާނުންނާއި ޒެފްރޯލް ސްޕޯޓްސްގެ ޒުވާނުންނާއި މަސްއޮޑީ ޒުވާނުން ވެސް މިރޭ ވަނީ ޕީޕީއެމާ ގުޅިފަ އެވެ.

comment ކޮމެންޓް