ބޯހިޔާވަހިކަން ހަމަނުޖެހޭކަމަށް ބުނެ ތިން މީހަކު އަދިވެސް މާފިލާފުށީގައި

ރަށުގެ މީހުން އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ ޅ. މާފިލާފުށީގައި އެ ރަށުގެ ތިން މީހަކު އަދިވެސް ދިރިއުޅެމުންދާ ކަމަށް ޅ. އަތޮޅުގެ ކައުންސިލުން ބުނެފި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މާފިލާފުށީގެ ރައްޔިތުން އެހެން ރަށްތަކަށް ބަދަލުކޮށްފައިވީ ނަމަވެސް މާފިލާފުށީގައި ދެ އާއިލާއަށް ނިސްބަތްވާ ތިން މީހަކު އަދިވެސް ދިރިއުޅެމުން ދާކަމަށް ޅ. އަތޮޅު ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނާ ގޮތުގައި އެމީހުން މާފިލާ ފުށީގައި ދިރި އުޅެމުންދަނީ އެމީހުންގެ ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާތީ އެވެ.

އަތޮޅު ކައުންސިލުން ބުނީ މިހާރު އެމީހުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަށުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެ އަތޮޅުގެ ބޭނުން ރަށަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ. އަދި މާލެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ހުޅުމާލެއިން ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ޅ. އަތޮޅު ކައުންސިލުން ބުންޏެވެ.

މާފިލާފުށީގައި ދިރިއުޅެމުން ދިޔަ 14 އާއިލާ އެހެން ރަށްރަށަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ސަރުކާރުގެ 100 ދުވަހުގެ އަމާޒުގެ ތެރެއިން ހަތް އާއިލާއަކަށް ސަރުކާރުގެ ޚަރަދުގައި ތިން ކޮޓަރި ފްލެޓުތަކެއް ހުޅުމާލެއިން ހަމަޖައްސައިދީފައިވެ އެވެ. ބައެއް އާއިލާތަކުން އެދުނު ގޮތަށް ޅ. ނައިފަރާއި އެއަތޮޅު ހިންނަވަރާއި ހދ. ހަނިމާދޫއާއި އެއަތޮޅު ކުޅުދުއްފުއްޓާއި އަދި ނ. މަނަދުއަށް އެ އާއިލާތަކުގެ މީހުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ.

މާފިލާފުއްޓަކީ ފަޅު ރަށެއްގެ ގޮތުގައި 2011 ވަނަ އަހަރު ސަރުކާރުން އިއުލާންކޮށްފައިވާއިވާ ރަށެކެވެ. އެ ރަށުގައި މީހުން އާބާދު ކޮށްފައި ވަނީ 1989 އިން ފެށިގެންނެވެ. އެ ރަށަކީ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހަށް ދޫކޮށްފައިވާ ރަށެކެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު 'ސަން' އަށް ވިދާޅުވީ، ބޯހިޔާވަހިކަމެއް ހަމަޖެހިފައިނުވާ ކަމަށް އެ ތިން މީހުން ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން މާފިލާފުށީގެހުރިހާ ފަރާތްތަކަށް ވެސް އެހެން ރަށްރަށުން ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދީފައިވާ ކަމަށާއި ސަރުކާރުން ހަމަޖެއްސި ކަންތައްތައް ބައެއް މީހުން ގަބޫލުނުކުރަނީ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ އެކު މަޝްވަރާކޮށް އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު