ކުޑަކުދީން ދިރިއުޅޭ މާހައުލަކީ ރައްކާތެރި ތަނަކަށް ވާންޖެހޭ: އާކް

ކުޑަ ކުއްޖަކު އުޅޭ ވެއްޓަކީ އެ ކުއްޖަކަށް ނުރައްކާތެރި ވެއްޓަކަށް ވެއްޖެ ނަމަ އެއީ އެ ކުއްޖާ ދިރިއުޅޭ ގެ ނަމަވެސް އެތަނަކުން އެންމެ ރައްކާތެރި ވެއްޓަކަށް އެ ކުއްޖާ ގެންދަން ޖެހޭ ކަމަށް އެޑްވަކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން ކުއްޖާގެ ކަރާމާތަށް ގެއްލުމެއްވާނެ ކަމެއް އެއްވެސް މީހަކު ކޮށްފި ކަމަށް ތުހުމަތު ކުރެއްވިއްޖެ ނަމަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ލަސްނުކޮށް އެކަމެއް ހުށަހެޅުމުން އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

އާންމު އުސޫލެއްގެ ދަށުން އެގޮތަށް އަޅަން ޖެހޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ އަނިޔާ ލިބެމުންދާ ވެށިން ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކުރުން ކަމަށް ވެސް އާކުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އާކް ޖަމިއްޔާ އިން ބުނީ، ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އަންނަ ބައެއް މައްސަލަތަކުގެ ތެރެއިން ބައެއް ފަހަރު މައިންބަފައިންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ބެލެނެވެރިންގެ ހަވާލުގައި ކުއްޖާ ބަލަހައްޓާ ކަމަށެވެ. އަދި އެ ގޮތަށް ކުއްޖާ ބަހައްޓާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ވަރަށް މައްސަލަ މޮނީޓާ ނުކުރެވޭކަން އެ ޖަމިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ އިއްޔެ ވ. ރަކީދޫގައި ހިނގައި ދިޔަ މައްސަލައިގެ ސަބަބުން މުސްތަގުބަލުގައި އެފަދަ ހިތާމަވެރި ކަންތައްތައް ހުއްޓުވުމަށް ޓަކައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކަށް ފިޔަވަޅު އެޅުމުގައި ރާއްޖޭގެ "ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް"ގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ޓަކައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެސެސްމަންޓެއް ހެދުމަށް އެ ޖަމިއްޔާ އިން ބާރުއަޅާ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް އަތޮޅުތަކުގައި އުފައްދާފައިވާ އެފަދަ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތު އޮންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކަށް އެކަށީގެންވާ ބަޖެޓާއި ތަމްރީން ލިބިފައިވާ މުވައްޒަފުންނާއި އަދި ކުއްލި ހާލަތްތަކުގައި ކުދިން ބެލެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ޓަކައި އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް އެފަދަ ނިޝާންތައް ދެނެގަންނާނެ ގޮތާއި އެފަދަ ކަމަކަށް ޝައްކު ކުރެއްވިއްޖެ ނަމަ ދެން ކަންތައްތައް ކުރާނެ ގޮތް ފަރުދީ ގޮތުންވެސް ދެނެގަންނަން ޖެހޭނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ މިނިސްޓްރީގެ ބޭފުޅުން އެ ރަށަށް ގޮސް ބެލި އިރު އިބްތިހާލް ހުރީ އޭނާގެ މަންމަ އާފިޔާގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. އަނިލް ވިދާޅުވީ އެވަގުތު އިބްތިހާލް ހުރީ އޭނާ މަންމަ ފަރާތު ތިމާގެ މީހެއްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި މަންމަ ފަރާތު ތިމާގެ މީހާގެ ގާތު އިބްތިހާލް ބެހެއްޓުމަށް ވ. ރަކީދު އަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ޓީމުން ލަފާ ދީފައިވާނެ ކަމަށް އަނިލް ވިދާޅުވި އެވެ.


"އާންމު އުސޫލެއްގެ ގޮތުން މިކަން ކުރާ އިރު އަބަދުވެސް އަޅުގަނޑުމެން މިބަލަނީ އެކުއްޖެއްގެ އެންމެ ރަނގަޅު މާހައުލެއް ގާއިމް ކޮށްދިނުމަށް ޓަކައި އެ އަނިޔާދޭ މާހައުލެއްގައި ހުންނަ އޭނަ އަށް ރައްކާތެރި މާހައުލެއް ދޭނެ ފަރާތަކާ ހަވާލުކުރެވޭތޯ. އެފަދަ ފަރާތެއް ނެތް ހާލަތެއްގައި ނޫނީ ދައުލަތުގެ ބެލުމުގެ ދަށަކަށް އަޅުގަނޑުމެން ނުގެންނަން. އަދި އެއީ އެކުދިންގެ މަސްލަހަތަށް ޓަކައި ބަލާފައި،" އަނިލް ވިދާޅުވި އެވެ.

ސަރުކާރުން އެކުލަވާލާފައިވާ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު، ވީ އެންމެ އަވަހަކަށް މަޖިލީހަށް ފޮނުވައި އެ ބިލް މަޖިލީހުންވީ އެންމެ އަވަސް ފުރުސަތެއްގައި ފާސްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އާކް ޖަމިއްޔާ އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު