އިބްތިހާލްގެ މަރުގެ މައްސަލަ އަންނަ ހަފްތާގައި މަސްއޫލިއްޔަތު ކޮމިޓީން ބަލަނީ

ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ކުއްޖަކު ވ. ރަކީދޫ އިން ފެނުނު މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް އެޖެންޑާ ކޮށްފި އެވެ.

މި މައްސަލަ އެޖެންޑާކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހަށެވެ. އެޖެންޑާގައި ވަނީ ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް ތިން އަހަރުގެ ކުއްޖަކު މަރުވެފައިވާތީ އެކަން ހިނގާފައިވާ ގޮތް ބަލައި ދިރާސާ ކުރުމެވެ.

އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއާއި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އެވެ.

މަރުވެފައި އޮއްވައި ފެނުނު އިބްތިހާލުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އަދި އެކުއްޖާއަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ވަނީ ކައުންސިލުން ނަސޭހަތްތެރިވެފައެވެ. ތިން އަހަރުގެ އިބްތިހާލުގެ އިތުރުން ވެސް އެ އަންހެން މީހާގެ ތުއްތު ދެކުދިން ތިބެއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިބްތިހާލު ވަޅުލާފައިވަނީ ފުލުހުންނާއި ޑޮކްޓަރުން އެ ކުއްޖާގެ ހަށިގަނޑު ރަނގަޅަށް ބެލުމަށްފަހު ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ކަމަށް ވެސް ސީޕީ ވަހީދު ވިދާޅުވި އެވެ.

އިބްތިހާލަށް އަނިޔާ ކުރި މައްސަލަ ބެލުމަށް ފަހު، އެކުއްޖާ އޭރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން ޖެންޑާ މިނިސްޓްރީ އިން ކަށަވަރުކޮށްފައިވާނެ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު