ގެވެށި އަނިޔާތަކުގެ މައްސަލަތަކުގައި ގާނޫނީ ގޮތުން ރައްކާތެރިކަން ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް: އެޗްއާރްސީއެމް

ގެވެށި އަނިޔާތަކުގެ މައްސަލަތަކުގައި ގާނޫނީ ގޮތުން ލިބިދެވޭ ރައްކާތެރިކަން ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމާ އެކަމަކީ ދައުލަތުގެ އިހުތިޔާރަށް ދޫކޮށްލާފައިވާ ކަމެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލްގެ މައްސަލާގައި އެކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެވެށި އަނިޔާގެ ޝިކާއަރަކަށްވާ ފަރާތްތަކުގެ ހައްގުގައި ދައުލަތުން އުފުލަންޖެހޭ އަޑު އުފުލާ ނުދެވޭ ކަމުގައި ވަނީނަމަ އެފަރާތްތަކަށް ގާނޫނީ ހިމާޔަތް ނުލިބި ދައުލަތުގެ ޒިންމާގައި ހިމެނޭ ރައްކާތެރިކަން ނުލިބޭ ކަމަށެވެ.

އަދި އިބްތިހާލްގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާ އިބްތިހާލުގެ ގެއްލިފައިވާ ހައްގުގެ އަޑު އުފުލައި، އެކަމުގައި އިހުމާލުވާ ފަރާތްތައް ހޯދުމަށް އެޗްއާރްސީއެމް އިން ތަހުގީގު ކުރާނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި އެހެންނަމަވެސް އެކަމަށް ހައްލެއް ގެނެވިފައި ނުވާ ކަމަށެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ދިމާވާ ކޮންމެ ފަހަރަކުމެ ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އިތުރަށް ހަރުދަނާ ކުރުމާ މެދު ވިސްނާ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާ ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރުމަށް އަވަސްކުރަންޖެހޭ ކަމަށާއި އެއަށް އަމަލީ ސިފައެއް ގެންނަން ޖެހޭ ކަމަށެވެ. ދައުލަތުގެ ވަސީލަތްތައް ނެތްކަމަށް ބުނެ މިއަދަކު އެފަދަ ކަންކަން ނުކޮށް ތިބުމުގެ ހުއްޖަތެއް އޮތްކަމަށް އެކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މިހާދިސާގައި ނިޔާވި ތުއްތު ކުއްޖާއަށް ގެވެށި އަނިޔާ ލިބެމުންދާކަން ދައުލަތަށް އެނގިތިބެ ރައްކާތެރި މާހައުލަކަށް އޭނާ ގެންދެވިފައި ނުވާ ކަމީ މިކޮމިޝަނުން ކުއްވެރިކުރާ އަދި މިފަދަ މައްސަލަތަކުގައި އަަމަލުކުރާ ގޮތާއިމެދު ސުވާލު އުފެދޭ ކަމެކެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން މިހެން ބުނެފައިވާއިރު އިބްތިހާލަށް އަނިޔާ ކުރި މައްސަލަ ބެލުމަށް ފަހު، އެކުއްޖާ އޭރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން ޖެންޑާ މިނިސްޓްރީ އިން ކަށަވަރުކޮށްފައިވާނެ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވަނީ ވިދާޅުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު