ފެން ފަންޑަށް ތައިލެންޑުން 50،000 ޑޮލަރު ދީފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މާލެއިން ފެން ކެނޑު ހާދިސާއާ ގުޅިގެން އެހީތެރިވުމުގެ ގޮތުން ތައިލެންޑް ސަރުކާރުން ރާއްޖެއަށް 50،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

ތައިލެންޑް ސަރުކާރުގެ އެ އެހީ ދިވެހި ސަރުކާރާ ހަވާލުކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނޮޕޯން އަޑްޝަރިޔަވަނިޗް އެވެ. ފޮރިން މިނިސްޓަރު ދުންޔާއާއި ފައިސާގެ ޗެކް އޭނާ ހަވާލުކޮށްދެއްވީ އެކަމަނާގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައެވެ.

ދެބޭފުޅުން މިއަދު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުން ދުންޔާ ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރާއްޖެއާ އެކު މަސައްކަތް ކުރާނެ ކަމާއި ގުޅުން އިތުރަށް ބަދަހި ކުރަން ތައިލެންޑް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމްބެސެޑަރު ވަނީ މިނިސްޓަރު ދުންޔާއަށް ދެއްވާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު