ހިތަދޫ ޒުވާނުންގެ މަރުކަޒުގެ އާބާތުރަ ފިލުވަން 1.2 މިލިއަން ރުފިޔާއަށް އެމްއާރްޑީސީއާ ހަވާލުކޮށްފި

އައްޑޫސިޓީގެ ހިތަދޫގައި ގާއިމްކުރެވިފައިވާ ޒުވާނުންގެ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް 1.2 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއްގެ ދަށުން ޔޫތު މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރެޝަން (އެމްއާރްޑީސީ)އާ ހަވާލުކޮށްފި އެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށް ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ. އަދި އެމްއާރްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.

ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ، ހިތަދޫގެ ޒުވާނުންގެ މަރުކަޒު އާބާތުރަ ފިލުވުމުގެ މަސައްކަތް ލަސްވެގެން ދިޔަ ސަބަބަކީ އާންމު ފަރާތަކުން އެތަނުގައި ހިންގަމުން ދިޔަ ޖިމްގައި ހުރި ބައެއް ސަމާނު އެތަނުން ނުނެރުމުން ކަމަށެވެ. އަދި އެތަން އާބާތުރަ ފިލުވުމަށްފަހު ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެތަން ހުޅުވިގެން ދިޔުމަކީ ޔޫތު މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި މަސައްކަތް ނުކުރެވިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ އާންމު ފަރާތަކުން އެތަނުގައި ހިންގަމުން ދިޔަ ޖިމްގައި ހުރި ސާމާނު އެތަނުން ނުނެރި ހުރުމުގެ ސަބަބުން. ނަމަވެސް މިހާރު އެ ސާމާނު އެހެން ދިމާލަކަށް ބަދަލުކުރެވި، އެތަން އާބާތުރަ ފިލުވުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކުރެވިގެން މި ދިޔައީ. ހިތަދޫއަކީ ވަރަށް ގިނަ ޒުވާނުންތަކެއް ދިރިއުޅެމުންދާ ރަށެއް ކަމަށް ވުމާއެކު އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ހިތަދޫ ޒަވާނުންގެ މަރުކަޒު އާބާތުރަ ފިލުވާ ޒުވާނުންނަށް އެތަން ބެނުންކުރެވޭ ފަދަ ތަނަކަށް ހެދުން،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެމްއާރްޑީސީއާ އެ މަސައްކަތް ހަވާލުކުރެވިގެން ދިޔަ ސަބަބަކީ އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އައްޑޫ އަތޮޅުގައި އެންމެ ރަނގަޅު އެއް ގޮފި ހިންގަމުންދާ ކުންފުނި ކަމަށް ވާތީ ކަމަށާއި، އެ ކުންފުންޏަކީ ހަވާލުކުރެވޭ މަސައްކަތްތަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާ ކުންފުންޏަކަށް ވާތީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއާރްޑީސީގެ މެނޭޖިންގް ޑައިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ، މިއަދު ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމަކީ ތިން މަސްދުވަހުގެ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެއަށްވަރެ އަވަސް މުއްދަތެއްގެ ތެރޭގައި ނިމޭނެ ކަމަށާއި، އެ މުއްދަގެ ކުރިން މަސައްކަތް ނިންމުމަށްފަހު އެތަން ޔޫތު މިނިސްޓްރީއާ ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ނަޒީމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު