ހިލޭ ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް އޭޑީކޭ ހޮސްޕިޓަލުން ބާއްވަނީ

ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިލޭ ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް އޭޑީކޭ ހޮސްޕިޓަލުން ބާއްވަން ނިންމައިފި އެވެ.

މިއަދު އޭޑީކޭ ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފެށޭ ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ސްކްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އައްފާލު ވިދާޅުވި އެވެ. އެގޮތުން ސްކްރީނު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އާދިއްތަ ދުވަހުގެ ހެނދުނު އަށެއްގެ ފަހުން 7638246 ނަންބަރު ފޯނަށް ގުޅުއްވާ ނަންނޯޓު ކުރެއްވަމުން ގެންދިއުމަށް އައްފާލު ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ އަބްދުއްސަމަދު ހޮސްޕިޓަލުގައިވެސް ކެންސަރު ބައްޔަށް ސްކްރީނު ކުރުމުގެ ކޭމްޕެއް ފެށޭ ހަފްތާގެ ހުކުރު އަދި ހޮނިހިރުގައި ބޭއްވިގެން ދާނެ ކަމަށް އައްފާލު ވިދާޅުވި އެވެ. އަދި ކެންސަރު ސްކްރީީނު ކުރުމަށް ބޭއްވޭ ކޭމްޕުގައި ބައްލަވާނީ އިންޑޯ އެމެރިކަން ކެންސަރ ހޮސްޕިޓަލުގެ ޑޮކްޓަރުންކަމަށް އޭނާ ވިދާޅުވި އެވެ.

ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް ހިލޭ ކެންސަރަށް ސްކްރީނުކުރުމުގެ އިތުރުން، ފެށޭ ހަފްތާގެ ބުދަ ދުވަހު "ކެންސަރ ވޯކް" ގެ ނަމުގައި ހިނގާލުމެއް ބާއްވަން ހަމަ ޖެހިފައިވާ ކަމަށް އައްފާލު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހިނގާލުމުގެ ބޭނުމަކީ ކެންސަރު ބަލީގެ ދުވަހު ހަށިގަނޑަށް ފައިދާ ހުރި ކަމެއް ކުރުން ކަމަށެވެ.

އެޑީކޭ ހޮސްޕިޓަލުން އިންތިޒާމު ކޮށްގެން ކެންސަރު ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އިންޑޯ އެމެރިކަން ކެންސަރު ހޮސްޕިޓަލް، އިންޑިއަން ހައިކޮމިޝަން، އަދި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބައިވެރިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު