މަތިންދާ ބޯޓުގައި ދިވެހި އުފެއްދުން ވިއްކޭނެ ގޮތް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ބައިނަލްއަގުވާމީ މަތިންދާ ބޯޓެއްގައި ދިވެހި އުފެއްދުންތައް ވިއްކޭނެ ގޮތް ހެދުމަށް ސަބާ މޯލްޑިވްސް އާއި މެގަމޯލްޑިވްސް އަދި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަބާގެ ފަރާތުން ސޮއި ކުރެއްވީ، ސްޓޭޓް މިނިސްޓަރު އަދި ސަބާގެ ޗެއާމަން ފާރިޝް މައުމޫން އެވެ. މެގަމޯލްޑިވްސް އިން އެ ކުންފުނީގެ ސީއީއޯ ޖޯޖް ވީންމަން ސޮއި ކުރެއްވިއިރު އިކޮނަމިކް މިނިސްޓްރީގެ ފަރާތުން އެއް ބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއަދު ވެވުނު އެއްބަސް ވުމަކީ، ދިވެހި އުފެއްދުންތައް އެހެން ގައުމުތަކުގައި ވިއްކުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި އެ ފިޔަވަޅުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންމެ ފިހާރައަކުންވެސް ދިވެހި އުފެއްދުން ލިބެން ހުންނާނެގޮތަށް ކުޑަ ތަންކޮޅެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާފުޅެއް ދެއްވާފައިވާ ކަމަށެވެ.

"ހަމައެއާއެކު ލަފާފުޅެއް ދެއްވި މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންމެ ފިހާރައެއްގައިވެސް ދިވެހި ކޯނާއެއް ބެހެއްޓުމަށް. އެހެން ކަމުން ދިވެހި އަންހެން ބޭފުޅުންގެ މަސައްކަތް ތައް އަދި ހާއްސަކޮށް ދިވެހި އުފެއްދުންތައް މިއަދުގެ ބާޒާރަށް ނެރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ އެހެން ހުރިހާ މަތިންދާ ބޯޓުގެ ސްކައި ޝޮޕްތަކުގައި ދިވެހި އުފެއްދުންތައް ވިއްކަން ލިބޭނޭ ގޮތް ހެދުމަށް މަޝްވަރާ ކުރުމަށް ރައީސް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެގަމޯލްޑިވްސްގެ ސީއީއޯ ޖޯޖް ވީންމަން ވިދާޅުވީ، ސްކައި ޝޮޕްތަކުގައި އެންމެ ގިނައިން ވިކޭ ތަކެއްޗަކީ ލޯކަލް ތަކެތި ކަމަށާއި ލޯކަލް ތަކެތި ވިއްކައިގެން މަހެއްގެތެރޭގައި 100،000 ރުފިޔާ ހޯދުމަކީ އަމާޒު ކަމަށެވެ.

ސަބާ އަކީ ދިވެހި އުފެއްދުންތައް އެއްތާކުން ހޯދުމަށްޓަކައި އުފައްދާފައިވާ ތަނެކެވެ. އެގޮތުން ދިވެހި އުފެއްދުންތައް ވިއްކުމަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަކިން ފިހާރައެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ސަބާގެ މެމްބަރުންގެ 90 އިންސަތައަކީ އަންހެނުން ކަމަށް ވާތީ އެކަމާ އުފާކުރާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު