ކަނޑު އަޑި ހޯދަން ބޭނުންކުރާ އުޅަނދެއް މަޓީން ސިފައިންނަށް ހަދިޔާކޮށްފި

ކަނޑުގެ އަޑިން ތަކެތި ހޯދަން ބޭނުންކުރާ، މީހުންނާ ނުލައި ފީނާ އުޅަނދެއް 'ރިމޯޓްލީ ކޮންޓްރޯލްޑް ވެހިކަލް' (ރޯވް) އެއް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަދިޔާކޮށްފި އެވެ.

މިއަދު މެންދުރު ފަހު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އުޅަނދު ހަވާލުކޮށްދެއްވީ މަޓީގެ ޗެއާމަން މުހައްމަދު އުމަރުމަނިކެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެއުޅަނދާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރް އޮފް ޑިފެންސް މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލެވެ.

މަޓީން މިއަދު ހަދިޔާކުރީ، އުޅަނދު ފަހަރު ފެތުމާއި މަތިންދާބޯޓް ވެއްޓުން ފަދަ ހާދިސާތައް ހިނގުމުން އުޅަނދާއި މީހުން ހޯދުމަށް ދުނިޔޭގައި ތައާރަފްކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ އުޅަނދެކެވެ. " ސީލަޔަން2" އަކީ 1000 ފޫޓް ( ގާތްގަނޑަކަށް 300) މީޓަރު އަޑިއަށް ފޮނުވައިގެން ހޯދުމުގެ އޮޕަރޭޝަން ތައް ހިންގޭ ފަދަ އުޅަނދެކެވެ. މަޓީން އެ އުޅަނދު ހަދިޔާކޮށްފައި ވަނީ 1500 ފޫޓުގެ ކޭބަލަކާއި އެކުގައެވެ.

އެއުޅަނދުގެ ބޭނުންތެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުހައްމަދު އިބުރާހީމް ވިދާޅުވީ ސީލަޔަން2 އަކީ ރާއްޖޭގެ އެތެރެވަރީގެ ހުރިހާ ސަރަހައްދެއް ބެލުމަށް ވެސް ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ.

އޭގެ އަގަކީ ގާތްގަނޑަކަށް 70،000 ޑޮލަރެވެ.

"... އާދެ މި އެއްޗަކީ ކަނޑުއަޑީގައި އަޅުގަނޑުމެންނަށް އިފެކްޓިވްކޮށް ގާތްގަނޑަކަށް 1000 ފޫޓަށް އަޅުގަނޑުމެންނަށް ބެލޭނެ އެއްޗެއް. އެހެން ނަމަވެސް މަޓީން އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތީ 1500 ފޫޓުގެ ކޭބަލްއަކާ އެކު،" އޭނާ ވިދާޅުވި އެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ ސީލަޔަން2 ހަދިޔާ ކުރީ ކޯސްޓްގާޑުން ކުރައްވާ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އަދި ވިދާޅުވީ ރިޒޯޓްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި މީހުން ގެއްލުން ފަދަ ހާދިސާތަކުގައި އެމްއެންޑީއެފުން ވަރަށް ބޮޑެތި ހޭދަތައް ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މަޓީގެ ބޭނުމަކީ ކޮންމެހެން ހަރަދު ކުޑަކުރުން އެކަނި ނޫން ކަމަށާއި މަސައްކަތް ފަސޭހަކޮށްދިނުމަކީ ވެސް އެއުޅަނދު ހަދިޔާ ކުރުމުގެ އެއް ބޭނުން ކަމަށެވެ.

"...އަޅުގަނޑުމެންގެ ބޭނުމަކީ ހަމައެކަނި ހަރަދުކުޑަކުރުމެއް ވެސް ނޫން. އެމަސައްކަތުގައި އިތުރު ލުއިތަކެއް ހޯދައި ދިނުން. އެމަގުސަދުގައި ދެން. ދެން އެކަން ހާސިލުވެއްޖެއްޔާ އަޅުގަނޑުމެންނަށް ވަރަށް ހިތްހަމަޖެހުން ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއުޅަނދު ބޭނުންކުރުމުގެ ޓްރޭނިން ވެސް ސިފައިންނަށް ދިނުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަޓީއަށް ޝުކުރު އަދާކުރުމުގެ ގޮތުން ސިފައިން ވަނީ ހަނދާނީ ފިލައެއް ދީފައެވެ. އެފިލާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސްފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމެވެ. މަޓީގެ ފަރާތުން ލިއުމާ ހަވާލުވެވަޑައިގެންނެވީ ޗެއާމަން މުހައްމަދު އުމަރުމަނިކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު