އިބްތިހާލްގެ މަރާ ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ އަންގަވައިފި

ބޮޑެތި ޒަޚަމްތަކާއެކު މާރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެތެރެއިން އިއްޔެ ފެނުނު މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ހިއުމަންރައިޓްސް ކޮމިޝަނަށް އަންގަވައިފި އެވެ.

މުހުތާޒު މިއަދު ވިދާޅުވީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން ހިއުމަންރައިޓްސް ކޮމިޝަނަށް އަންގާފައި ވަނީ މިއަދު ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މިއަދު ހިއުމަންރައިޓްސް ކޮމިޝަނަށް ފޮނުވި ސިޓީގައި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޖިނާއީ ދައުވާއެއް ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާނަމަ ވެވަޑައިގަތް އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެ މައްސަލަ އެ އޮފީހަށް ފޮނުވައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސާ މަރިޔަމް އަޒުރާ މިއަދު 'ސަން' އަށް ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނެރަލް އެދިވަޑައިގަތްގޮތުގެމަތިން އެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އަށް ގުޅުއްވައި ތަހުގީގު ކުރިއަށްދާކަން އަންގަވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަކީދޫ ކައުސިލުގެ ރައީސް އާދަމް ސާމީ ވިދާޅުވީ، މީގެ ކުރިން ވެސް އިބްތިހާލަށް އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެކުއްޖާގެ މަންމަ އާފިޔާ މުހައްމަދަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ތަކުރާރުކޮށް އިބްތިހާލަށް އަނިޔާކުރަމުން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު