އިބްތިހާލުގެ ޖަނާޒާ ބާއްވައިފި

ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މުހައްމަދު އިބްތިހާލުގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށް ފަހު އާ ސަހާރާގައި ބާއްވައިފި އެވެ.

އިބްތިހާލުގެ ޖަނާޒާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވި އެވެ. އިބްތިހާލުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު އާ ސަހަރާގައި ބޭއްވި އިރު މިއަދު މެންދުރު ކުރީގެ ވަގުތެއްގައި އިބްތިހާލުގެ މޫނު ދެއްކުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުލުހުންގެ ތަހުގީގު ޓީމަކުން ރަކީދޫއަށް ގޮސް އިބްތިހާލުގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ފުލުހުންނާއި ޑޮކްޓަރުން އިތުރަށް އިބްތިހާލުގެ ހަށިގަނޑު ޗެކްކުރުމަށްޓަކައެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލުގެ މަރާގުޅިގެން، އެކުއްޖާގެ މަންމަ ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ފުލުހުން ވަނީ އެކުއްޖާގެ މަންމަ ހައްޔަރުކޮށްފައެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، އިބްތިހާލަށް އަނިޔާ ކުރި މައްސަލަ ބެލުމަށް ފަހު، އެކުއްޖާ އޭރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން ޖެންޑާ މިނިސްޓްރީ އިން ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލު މަރުވެފައި އޮއްވައި ފެނުނީ އިއްޔެ 11:45 އެހާކަންހާއިރު އެ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމު ތެރޭން ކަމަށް ރަކީދޫ ކައުންސިލުން ބުންޏެވެ. އަދި އެކުއްޖާއަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައި ވާކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ. ތިން އަހަރުގެ އިބްތިހާލުގެ މަންމަގެ އިތުރު ދެކުދިން ވެސް ތިބެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު