އިބްތިހާލް މަރައިލި ކަމަށް މަންމަ އެއްބަސްވެއްޖެ ކަމަށް މީޑިއާތަކުން ބުނޭ: ޕޮލިސް ކޮމިޝަނަރު

ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ.ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި ކަމަށް އެކުއްޖާގެ މަންމަ ތަހުގީގުގައި އިއުތިރާފުވެފައިވާ ބައެއް މީޑިއާތަކުން ބުނަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވީ އެކުއްޖާގެ މަންމަ އިއުތިރާފުވި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކުއްޖާގެ މަންމަ ތަހުގީގުގައި އިއުތިރާފުވިކަމެއް ނުވަތަ ނޫން ކަމަމެއް ކޮމިޝަނަރު ވިދާޅެއް ނުވެއެވެ.

"އަޅުގަނޑުދުށިން މީޑިއާ އިން މަންމަ މައްސަލައިގައި އިއުތިރާފުވެއްޖެ ކަމަށް،" ހުސައިން ވަހީދު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިބްތިހާލު ވަޅުލާފައިވަނީ ފުލުހުންނާއި ޑޮކްޓަރުން އެ ކުއްޖާގެ ހަށިގަނޑު ރަނގަޅަށް ބެލުމަށްފަހު ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވިއެވެ.

ފުލުހުން މިހާރު މަސައްކަތް ކުރަނީ ވީއެންމެ އަވަހަކަށް އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭތޯ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ ރަކީދޫ ކައުންސިލް އިދާރާއިން އިއްޔެ މެންދުރު 12:10 އެހާކަންހާއިރު ހުށަހެޅި މައްސަލައާ ގުޅިގެން އެއަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމެއް އެރަށަށް ގޮސް އެ މައްސަލަ ތަހުގީގު ކުރަން ފެށިކަމަށެވެ. އަދި އޭގެފަހުން މާލެއިން އިތުރު ޓީމެއް އެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަކީދޫއަށް ދިޔަ ޓީމުގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޓްގެ ޓީމެއް ހިމެނޭ ކަމަށާއި އެމައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު