ނާޒިމްގެ ގެކޮޅުން ފެނުނީ ފިސްތޯލައަކާ ތިން ވަޒަން: ޕޮލިސް ކޮމިޝަނަރު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގ. އެނިފްގޭގެ އަށްވަނަ ފަންގިފިލާ ބަލައި ފާސްކުރިއިރު ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައަކާ ތިން ވަޒަން ފެނިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރުކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީޕީ ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އެގޭގެ އަށްވަނަ ފަންގިފިލާގައިވާ ދެ ފުލެޓް ބަލައި ބަލަފާސްކުރިއިރު، އެ އެޕާޓްމަންޓްގެ "ބީ" އިން ފެނިފައިވަނީ ނުވަ މިލިމީޓަރުގެ ފިސްތޯލައަކާއި މެގަޒިންގެ އިތުރުން އެހަތިޔާރާއި ގުޅޭ ތިންވަޒަނާއި ގޮވާތަކެތި ކަމަށް ބެލެވޭ އިމްޕްރޮވައިސް އެކްސްޕްލޯސިވް ޑިވަސްއަކާއި ޕެންޑްރައިވް އެއް ކަމަށެވެ.

އެގެއިން ފެނުނު ފިސްތޯލަކީ މީހެއްގެ ފުރާނަ ދުއްވާލުމުގެ ގާބިލުކަން ލިބިފައިވާ ފިސްތޯލެއް ކަމަށާއި ވަޒަނަކީ ވެސް އެ ފިސްތޯލައިގެ ވަޒަން ކަމަށް ސީޕީ ވިދާޅުވި އެވެ. ސީޕީ ހުސެއިން ވަހީދު ވިދާޅުވީ، އެގެއިން ފެނުނު އެކްސްޕްލޯސިވް ޑިވަސްއަކީ އިތުރު ބައެއް ހިމެނުމަށްފަހު ބޮޑެތި ގެއްލުންތަކެއް ދެވޭފަދަ ގާބިލު ކަމެއް ލިބިގެންވާ އެއްޗެއްގެ ގޮތުގައި ބަދަލު ކުރެވިދާނެ ޑިވައިސް އެއް ކަމަށެވެ. އަދި ޕެންޑްރައިވް ގައި ހުރި ބައެއް މައުލޫމާތަކީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި ފަހިވެފައި ހުރި ބައެއް ކަހަލަ މައުލޫމާތު ހިމެނޭ އެއްޗެއް ކަމަށެވެ.

ހުސެއިން ވަހީދު ވިދާޅުވީ، ސިފައިންގެ މީހެއްގެ އަތުގައި ހަތިޔާރު ބެހެއްޓުމުގެ ހުއްދަ އެއް ދީފައި ނުވާ ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރު ވެގެންނޭ ކިޔާފައި ހަތިޔާރު ހުންނަން ޖެހޭ ކަމަށް އެއްވެސް ގަވާއިދެއްގައި ނޯންނަ ކަމަށެވެ. އަދި ރާއްޖޭގައި ހަތިޔާރު ގެންގުޅުމުގެ ހުރިހާ ކަމެއް ކުރަމުން ގެންދިޔައީ އެމްއެންޑީއެފުން އެކަނި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ތަކެތީގެ ވެރިއެއް ސާފުކޮށްދިނުމަށް އެދުމުން ސިފައިންގެއިން އެއްވެސް ވަޒަނެއް ހަތިޔާރެއް މަދުނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށެވެ.

ނާޒިމްގެ އެޕާޓްމަންޓުން ނުރައްކާތެރި ހަތިޔާރު ފެނުނު ނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު އުފެއްދުމުން ސީޕީ ވިދާޅުވީ، އެރޭގެ އެވަގުތާއި މީހާގެ ޕްރޮފައިލް އާއި ފެނުނު ސާމާނަށް ބެލުމަށްފަހު ނާޒިމް ހައްޔަރު ނުކުރުން އެއީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ފުލުހުންގެ ތެރޭ މަޝްވަރާ ކުރުމަށްފަހު ނިންމީ ކަމަށެވެ.

"އެރޭގެ އެވަގުތާއި މީހާގެ ޕްރޮފައިލް އާއި ފެނުނު ސާމާނުގެ ތެރެއިން އަޅުގަނޑުމެންނަށް އެވަގުތު ގަބޫލު ކުރެވުނީ އެންމެ މަސްލަހަތު ހުރި ގޮތަކީ ހައްޔަރު ނުކުރުން ކަމަށް އެވަގުތަށް،" ސީޕީ ހުސެއިން ވަހީދު ވިދާޅުވި އެވެ.

ހުސެއިން ވަހީދު ވިދާޅުވީ، ނާޒިމް ހައްޔަރު ނުކޮށް މިހާތަނަށް ހުރީ، މައްސަލައިގައި ނާޒިމް އަދި ހައްޔަރު ކުރަން ޖެހޭ ކަމަށް ތަހުގީގު ޓީމަށް ނުފެންނާތީ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު