ކުޑަކުއްޖަކު ރޭޕް ކުރުމުގެ ކުށުގައި ސައޫދީ ސިފައިންގެ ސާޖެންޓަކު 35 އަހަރަށް ޖަލަށް

ލަސްވެގަސް (ޖަނަވަރީ 29) : 13 އަހަރުގެ ފިރިހެން ކުއްޖަކު ރޭޕް ކުރުމުގެ ކުށް ސާބިތުވެގެން ސައޫދީ ވައިގެ ސިފައިންގެ ސާޖެންޓަކު 35 އަހަރަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

މާޒިންއަލްޢުތައިބީ ނަމަކަށްކިޔާ 25 އަހަރުގެ ސައޫދީ ސިފައިންގެ މީހާގެ މައްޗަށް ކުށްސާބިތުވެގެން 35 އަހަރުގެ ޖަލު ހުކުމް އިއްވިއިރު އޭނާހުރީ ކަންބޮޑުވެފައިވާ ޙާލުގައި ލަދުވެތިކަމާ އެކު ބިންމައްޗަށް ބަލަހައްޓައިގެންނެވެ. އޭރު 13 އަހަރުގެ ފިރިހެންކުއްޖާގެ މަންމަ ގެންދިޔައީ އޭނާގެ ފިރިހެން ދަރިފުޅުގެ ޙަޔާތް ބަރުބާދުކޮށްލި ކަމުގެ ޝަކުވާ މާޒިންއާ ދެކޮޅަށް ކުރަމުންނެވެ.

ސައޫދީ އަރަބިޔާގެ ވައިގެސިފައިންގެ ޚިދްމަތުގައި އުޅެމުންދާ ޒުވާނެއް ކަމަށްވާ މާޒިންއަލްޢުތައިބީ 2011 ވަނަ އަހަރު ގެންދިޔައީ ޓެކްސަސް ގައާއި މިސީސިއްޕީގައި އަސްކަރީ ތަމްރީންތަކެއް ފުރިހަމަކުރަމުންނެވެ. އެކޯހުގައި އުޅެމުން 2012 ވަނައަހަރުގެ ނިޔުއިޔާ (މީލާދީ އާއަހަރު) ފާހަގަ ކުރުމަށް މާޒިން ދިޔައީ އެމެރިކާގެ ލަސްވެގަސް އަށެވެ. އޭނާ، 13 އަހަރުގެ ފިރިހެން ކުއްޖާ ރޭޕްކުރިކަމަށް ވަނީ ނިޔުއިޔާ ފާހަގަ ކުރުމުގެ ގޮތުން ލަސްވެގަސްގެ ސާކަސް ސާކަސް ހޮޓަލް ގައެވެ.

2012 ވަނަ އަހަރުގެ ނިޔުއިޔާ ފާހަގަ ކުރުމުގެ ތެރޭގައި މާޒިން ހިންގި މިޖަރީމާއާ ގުޅިގެން އޭނާގެ މައްޗަށް އެމެރިކާގެ ދައުލަތުން ދައުވާކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ. ފިރިހެން ކުއްޖަކު ރޭޕްކުރުމުގެ އިތުރުން އޭނާގެ މައްޗަށްވަނީ ވައްކަންކުރުމާއި މީހުން ވަގަށްނެގުމާއި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.

މާޒިންގެ މައްޗަށް ކުށް ސާބިތުވެގެން ޙުކުމް އިއްވި އެމެރިކާގެ ކޯޓުގެ ތަރްޖަމާން މޭރީ އޭން ބްރައިސް ވިދާޅުވީ މާޒިންގެ މައްޗަށް ކުރެވިފައިވާ އެހެން ކުށްތަކަށް އަދި ޙުކުމް ނާންނަ ކަމަށާ ޙުކުމްކޮށްފައިވަނީ ފިރިހެން ކުއްޖަކު ރޭޕްކުރުމުގެ ކުށް ސާބިތުވި މައްސަލާގައި އެކަނި ކަމުގައެވެ. މާޒިންގެ ދިފާޢީ ވަކީލަކީވެސް އެމެރިކާގެ ރައްޔިތެކެވެ. ޑޮމިނިކް ޖެނިޓެލް ނަމަކަށްކިޔާ ވަކީލް ވިދާޅުވީ މާޒިންގެ މައްޗަށް ކުރި ޙުކުމް އިސްތިއުނާފްކުރަން ނިންމާފައިވާކަމަށާ އެކަން ވަރަށް އަވަހަށް ކުރާނެކަމުގައެވެ.

13 އަހަރުގެ ފިރިހެން ކުއްޖާ ޖިންސީ ގޮތުން ޝިކާރަކޮށްލުމުގެ ފުރްސަތު މާޒިން އަށް ލިބުނުކަމަށްވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ނިޔުއިޔަރ ފާހަގަ ކުރުމަށްޓަކައި ލަސްވެގަސްގައި މާޒިން ހުރި ސާކަސް ސާކަސް ހޮޓަލުގައި އެކުއްޖާވެސް ހުރެފައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރިޔުވާނާ ކޮޅެއް ހޯދުމަށް މާޒިންގެ ކިބައިން އެކުއްޖާ އެދުމުންނެވެ. މި ފިރިހެންކުއްޖާއަކީވެސް މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްކަން ތަހްގީގްތަކުންވަނީ ސާބިތުވެފައެވެ.

ސައޫދީ ވައިގެ ސިފައިންގެ ސާޖެންޓެއްގެ މަގާމުގައި ހުރި އުމުރުން 25 އަހަރުގެ މާޒިން އަލްޢުތައިބީ އަކީ ޓެކްސަސްގެ ސެންއެންޓޮނިޔޯ ލެކްލޭންޑް ވައިގެ ބޭހާއި މިސީސިއްޕީގެ ބިލޮކްސީގައި ހުންނަ ކިސްލަރ ވައިގެ ބޭހުގައި އަސްކަރީ ތަމްރީންތަކެއް ފުރިހަމަ ކުރުމަށް އައި ދަރިވަރެކެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު