މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެކަމަށް ހަރަދުކުރުމަށް ރާއްޖޭން ގޮވާލައިފި

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެކަމަށް ފައިސާ ހަރަދުކުރުމަށް ރާއްޖޭން ގޮވާލައިފި އެވެ.

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރާއްޖޭން އެކަމަށް ގޮވައިލީ ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ 13 ވަނަ 'އިންފޯމަލް މީޓިން އޮން ފާދާ އެކްޝަން އެގެއިންސްޓް ކްލައިމެޓް ޗޭންޖް' ގަ އެވެ.

ރާއްޖޭން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ގައުމުތައް ސަލާމަތްވުމަށް ބޭނުންވާ ފައިސާ ދިނުމުގައި އަމަލުކުރާނެ ހަމަތައް 2015 ވަނަ އަހަރު އެކުލަވައިލެވޭ އެއްބަސްވުމުގައި ހިމެނުމަށް ގޮވައިލައްވާ ކަމަށެވެ.
ސަރީރު ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިއަހަރު އެކުލަވައިލުމަށް މަސައްކަތް ކުރަމުން އަންނަ އެއްބަސްވުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އެއެއްބަސްވުން އެކުލަވައިލުމަކީ ބުރަކަމެއް ކަމަށާއި އެކަމަށް އޮތް ވަގުތު ކުޑަ ކަމަށެވެ.


ޖަޕާނާއި ބްރެޒިލް ސަރުކާރުން އިސްނަގައިގެން ބާއްވާ އެބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާއާއި 2015 ވަނަ އަހަރުގެ ފަހުން ކުރިއަށް ގެންދާ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ ވަރުގަދަ ކުރުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު