އައިސީސީ ލައިފްޓައިމް ސާވިސް އެވޯޑް އިމާދް ހާސިލްކޮށްފި

ބައިނަލްއަގްވާމީ ކްރިކެޓް ކައުންސިލުން (އައިސީސީ)ގެ ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ލައިފްޓައިމް ސާވިސް އެވޯޑް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓެރީ އިމާދު އިސްމާއިލް ހާސިލް ކުރައްވައިފި އެވެ.

އައިސީސީ ލައިފްޓައިމް ސާވިސް އެވޯޑް އިމާދު ހާސިލް ކުރައްވާފައިވާ އިރު، މިއީ ރާއްޖޭގައި ކްރިކެޓްގެ ދާއިރާއިން އެފަދަ އެވޯޑެއް ދިވެއްސަކު ހާސިލްކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ކްރިކެޓް ބޯޑުގެ ޑިވަލޮޕްމަންޓް އޮފިސަރުގެ މަގާމްވެސް އަދާކުރަމުން އަންނަ އިމާދަށް އެ އެވޯޑް ރަސްމީކޮސް އެރުވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން މަހު އޮންނަ އައިސީސީ ކޮންގްރެސްގައި ކަމަށް ރާއްޖޭގެ ކްރިކެޓް ބޯޑުން ވަނީ މައުލޫމާތު ދީފަ އެވެ.

އިމާދު އެ އެވޯޑު ހާސިލް ކުރެއްވުމާ ގުޅިގެން ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އެ އެވޯޑަކީ އިމާދަށް ލިބުން ވަރަށް ހައްގު އެވޯޑެއް ކަމަށެވެ. އަދި އެފަދަ އެވޯޑުތައް ރާއްޖޭގެ ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެން ދިޔުމަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ލިބިގެންދާ އިތުރު ހިތްވަރެއް ކަމަށްވެސް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

"އެ އެވޯޑު ހާސިލް ކުރިކަމަށްޓަކައި އިމާދަށް އަޅުގަނޑުމެންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އެއީ އެނާއަށް ވަރަށް ހައްގު އެވޯޑެއް، އިމާދަކީ ރާއްޖޭގެ ކްރިކެޓަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދިން ބޭފުޅެއް. އެއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަށް ހޯދާ ކާމިޔާބީތައް ބައިނަލްއަގްވާމީ ފަރާތްތަކުން ބަލައިގަންނަ ކަމުގެ އަލިގަދަ ހެއްކެތް، އަދި އެއީ ރާއްޖޭގެ ކުޅިވަރަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް،" މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

އައިސީސީ ލައިފްޓައިމް ސާވިސް އެވޯޑަކީ ކްރިކެޓު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ބައިނަލްއަގްވާމީ ކްރިކެޓް ކައުންސިލުން ދޭ އެވޯޑެކެވެ. އަދި އެ އެވޯޑުގެ މަގްސަދަކީ އައިސީސީގެ މެމްބަރު ގައުމުތަކުގެ ކްރިކެޓް ބޯޑުތަކުން ކްރިކެޓަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށް ރާއްޖޭގެ ކްރިކެޓް ބޯޑުން ވަނީ މައުލޫމާތު ދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު