އިބްތިހާލު ހުރީ ރައްކާތެރި މާހައުލެއްގައިކަން ޖެންޑާ މިނިސްޓްރީން ކަށަވަރު ކުރި: ބަންޑާރަ ނައިބު

އިބްތިހާލަށް އަނިޔާ ކުރި މައްސަލަ ބެލުމަށް ފަހު، އެކުއްޖާ އޭރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން ޖެންޑާ މިނިސްޓްރީ އިން ކަށަވަރުކޮށްފައިވާނެ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ އޭރު އިބްތިހާލް ހުރީ އޭނާގެ މަންމަ އާފިޔާގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. އަނިލް ވިދާޅުވީ އެވަގުތު އިބްތިހާލް ހުރީ އޭނާ މަންމަ ފަރާތު ތިމާގެ މީހެއްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި މަންމަ ފަރާތު ތިމާގެ މީހާގެ ގާތު އިބްތިހާލް ބެހެއްޓުމަށް ވ. ރަކީދު އަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ޓީމުން ލަފާ ދީފައިވާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އަދި އިހުމާލެއް ވެފައި އޮތްތޯ ބަލައި، އިހުމާލެއްވެފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

"އާންމު އުސޫލެއްގެ ގޮތުން މިކަން ކުރާ އިރު އަބަދުވެސް އަޅުގަނޑުމެން މިބަލަނީ އެކުއްޖެއްގެ އެންމެ ރަނަގަޅު މާހައުލެއް ގާއިމް ކޮށްދިނުމަށް ޓަކައި އެ އަނިޔާދޭ މާހައުލެއްގައި ހުންނަ އޭނަ އަށް ރައްކާތެރި މާހައުލެއް ދޭނެ ފަރާތަކާ ހަވާލުކުރެވޭތޯ. އެފަދަ ފަރާތެއް ނެތް ހާލަތެއްގައި ނޫނީ ދައުލަތުގެ ބެލުމުގެ ދަށަކަށް އަޅުގަނޑުމެން ނުގެންނަން. އަދި އެއީ އެކުދިންގެ މަސްލަހަތަށް ޓަކައި ބަލާފައި،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ބައެއް މީޑިއާތަކުގައި ޖެންޑާ މިނިސްޓްރީ އިން ރަކީދޫއަށް ދިޔަ ޓީމުން އިބްތިހާލުގެ މަންމަ އާފިޔާ އަށް ނަސޭހަތްތެރި ވުމަށް ފަހު އޭނާއާ އިބްތިހާލު ހަވާލުކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެއީ ހަގީގަތެއް ނޫން. މަންމައާ ހަވާލުކޮށްފައިއެއް ނޫން، އަޅުގަނޑުމެންގެ ޓީމުން އެތަނަށް ދިޔައިރު އެކުއްޖާ ހުރީ އޭނާގެ މަންމަގެ ބެލުމުގެ ދަށުގައި އެއްނޫން. އެކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައި. އެހެންނަމަވެސް އޭގެ ފަހުން އަޅުގަނޑުމެން ގަބޫލުކުރަނީ އެކަށީގެންވާ ގޮތެއްގައި އެކަން މޮނީޓާ ކުރެވިފައި ނުވާކަން. އެހެންކަމުން އެކަން މޮނީޓާ ކުރެވިފައި ނުވާތީ އެކުއްޖާގެ މަންމަ ގާތަށް އަނެއްކާ އަނބުރާ އެވަނީ ގޮސްފައި،" އަނިލް ވިދާޅުވި އެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލު މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމުގައި އޮއްވައި އިއްޔެ 11:45 އެހާކަންހާއިރު ކަމަށް ރަކީދޫ ކައުންސިލުން ބުންޏެވެ. އަދި މަރުވެފައި އޮއްވައި ފެނުނު އިބްތިހާލުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އަދި އެކުއްޖާއަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ވަނީ ކައުންސިލުން ނަސޭހަތްތެރިވެފަ އެވެ. ތިން އަހަރުގެ އިބްތިހާލުގެ ޝަރުއީ ބައްޕައެއް ނެތް އިރު، އަންހެން މީހާގެ އިތުރު މީހަކާ އިނދެ ދެކުދިން ލިބިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު