އިބުތިހާލަށް އަނިޔާ ކުރާ މައްސަލަ މިދިޔަ އަހަރު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި: ރަކީދޫ ކައުންސިލް

ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލްއަށް އަނިޔާ ކުރާ މައްސަލަ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައި ވާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރަކީދު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނާއި އަދި ފުލުހުން އިބުތިހާލުގެ މަންމައާ ސުވާލުކޮށް އެކި ގޮތްގޮތުން ނަސޭހަތްދީފައިވާ ކަމަށެވެ.

އަދި ޖެންޑާ މިނިސްޓްރީގެ ބޭފުޅުން ކައިރީ އިތުރަށް އިބުތިހާލަށް އަނިޔާ ނުކުރާނެ ކަމަށް އެ ކުއްޖާގެ މަންމަ އެއްބަސްވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ރަކީދު އަށް ވަޑައިގެންނެވި ބޭފުޅުންގެ ފަރާތުން ކައުންސިލަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ރަކީދޫ ކައުންސިލްގެ ބަޔާނުގައި ޖެންޑާ މިިނިސްޓްރީއާ ފުލުހުން ވަޑައިގެން ރަށުގެ އެއްވެސް ފަރާތަކަށް އިތުރަށް އެ މައްސަލަ މޮނީޓާކޮށް ބެލުމަށް ހަވާލުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެފަދަ ހާދިސާތައް ދިމާވެފައިވާ ކުދިންނާއި އަދި އެފަދަ ކަންތައްތައް ދިމާވެފައިވާ ފަރާތްތައް ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ބާރު ގާނޫނީ ގޮތުން ލިބިފައިވާ ފަރާތަކީ ޖެންޑާ މިނިސްޓްރީކަން ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އަދި އޭގެފަހުން މިކަންތައް ތަކުރާރުވަމުންދާތީ ތުއްތު ކުއްޖާގެ މަންމައަށް ތަފާތު އެކި ފަހަރުމަތުން މި ކައުންސިލުން ނަސޭހަތްތެރި ވެފައިވާކަންވެސް ދަންނަވަމެވެ." ރަކީދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން މިހާރު ވަނީ އިބުތިހާލުގެ މަރާ ގުޅިގެން އޭނާގެ މަންމަ ހައްޔަރުކުރުމަށް އެދި ކޯޓު އަމުރަކަށް ވެސް އެދިފަ އެވެ. އަދި އެ މައްސަލާގައި ކުށްވެރިވާ ހުރިހާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ.

މަރުވެފައި އޮއްވައި ފެނުނު އިބްތިހާލުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. ތިން އަހަރުގެ އިބްތިހާލުގެ ޝަރުއީ ބައްޕައެއް ނެތް އިރު، އަންހެން މީހާގެ އިތުރު މީހަކާ އިނދެ ދެކުދިން ލިބިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު