މައްސަލަ ޖެހުނު ވައްތަރުގެ އާފަލު ރާއްޖެއިން ފެނިއްޖެ: އެމްއެފްއޭޑީ

ލިސްޓޯރިއޯސިސް ބަލި ފެތުރޭ ކަމަށް ބުނާ ދެ ބާވަތުގެ އާފަލު ރާއްޖެ އިން ފެނިއްޖެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބަލި ފެތުރޭ އާފަލު އެތެރެކޮށްފައި ވަނީ އެމެރިކާގެ ބިޑާޓް ބްރަދާސް އިންތޯ އެ އޮތޯރިޓީ އިން ކަށަވަރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ބާވަތުގެ އާފަލުތައް ފިހާރަތަކުގައި ވިއްކަން ހުރިތޯ ބެލުމާއި އަދި ތަހުލީލު ކުރަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ އެ ބާތަވަތްތަކުގެ އާފަލުގެ ރައްކާތެރިކަން ކަށަވަރުވަންދެން އެ ދެ ބާވަތުގެ އާފަލު އެއްވެސް ފަރާތަކުން ބޭނުން ނުކުރެއްވުމަށް އެ އޮތޯރިޓީ އިން އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެ ދެ ބާވަތުގެ އާފަލު ވިއްކަން ބަހައްޓާފައި ހުރި ނަމަ ލަސްނުކޮށް އެ އޮތޯރިޓީ އަށް ގުޅުއްވުމަށް އެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނީ މި ދެބާވަތުގެ އާފަލު ފްރާންސް އަދި ނިއު ޒިލޭންޑުން ވެސް ރާއްޖެ އަށް އެތެރެކުރާ ކަމަށެވެ. އަދި ހަމައެއާ އެކު އެ ދެ ގައުމުން ގެންނަ މި ދެ ބާވަތުގެ އާފަލު ބޭނުން ކުރުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ.

އެ އޮތޯރިޓީ އިން މީގެ ކުރިން ނެރުނު ހެލްތު އެލާޓުގައި ވަނީ ބިޓާޑް ބްރޯސް އޮފް ބޭކާސްފީލްޑު ކުންފުނިން އާފަލު ބަންދުކުރާ މަރުކަޒުން ނަގާފައިވާ ސާމްޕަލްތަކުން ލިސްޓިރިއޯސިސް ޖައްސާ ޖަރާސީމު ކަމުގައިވާ 'ލިސްޓީރިއާ މޮނޯސައިޓޯޖެންސް' ފެނުމާ ގުޅިގެން އެ ފަރާތުން ސަޕްލައިކުރާ އެ ދެ ވައްތަރުގެ އާފަލުތައް މާކެޓުން އަނބުރާ ނަގަން ފަށާފައިވާ ކަމަށެވެ.

ފުޑު އެންޑް ޑްރަގް އޮތޯރިޓީ އިން ބުނީ ރާއްޖެއަކީ ތަފާތު އެކި ގައުމުތަކުގެ އުފެއްދުންތައް އެތެރެކުރާ ގައުމަކަށްވެފައި އެވައްތަރުގެ އާފަލް އެތެރެވެފައިނުވާކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ކުރަމުން އަންނަ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖެއަށް އިމްޕޯޓް ކުރެވޭ އެ ބާވަތްތަކުގެ އާފަލަށް ޚާއްސަ ސަމާލުކަމެއްދީގެން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު