ކުޑަކުދިންނަށް ކުރާ އަނިޔާގައި ތަޅަނީ ހުސް އަނގަ!

މިރާއްޖޭގައި ތުއްތު ކުދިން ފޫޅުދަނޑިއާ އެކު ކޮތަޅު ކޮތަޅަށް އަޅައި އުކަމުން ދިޔަ ދުވަސްވަރެއް ވެސް ދިއަ އެވެ. ފުލުފުލުގައި ތުއްތު ކުދިންނަށް ޖިންސީ ގޯނާ ވެސް ކުރަމުން ދެ އެވެ. މައްސަލަ ވެސް ބަލަ އެވެ. ނަމަވެސް ހުއްޓުމެއް ނެތެވެ. ދެވަނަ ފަހަރަށް ވެސް އެކެއްގެ ކިބައިން ތަކުރާރުކޮށް ކުދިންނަށް އަނިޔާ ލިބިފައި ވެސް އެބަހުއްޓެވެ.

ދެން އޮތީ މައިންބަފައިންގެ ފަރާތުން ކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ ވާހަކަ އެވެ. އެކަމުގައި އެޅޭ ފިޔަވަޅެއް ނެތި ކޮންމެ ފަހަރަކު ވެސް ނިމިގެންދަނީ އެތަނުން ކުއްޖެއްގެ މަރުގެ ހަބަރުން ނެވެ. އެފަދަ ހަބަރެއް އިވޭއިރަށް އެކުދިންގެ ނަންނަމުގައި ގާނޫނު ހަދަން ވެސް މަޖިލިސްތެރޭ ބައެއް މެމްބަރުން އަޑުވެސް އުފުލި އެވެ. ނަމަވެސް އާހިރުނަތީޖާގައިވީ ކީއްތޯ އެވެ؟ މަރާލާފައި ކޯސްޓު ކިރުދަޅަށްލައި އެއްލާލި ކުއްޖާގެ މަންމައަށް ވެސް ގާނޫނުގެ ތެރެއިން އައީ އެއްއަހަރުގެ ހުކުމެކެވެ. ދެންވެސް ހަމަ ގޮވަނީ ކުޑަކުދިންނަށް ހިމާޔަތް ދޭ ވާހަކަ އެވެ.

ވ. ރަކީދޫގައި އަނިޔާތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ މަތިން ވެސް ދުވަސް ކޮޅަކުން ހަނދާން ނެތޭނެ އެވެ. ދިވެހިންގެ ޖަޒުބާތާއި އަސަރުތައް މިއަދު ސޯޝަލް މީޑިއާގައި ޕްރޮފައިލް ބަދަލުކޮށްގެން އޮއްސަމުންދާނެ އެވެ. އަދި ސިޔާސީ ފަރާތްތަކުން އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޓުވީޓު ވެސް ކުރާނެ އެވެ. މިއީ އަބަދުވެސް މިގައުމުގައި ކަން ހިނގާ އުސޫލެވެ.

ރަކީދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި އިއްޔެ ފެނުނު ކުއްޖާގެ މަރުގެ މައްސަލާގައި ދައުލަތުގެ އިދާރާއަކުން އިހުމާލުވެފައިވޭތޯ ބަލަމުންދާ ކަމަށާއި އިހުމާލުވެފައިވާ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސުވާލަކީ މައްސަލަ ބަލާ ނިމޭ އިރު، ފިޔަވަޅުއަޅާނެ މުއައްސަސާއެއްހުންނާނެތޯ އުފެދޭ ސުވާލެވެ.

މީގެ ދެ އަހަރުކުރިން ހިނގި ހާދިސާއެއްގައި މަންމަގެ އިހުމާލުން ދަރިފުޅު މަރުވުމުން އެމައްސަލައިގައި އެ އަންހެންމީހާގެ މައްޗަށް ދައުލަތުން ދައުވާ ކުރުމުން ޖެންޑާއިން އޭރުވަނީ އެމީހާ ބަންދުން މިނިވަންކޮށްދިނުމަށް އެދި ކޯޓަށް ސިޓީ ވެސް ފޮނުވާފަ އެވެ. އަދި އޭރު އެ މައްސަލަ ބެއްލެވި ގާޒީއަކަށް ހުންނެވީ މިހާރުގެ ޕީޖީ މުހުތާޒު މުހުސިން އެވެ. އޭރު ވެސް އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމައްސަލައިގައި ދައުލަތުގެ އިހުމާލު އޮތް ކަމަށެވެ.

އިބްތިހާލަށް ވެސް އަނިޔާ ކުރާކަން އެނގި ހުރެ އޭނާގެ މަންމަ އާއި ޖެންޑާ އިން ހަވާލުކުރިއިރު، އެކުއްޖާ ހުންނަ މާހައުލަކީ ރައްކާތެރި މާހައުލެއް ނޫންކަން އެނގޭ އިރު، ކުއްޖާ މޮނިޓަ ކުރެވޭނެ ހަރުދަނާ އުސޫލެއް އޮންނަންޖެހެ އެވެ. އަދި އެއީ އެމިނިސްޓްރީން އަމަލު ކުރަން ވެސް އޮންނަ އުސޫލެވެ.

އިބުތިހާލުގެ މަރުގެ މައްސަލަ ހަމައެކަނި ޖެންޑާގެ ބޮލުގައި އެޅުވޭކަށް ވެސް ނެތެވެ. ތުއްތު ކުއްޖަކަށް އަނިޔާކުރާކަން ރަށު ރައްޔިތުންނާއި ކައުންސިލަށް އެނގޭއިރު އެމީހުންގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި ނުއުފުލީ ކީއްވެގެން ބާ އެވެ. އިބުތިހާލަށް އެންމެ ގާތުން އެހީވެވެން ތިބި މީހުން ވެސް ތިބީ އެވާހަކަ ދައްކާލައިގެން ފުއްދާލައިގެނެވެ. ކުރެވުނު ކަމެއް އެޅުނު ފިޔަވަޅެއް ނެތެވެ.

ކޮންމެ ކަމެއްވެސް "ގެޓް"ވާ އިރު އޮންނަނީ ވަގުތު ފާއިތުވެފަ އެވެ. ދެންތަޅާނީ މުޅިން ވެސް ހުސް އަނގަ އެވެ. ޒިންމާވާނެ މުއައްސަސާއެއް މީހެއް ނުފެންނާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް