ރޭގެ މެޗުގައި ކުުޅުންތެރިންގެ ފަރާތުން 150 ޕަސެންޓް ކޮމިޓްމަންޓް ފެނިގެން ދިޔަ: ސުޒޭން

ޕީޕަލްްސް ކަޕްގައި ރޭ ޕީޑީއާރްއެމް އަތުން މާޒިޔާ ބަލިވި ނަމަވެސް، މެޗުގައި ކުޅުންތެރިން ދައްކާފައި ވަނީ ވަރަށް ހިތްވަރު ގަދަ ކުޅުމެއް ކަމަށާއި ރޭގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން 150 ޕަސެންޓް ކޮމިޓްމަންޓެއް ފެނިގެން ދިޔަ ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތުގައި ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، މާޒިޔާ ވަނީ ފަހަތުން އަރާ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ސުޒޭން ބުނީ އެ މެޗުން މާޒިޔާ ބަލިވީ އެ ޓީމްގެ ނަސީބު ދެރަވުމުން ކަމަށެވެ.

"މުބާރާތުގެ ތަށި ނުލުބުމުން ވަރަށް ނަސީބު ދެރަ. މެޗުގައި މާޒިޔާއަށް ލިބިގެން ދިޔަ ރަނގަޅު ދެ ތިން ފުރުސަތެއްގެ ބޭނުން ނުހިފުނު. އޭގެ އިތުރުން ފަހު ވަގުތު ދެއްކި ރަތް ކާޑާއެކު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވަރުބަލިކަން ވެސް އިހުސާސް ވެގެން ދިޔަ. ނަމަވެސް މެޗުގައި މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން 150 ޕަސެންޓު ކޮމިޓްމަންޓެއް ފެނިގެން ދިޔަ،" ސުޒޭން ބުންޏެވެ.

ރޭގެ މެޗަށް ފަހު ޕީޑީއާރްއެމްގެ ކޯޗުވެސް މާޒިޔާގެ ހިތްވަރަށް ތައުރީފު ކޮށްފައިވާ އިރު، ސުޒޭން ބުނީ މުބާރާތުގެ ތަށި ނުލިބުނަސް އެ މުބާރާތުން ޕޮސިޓިވް ކަންތައްތަކެއް ހާސިލް ވެގެން ދިޔަ ކަމަށެވެ. އޭގެ ތެރޭގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިންގެ ފެންވަރު އިނގިނގެން ދިޔުމުގެ އިތުރުން، ފައިނަލް މެޗުގައި ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކޮށްލުމަކީ ވެސް ވަރަށް ރަނގަޅަށް މާޒިޔާގެ ފެންވަރު އިނގިގެން ދިޔަ ކަމެއް ކަމަށް ސުޒޭން ބުންޏެވެ.

"ހަގީގަތުގައި މުބާރާތުގެ ތަށި ނުލިބުމަކީ އުފާވާން ޖެހެ ކަމެއް ނޫން، ނަމަވެސް މި މެޗުން ޕޮސިޓިވް ކަންތައްތަކެއްވެސް ހާސިލް ވެގެން ގޮސްފި. 3-0ގެ ނަތީޖާއަކުން ފަހަތުގައި އޮށްވާ ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަކީ ފަސޭހަ ކަމެއް ނޫން. އޭގެ އިތުރުން މި މުބާރާތުގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ވެސް އިނގިގެން ގޮސްފި. އަދި ރަނގަޅު ޑިފެންސަކާއި މިޑްފީލްޑެއް އޮތްކަން އިނގިގެން ހިނގައްޖެ. އެހެން ކަމުން މި މުޞާރާތުން މާޒިޔާއަށް ކަންތައްތަކެއް ހާސިލްވެގެން ގޮސްފި،" ސުޒޭން ބުންޏެވެ.

އޭގެ އިތުރުން ސުޒޭން ބުނީ މެޗުގައި ދެ ޓީމްގެ ތަފާތަކީ ދަގަނޑޭ ކަމަށް ނުބެލެވޭ ކަމަށާއި ޕީޑީއާރްއެމްގެ މާލީ ފޯވާޑް ޑްރަމަނޭ ޓްރައުރެގެ ފަރާތުން ވެސް މެޗުގައި ފެނިގެން ގޮސްފައި ވަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި މާޒިޔާއަށް މުބާރާތުގެ ތަށި ހާސިލް ނުކުރެވުނަސް، ސަޕޯޓަރުންނަށް ރަނގަޅު މެޗެއް މެޗެއް މާޒިޔާގެ ފަރާތުން ދައްކައިދެވުމުން، ކޯޗް ސުޒޭން ވަނީ އެކަމާމެދު ހިންހަމަ ޖެހުން ފާޅުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު