ކުދީންނަށްޓަކައި ފަރުދީ ޒިންމާ ނަގަން މަޖުބޫރުވެފައި!

ވ. ރަކީދުއަށް އުފަން އުމުރުން އެންމެ ދެ އަހަރުގެ ތުއްތު މުހައްމަދު އިބްތިހާލް މަރުވެފައި އޮއްވައި ފެނުނީ ބޮޑެތި ޒަހަމްތަކަކާ އެކު އެވެ. އެކަން ވީ ސާޅީހަކަށް މީހުން ދިރިއުޅޭ، މުޅި ރަކީދޫ "މޮޅި" ކޮށްލި ކަމަކަށެވެ. އެމަރާ އެކު މުޅި ރަކީދޫ ވެސް ބުނާ ކަހަލަ އެވެ. "އެކުއްޖާ އަށް އެއަށް ވުރެ ރަނގަޅަށް އަޅާލެވުނު ނަމަ" އެވެ. ރައްޔިތުން ވަނީ އިބްތިހާލް އަށް ކުުރިމަތިވި އަނިޔާތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. ނަމަވެސް އޭނާއަށް އެހާލު ޖެހުމަށް ކޮންމެވެސް ބައެއްގެ އިހުމާލެއް އެބަވޭނުންތޯ އެވެ.

އެ ކުއްޖާއަށް އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވެ އެވެ. އެވަރުންވެސް އެކުއްޖާ އަށް ކުރަމުން ދިޔަ އަނިޔާތައް ނުހުއްޓެ އެވެ. އެރަށު މީހުންނަށް ވެސް އަދި ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ވެސް އެކަން އެނގެ އެވެ. ގެއިން ބޭރަށްލާކަމާއި އެތައް ޒަހަމެއް ކުއްޖާގެ ގައިން ފެންނަން ހުރިކަން ވެސް އެނގެ އެވެ. ނަމަވެސް ކުއްޖާއަށް އަނިޔާ ލިބެމުންދާ މަންމަ ކައިރިން ކުއްޖާ ވަނީ ދުރަށް ނުގެންދެވި އެވެ. މިއީ އޭގެ ފަހަތުގައި އިހްމާލެއްވާ ބޮޑު މައްސަލައެއްކަމަށް ބެލެވެ އެވެ.

ރަކީދޫ ރައްޔިތުން މުޅިން ވެސް ދައްކަނީ ކުއްޖާގެ މަންމަގެ ވިޔާނުދާ އަމަލުތަކުގެ ވާހަކަ އެވެ. ތަޅާ އަނިޔާ ކުރާ ވާހަކަ އެވެ. ނަމަވެސް ދެރައީ ހުއްޓުވާނެ ފަރާތެއް ނެތީމަ އެވެ. ތުއްތު ކުއްޖަކަށް އެއްވެސް މީހަކަށް އަނިޔާ ކުރަން ދޫކުރެވިގެން ނުވާނެ އެވެ. މުޅި ރަށް ނުކުމެ ނަމަވެސް ހުއްޓުވަން ޖެހެ އެވެ. މިކަމުން ވެސް މިފަދަ ކަންކަމަށް އާންމުން ހޭކުންތެރި ނޫން މިންވަރު އެނގެ އެވެ. މިއީ ކަމާ ބެހޭ އިދާރާތަކުން ބޮޑު ޒިންމާ ނަގަން ޖެހޭ ކަމެކެވެ. އެހެން ނޫން ނަމަ އިބްތިހާލް އަށް ޖެހުނު ހާލު އެތައް ކުދިންނަކަށް ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް ގަބޫލުފުޅުކުރައްވާ ގޮތުގައި ވެސް ކުޑަކުދިންނަށް ލިބޭ އަނިޔާތައް ރިޕޯޓްކުރުމަށް މީހުން ހޭލުންތެރިނުން ކަމަށް ގަބޫލެއް ނުކުރަމެވެ. އިބްތިހާލްގެ މައްސަލަ ވެސް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމައްސަލައިގައި ޖަވާބެއް ނުދެއްވި އެވެ.

"ފިޔަވަޅު ނޭޅިއޭ ދައްނަވަން އަދި ތަންކޮޅެއް އަވަސް ކަންނޭނގެ. މިކޭސްގައި އަދި އަޅުގަނޑު ކޮމެންޓެއް ދަންނަވާކަށް ނެތިން. އަޅުގަނޑުމެންގެ ޓީމެއް އެކޮޅުގައި އިންވެސްޓިގޭޓް ކުރަމުން ދަނީ،" ޝިދާތާ ވިދާޅުވި އެވެ.

އިބްތިހާލްގެ މަރުގެ ހާދިސާގައި ކަމާބެހޭ އިދާރާތަކަށް ފާޑުކިޔުންތައް ރައްދުވެފައިވާ އިރު އެޗްއާރުސީއެމްގެ ނައިބު ރައީސް އަހްމަދު ތޮލާލު މިއަދު ވިދާޅުވި ގޮތުގައި ދެ އަހަރުގެ ކުޑަކުއްޖެއް އަނިޔާކޮށް މަރާލާފައިވާ އިރު، ކަމާ ބެހޭ މުއައްސަސާތަކަށް އެކުއްޖާ ދިރިއުޅެމުން ދިޔައީ ރައްކާތެރި މާހައުލެއްގައި ނޫންކަން އެގޭ އިރު، ކަމާ ބެހޭ މުއައްސަސާތަށް ވެސް ކުއްޖާގެ މަރުގައި ޒިންމާ އުފުލަން ޖެހޭނެ އެވެ.

މައުސޫމް ތުއްތު ތުއްތު ކުދިންނަށް ގޯނާތައް އިތުރުވުމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައި ވަނީ އެކަން ސިއްރުވުމެވެ. ގިނަ ފަހަރަަށް ކުޑަ ކުދިންނާއި މެދު އިހުމާލްތައް ވެފައި ހުންނަނީ އެކުދީންނާ އާއިލީ ގާތްގުޅުމެއް އޮންނަ މީހުންގެ ފަރާތުންނެވެ. ނޫނީ މައިން ބަފައިންނެވެ. ޖިންސީ ގޯނާތަކުން ފެށިގެންގޮސް ޖިސްމާނީ އަނިޔާތަކަށް ބެލި ނަމަވެސް ކަން އޮތީ މިބުނާ މަގުންނެވެ.

ކުދިން ނުކިޔެވީމަ ނުވަތަ ހިތްހަމަ ނުޖެހޭ ކަމެއް ކުރާ ކޮންމެ ހިނދެއްގައި އޮރިޔާންކޮށް މަގުތަކަށް ނެރުމުގެ ބޯދާ ވިސްނުމަކީ ކުރީގެ ވިސްނުމެކެވެ. އަދަބު ދިނުމަށް މިރުސް ކާން ދިނުމާއި ފާހާނާއަށް ލައި ބޮކިނިއްވުމާއި ގައިގައި އަލިފާން ޖެއްސުމަކީ މިއަދުގެ މުޖުތަމައު ބަލައިގަންނަ ކަންކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އެކަންކަން އަދިވެސް ވަރަށް އާންމުކޮށް ހިނގަމުން އަންނަ ކަމެވެ. މިއީ ގާނޫނީ ބޮޑެތި ކުށްތަކެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ވާގޮތުން ކުއްޖާގެ ކަރާމާތަށް ގެއްލުމެއް ވާފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ. އެފަދަ ކަމެއް ހިނގައިފި ނަމަ ކަމާ ބެހޭ ފަރާތްތަކަށް ލަސްނުކޮށް ހުށަހެޅުމަށް އެގާނޫނުން ބާރުއަޅަ އެވެ.

ކޮންމެ ގޮތަކަށް މިކަން އޮތަސް ހަގީގަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް އަނިޔާއެއް ލިބެމުންދާ އެތައް މައުސޫމް ކުދިންނެއް އުޅެމުންދާ ކަމެވެ. އެކަންކަން ގިނައިން ވެފައިހުންނަނީ ސިއްރު ކަންކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް ޖިންސީ ގޯނާ މައްސަލަތައް ފެންމަތިވެ އެވެ. އެކަމަކު ޖިސްމާނީ މައްސަލަތަކަށް ހައްލު ގެނައުމަށް މީހުންގެ ހޭލުންތެރިކަން ކުޑަވެ އެކަމުގެ ޝިކާރައަކަށް އެތައް ކުދީންނެއް މިވަނީ ވެފަ އެވެ. އެތައް ކުދީންނެއްގެ ދިރިއުޅުން މިވަނީ ފުނޑުފުނޑުވެފަ އެވެ. ހާއްސަކޮށް ޖިންސީ އަނިޔާތައް ހިމެނެ އެވެ. މިއީ ނަފްސާނީ އެތައް މައްސަލައެއްވެސް ކުރިމަތިވާނެ ކަމެކެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަފްސާނީ ޑޮކްޓަރެއްކަމަށްވާ ޑރ. ބައްޝާރު އަބްދުﷲ ދެކޭ ގޮތުގައި ޖިންސީ ގޯނާތަކުން ލިބޭ ނަފްސާނީ ގެއްލުންތަކުގައި އެކި އުމުރުތަކުގައި ކުރަނީ އެކިވަރަށެވެ. އެގޮތުން އެފަދަ ގިނަ ކުދިންނަށް "ޑިޕްރެޝަން"ގެ އަސަރުކުރުން ބޮޑުކަމަށް ފާހަގަކުރި އެވެ.

"ބައެއް ކުދިން އަބަދުވެސް އެ ދިމާވި އަނިޔާ ހަނދާން ހުރެ އެކަމާ ބިރުގަތުމުގެ މައްސަލަ ކުރިމަތިވޭ. އެކަމުގެ ސަބަބުން ތައުލީމް ހާސިލް ކުރުމަށާއި ކެއުން ބުއިމާއި ނިދުން ފަދަ ކަންތަކަށް ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވޭ،" ޑރ. ބައްޝާރު ވިދާޅުވި އެވެ.

ޑރ. ބައްޝާރު ވިދާޅުވި ގޮތުން ނަމަ އެފަދަ ނަފްސާނީ މައްސަލަތަކުގެ ސަބަބުން ގިނަ ކުދިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދެ އެވެ. އެހެންކަމުން އެފަދަ މައްސަލަތައް ދިމާވެފައިވާ ކުދީންނަށް ވީހާ ވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން މިފަދަ މައްސަލަތައް އިތުރުވިޔަ ނުދޭން މުޅި މުޖުތަމައުގެ ޒިންމާ ނަގަންޖެހެ އެވެ.

މިއީ މުޖުތަމައުއަށް އޮތް ބޮޑު ބަލި މަޑުކަމެކެވެ. މިކަން ހައްލު ކުރަން ތެދުވަން ވެއްޖެ އެވެ. ދެރަވާ ވާހަކާއި ޖަޒުބާތީ ވާހަކަތައް ހަމައެކަނި ސޯޝަލް މީޑިއާތަކުގައި ހިންގާ ކަމަކަށް ނުހަދައި އަމަލީ ގޮތުން މަސައްކަތް ފަށަން ލަސްވެއްޖެ އެވެ. ދަންނަ މީހަކަށް އެފަދަ ކަމެއް ދިމާވުމުން ނުވަތަ އެފަދަ ކިރިޔާ އަޑުއިވޭއިރަށް އަނިޔާއާއި ދެކޮޅަށް ތެދުވެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މައްސަލަ ގެންނަން ވާނެ އެވެ. އެފަރާތްތަކުން ރަނގަޅަށް އަމަލު ނުކުރާނަމަ ޒިންމާދާރު ކުރުވުމަކީ ވެސް އާންމުންގެ މަސްއޫލިއްޔަތެކެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ދިމާވާ ކުދިން އަމިއްލަ އަށް ވެސް ނުވަތަ އެކަން އެނގޭ ފަރާތަކުން އެ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ގުޅުމުން އެފަދަ މައްސަލަތައް ބެލިގެންދާނެ އެވެ.

އެފަދަ މައްސަލައެއް ސިއްރުނުކޮށް ކަމާބެހޭ ފަރާތަކަށް އަންގައިފި ނަމަ އިތުރު އަނިޔާއެއް ލިބިދާނެ ކަމަށް ބައެއް ފަހަރު ހީވެ އެވެ. އެކަމަކު އެހެން ނުވާނެ ކަމުގެ ޔަގީންކަން ފުލުހުން އަރުވަ އެވެ.

"ބައެއް ފަހަރު ކުދިން ވަރަށް ބޮޑަށް ޖެހިލުންވޭ އަންގަން. އަޅުގަނޑުމެންގެ އިރުޝާދަކީ އެފަދަ ކަމެއް ހިނގާއިރަށް ވީހާ ވެސް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރާށޭ. ކުއްޖާ ސިއްރުކޮށްދީ ފުލުހުން އެކުއްޖަކު ސަލާމަތް ކޮށްދޭނަން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސާތަކުން ވެސް މިހާރަށް ވުރެ ބޮޑަށް މިފަދަ އަނިޔާގެ މައްސަލަތަކުގައި މަސައްކަތް ކުރަން ޖެހޭ ކަމުގެ ހެއްކަކީ ރަކީދޫގައި ހިނގި އެ ހާދިސާ އެވެ. ރަނގަޅަށް މައްސަލައަށް އަޅާލިނަމަ އެހާދިސާ އެފަދަ ހިތާމަވެރި ގޮތަކަށް ހިނގުމަކީ ނާދިރުކަމެކެވެ. އެހެން ކަމުން ރައްޔިތުން ދައްކާ ޓެކްސް އިން މުސާރަ ނަންގަވައި އެތައް މުއައްސަސާއެއް ހައްދަވައިގެން ތިއްބެވި ފަރާތްތަކުން ޒިންމާ ނަގަން ޖެހެ އެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު ވެސް ހިތާމައަކީ މިފަދަ ކަންކަމަށް އަޅާ ނުލެވޭތީ އެވެ. އެތައް ތުއްތު މައުސޫމް ކުދިންއެއް އެ އަނިޔާވެރި އަތްތައް ދަށުވެ ހަފުސް ވަމުންދާއިރު ވެސް ހުއްޓުވާނެ ފަރާތްތައް މަދު ކަމެވެ. މިއީ ހަމައެކަނި އަނގައިން ބުނެލައިގެން ހުއްޓުވޭނެ ކަންކަމެއް ނޫންނެވެ. މައްސަލަ ހައްލުވަންދެން އިންތިހާއަށް މަސައްކަތް ކުރަންޖެހެ އެވެ. ނޫނީ އިބްތިހާލްގެ މަރު ފަދަ އެތައް ހާދިސާއެއް ފެންމަތިވާނެ އެވެ. މިއީ ފަރުދީ ޒިންމާ ނަގަން ޖެހޭ ވަގުތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް