މަރުވި ކުއްޖާ ބަލައިދޭން ރަށު މީހުން ތިބީ އެދިއެދި!

ވ. ރަކީދުއަށް އުފަން އުމުރުން އެންމެ ދެ އަހަރުގެ ތުއްތު މުހައްމަދު އިއްތިހާލް މަރުވެފައި އޮއްވައި ފެނުނީ ބޮޑެތި ޒަހަމްތަކަކާ އެކު އެވެ. ރަކީދޫ ރައްޔިތުންނާއި ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުން ނަމަ އެތުއްތު ކުއްޖާއަކީ ތަކުރާރުކޮށް އެތައް އަނިޔާއެއް ލިބިފައިވާ ކުއްޖެކެވެ. ތުއްތު ތުއްތު އެ މައުސޫމް ހަށިގަނޑުގައިވާ އެތައް ލަކުނަކުން އެކަން ރަމްޒުކޮށްދެ އެވެ. އެކުއްޖާ އަށް ލިބެމުން ދިޔަ އަނިޔާ އަށް ހައްލެއް ގެނައުމަށް ރަކީދޫ ރައްޔިތުން ވަނީ އެތައް މަސައްކަތެއް ކޮށްފަ އެވެ. އެގޮތުން އެރަށު ބަޔަކު ވަނީ އިއްތިހާލް ބަލާނެ ކަމަށާއި އެ ކުއްޖާ ހަވާލުކުރުމަށް މަންމަ ކައިރިން އެދިފަ އެވެ. ނަމަވެސް ކުރީ އިންކާރެވެ.

"ވަރަށްވަރަށް ނިކަމެތިކޮށް ހުންނަ ކުއްޖެއް، ރަށުގެ ހުރިހާ ރައްޔިތުންގެ އަގައިން ވެސް، އަޅުގަނޑުމެން ރަށުގެ ރައްޔިތަކު އަމިއްލެއަށް ވެސް އެކުއްޖާއަށް އަނިޔާ ކުރާތީ އެބަހުރި ބުނެފައި ދޭށޭ އިއްތިހާލް ބަލާނަމޭ، ނަމަވެސް އެކުއްޖާ ހަވާލެއް ނުކުރޭ،" ރަކީދޫ ކައުންސިލްގެ މެމްބަރަކު ސަން އަށް ވިދާޅުވި އެވެ.

އެނގޭ ގޮތުގައި އެ ތުއްތު ކުއްޖާއަށް ކުރާ އަނިޔާފެނި ހިތްދަތިވެ ރަކީދޫ އެތައް ބަޔަކު ވެސް ވަނީ އެކުއްޖާގެ މަންމައަށް އެތައް ފަހަރެއްގެ މަތިން ނަސޭހަތް ދީފަ އެވެ. ނަމަވެސް އޭނާ އެކަން ނުހުއްޓާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އާދަމް ސާމީ ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. އަނިޔާތައް އިންތިހާއަށް އިތުރުވެ ނަތީޖާ އަކަށް ވެފައި އެވަނީ ކުއްޖާ މަރުވުމެވެ.

"އެކުއްޖާއަކީ ބައްޕަ ނެތް ކުއްޖެއް، އެކުއްޖާ އަށް އެތައް ފަހަރެއްގެ މަތިން އަނިޔާކުރާ ކަމަށް ކުއްޖާގެ މަންމަ އެތައް ފަހަރަކު އެބަހުރި އެއްބަސްވެފައި. އަޅުގަނޑުމެން ފުލުހުންނަށް ގުޅައިގެން އެތައް ދުވަހެއް ވެއްޖެ މިމައްސަލަ ބަލަމުން އަންނަތާ ވެސް، ޕޮލިހުން ކައިރީގައި ވެސް މީނަ އެބަހުރި އެއްބަސްވެފައި އަނިޔާ ކުރާކަމަށް،" ކައުންސިލްއިން މައުލޫމާތު ދިން ފަރާތުން ވިދާޅުވި އެވެ.

އެރަށު މީހުން ބުނާ ގޮތުން ކުއްޖާ މަރުވެފައި ވަނީ އަނިޔާތަކުގެ ސަބަބުންނެވެ. އެމައުސޫމް ހަށިގަނޑުގައި އެތައް ވަތްކެއް އެޅިފައި ހުރިކަން ހެއްކަކަށް ފުދެ އެވެ. މަރުވެފައި އޮއްވައި ފެނުނު ކުއްޖާގެ ކަންފަތާއި ކުރިމަތިފަރާތުން ޒަހަމްތަކެއް ލިބިފައި ހުރި ފޮޓޯތައް "ސަން"އަށް ވަނީ ލިބިފަ އެވެ. އެގޮތުން އެ ކުއްޖާގެ ކުރިމަތިފަރާތުގެ "އުރަވަޅި" ވަރަށް ބޮޑަށް ވަނީ ދުޅަވެފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ ކުއްޖާގެ ކަނައަތް ފަރާތު ކަންފަތުން ބައެއް ވަރަށް ބޮޑަށް ދުޅަވެ، ނޫފައިގެންފައިވެ އެވެ.

އޭއެމްޑީސީގައި މަސައްކަތް ކުރައްވާ ޑރ. އުސާމާ އަލީ ވިދާޅުވި ގޮތުގައި ތުއްތުކުއްޖެގެ ކުރިމަތި ފަރާތް އެހާ ބޮޑަށް ދުޅަވާން އޮންނާނެ އެއް ސަބަބަކީ "ކޯފުއްޕި" ޖެހުމެވެ. ނޫނީ އިންފެކްޝަނެއް އުފެދުމެވެ. ނަމަވެސް އެތުއްތު ކުއްޖާގެ ފޮޓޯ އިން ފެންނަ ގޮތުން އެއީ "ޖެހުމުން" ނުވަތަ ތަނަކުން ވެއްޓުމުން ލިބިފައިވާ ގެއްލުމެއް ކަމަށް ބެލެވޭ ކަމަށް އުސާމާ ވިދާޅުވި އެވެ. ނަމަވެސް ޔަގީންކޮށް އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަކީދޫ ކައުންސިލުގެ ރައީސް އާދަމް ސާމީ މިއަދު ވިދާޅުވީ ދެ އަހަރުގެ އެ ކުއްޖާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމުގައި އޮއްވައި މިއަދު 11:45 އެހާކަންހާއިރު ކަމަށެވެ. އަދި ކުއްޖާ މަރުވެފައި ވަނީ ބަޔަކު އަނިޔާކޮށްގެން ކަމަށް ބެލެވޭ ކަމަށް ސާމީ ވިދާޅުވި އެވެ.

"ސިޓިންގް ރޫމަށް ވެއްޓިފައި އޮތް އިރު އެކިވަރުގެ ޒަހަމްތަށް ފެންނަން ހުރި، ވައަތު ކަންފަތް ދުޅަވެފަ އޮތީ، އަދި ކުރިމަތިފަރާތަށް ވެސް ވަރަށް ބޮޑަށް އަނިޔާ ވެފައި ވަނީ، އަނިޔާކޮށްގެން މަރުވެފައިވާ ކަމަށް ބެލެވެނީ، އެކަމަކު ސީދާ މަރާލީއޭ ދަންނަވާކަށް ނުކެރޭނެ" ސާމީ ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސް އަހްމަދު ތޮލާލު މިއަދު ވިދާޅުވި ގޮތުގައި ދެ އަހަރުގެ ކުޑަކުއްޖެއް އަނިޔާކޮށް މަރާލާފައިވާ އިރު، ކަމާ ބެހޭ މުއައްސަސާތަކަށް އެކުއްޖާ ދިރިއުޅެމުން ދިޔައީ ރައްކާތެރި މާހައުލެއްގައި ނޫންކަން އެގޭ އިރު، ކަމާ ބެހޭ މުއައްސަސާތަށް ވެސް ކުއްޖާގެ މަރުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

މަރުވެފައިވާ އިއްތިހާލްގެ 30 އަހަރުގެ މަންމަ މިހާރު ހަބަރު ހުސްވެގެން ހެލްތުޕޯސްޓުގައި ފަރުވާ ދެމުންދާ އިރު އޭނާ މިހާރު އުޅެނީ ވ. އަތޮޅު ރަށެއްގެ މީހަކާ އިނދެގެންނެވެ. އެދެ މީހުންގެ ކައިވެއްޏަށް ދެ ކުދިން އެބަތިއްބެވެ. އެކުދިންނަށް އަނިޔާ ނުކުރާ ކަމަށް ރަކީދޫ ކައުންސިލްއިން ބުނެ އެވެ. އެއަންހެން މީހާގެ އާއިލާ އިން ރަކީދޫގައި ދިރިއެއް ނޫޅެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް