ކޭޝްކާޑުން ވިޔަފާރި ކުރުމުން އިތުރަށް ފައިސާ ނަގާ މައްސަލަ ބޮޑުވެފައި

ފޯނެއް ގަންނަން ފިހާރައަކަށް ދިޔައީމެވެ. ފިހާރަތެރޭ އަތްފުޅާ އެޅުމަށް ފަހު ކަމުދިޔައީ 11،275 ރުފިޔާ އަށްދޭ ފޯނެކެވެ. ފޯނު ގަތުމަށް ޓަކައި ފައިސާ ދައްކަން ތައްޔާރުވުމުން ކައުންޓަރުން ސުވާލެއްކޮށްލި އެވެ. "ފައިސާ ދައްކަނީ ކޭޝްކާޑުންތޯ ނުވަތަ ނަގުދު ފައިސާއިންތޯ؟"އެވެ. ފައިސާ ދައްކާނީ ކޭޝްކާޑުން ކަމަށް އަހަރެން ބުނީމެވެ. ވާނީވެސް އެހެންތާ އެވެ. މިޒަމާނަކީ ފައިސާ ބޮނޑި އަތަށް ލައިގެން އުޅޭ ޒަމާނެއް ނޫން ވިއްޔާ އެވެ. ނަމަވެސް ކޭޝް ކާޑުން 'ޕޭ' ކުރާ ވާހަކަ ބުނުމުން ކައުންޓަރުގައި އިން މީހާ ދިނީ ހެއްވާ ޖަވާބެކެވެ. ކާޑުން ޕޭ ކުރާނަމަ 2.5 ޕަސެންޓް އިތުރަށް 'ޗާޖު' ކުރާނެ ކަމަށެވެ. ސޭޓު އެބުނީ ފޯނުގެ އަގާއި ޓެކްސްގެ އިތުރުން އަދި އަހަރެންގެ އަތުން ޖުމުލަ 2.5 ޕަސެންޓުގެ ނުވަތަ 281 ރުފިޔާ އިތުރަށް ނަގާ ވާހަކަ އެވެ.

ހެއްވާ ދެއްތޯ އެވެ. ކާޑުން ފައިސާ ދައްކާ ނަމަ ވަކި ޕަސެންޓެއް އިތުރަށް ދައްކަން ޖެހުމަކީ މިހާރު އާއްމުވަމުން އަންނަ "ވައްކަމަކަށް" ވަނީ ވެފަ އެވެ. ގިނަ ކަސްޓަމަރުންނަށް އެއީ ކިހިނެއް ހިނގާކަމެއްކަން ބަލައިނުލައި އެބުނާ ޕަސެންޓެއް އިތުރަށް ފައިސާ ދައްކަ އެވެ. ނަމަވެސް އެއީ ގަވައިދާ ހިލާފަށް އެއްބަސްވުންތަކާއި މުޅިން ހިލާފަށް ކަސްޓަމަރުންގެ އަތުން "ފޭރެމުންދާ" ފައިސާތަކެކެވެ. މިކަމަށް ސަމާލުވާށެވެ.

ކޭޝްކާޑުން ކެނޑުމުން ކޮންމެ ބެންކަކުން ވެސް ވަކި ވަރެއް ވިޔަފާރިވެރިޔާގެ އަތުން ޗާޖުކުރެ އެވެ. އެކި ހިދުމަތާއި އެކި މުދަލަށް އެކި މިންވަރަށެވެ. އެފައިސާ ކަސްޓަމަރުންގެ އަތުން ހޯދުން ބެންކްތަކުން ވަނީ އެއްބަސްވުންތަކަކުން މަނާކޮށްފަ އެވެ. ނަމަވެސް ކަން ވަނީ އެމަގަކުން ނޫނެވެ. "ލިބޭ އެތިކޮޅު މަދުކަމުން" ކަސްޓަމަރުންގެ އަތުން އަދިވެސް އިތުރު ޗާޖެއްގެ ނަމުގައި ފައިސާ ނެގުން މިހާރު މިވަނީ އިންތިހާއަށް އާންމުވެފަ އެވެ.

"އަސްލު އަގުތައް ހަދާފައި ހުންނާނީ ބެންކު ޗާޖުވެސް ހިމަނައިގެން. ނަމަވެސް މިހާރު މިވާގޮތަކީ ކަސްޓަމަރު ކާޑުން ފައިސާ ކަނޑަން ދިޔައިމަ ކަސްޓަމަރުންގެ އަތުން އިތުރު ޗާޖެއް މިނަގަނީ. އޭރުން ވިޔަފާރިތަކަށް ފައިދާވެފައި ކަސްޓަމަރުންގެ އަތުން ޑަބަލްކޮށް ޗާޖު ކުރަނީ. މިއީ އޮޅުވާލުމެއްގެ ތެރެއިން އަތުލާ ފައިސާ ތަކެއް،" ކަންހިނގާ ގޮތް ސަން އަށް ކިޔައިދިން މަސްދަރަކުން ބުންޏެވެ.

ވިޔަފާރިވެރިން ދެނީ ފިނި ޖަވާބެކެވެ. ވިޔަފާރިވެރިޔަކު ބުނި ގޮތުގައި އެގޮތަށް އިތުރަށް ކަސްޓަމަރުންގެ އަތުން ފައިސާ ނަގަންޖެހެނީ ކުޑަ ފައިދާއެއް ލާފައި ވިއްކާ ތަކެތި ކަމަށްވުމުން ގެއްލުން ފޫބެއްދުމަށް ޓަކައެވެ. އެ ޗާޖު ނުނަގާނަމަ ވިޔަފާރިތަކަށް ފައިދާ ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބީއެމްއެލް އިން ޕީއޯއެސްގެ ޚިދުމަތް ވިޔަފާރިވެރިންނަށް ފޯރުކޮށްދެނީ އެފަރާތްތަކާއި ބޭންކާ ދެމެދު ވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންގެ އަތުން އެއްވެސް އަދަދެއް ނެގުމަކަށް ހަމަޖެހިފައެއް ނޯވެ އެވެ. އެއްބަސްވުމާ ޚިލާފުވާކަން އެނގިއްޖެ ހާލަތެއްގައި އެ ފަރާތްތަކާ ވާހަކަ ދައްކައި އަދި ފިޔަވަޅު ވެސް ދަނީ އަޅަމުން ކަމަށާއި އެފަދަ މައްސަލައެއް އުޅޭ ނަމަ އަވަހަށް ބޭންކަށް ހުށައެޅުމަށް ބީއެމްއެލުން އެދިވަޑައި ގަންނަވަ އެވެ.

ބޭންކިންގެ ހިދުމަތް ދޭ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް ޕީއާރް ކޯޕަރޭޝަން މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ، ކޭޝްކާޑުގެ ހިދުމަތަކީ އެ ބޭންކުން ހިލޭ ފޯރުކޮށްދެމުން އަންނަ ހިދުމަތެއް ކަމަށެވެ. އަދި ވިޔަފާރި ކުރާ ފަރާތްތަކުގެ އަތުން ނަގަން ނިންމާފައިވާ ފީ ކަސްޓަމަރުންގެ އަތުން ނެގުމަކީ އެއްބަސްވުމާ ހިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ މަނާކަމެއް. އެފަދަ ކަންކަން ކަސްޓަމަރުން އަޅުގަނޑުމެންނަށް ރިޕޯޓް ކުރައްވަން ވާނެ. އަޅުގަނޑުމެންނާ އެކު މާޗެންޓުސް ހަދާފައިވާ އެގްރިމެންޓުގައި އޮންނާނެ އަގު އެއަށްވުރެ ބޮޑުކޮށް ނަގައިގެން ނުވާނެ ކަމަށް ކަސްޓަމަރުގެ އަތުން،" ޝަފާއު ވިދާޅުވި އެވެ.

އެތައް ގޮތަކުން ނުހައްގުން ކަސްޓަމަރުންގެ އަތުން އެތައް ވިޔަފާރިއަކުން މިމޭރުމުން ފައިސާ އެބައަތުލައެވެ. އެތައް ސަތޭކަ ވިޔަފާރި ކުންފުނިތަކަކުން މި މަނާ އަމަލު ދަނީ ހިންގަމުންނެވެ. މިކަން މިވާގޮތެއް ނޭނގި އެތައް ކަސްޓަމަރުންނެއް ވަނީ މިމަޅީގައި ބަނދެވިފަ އެވެ. ނަތީޖާއަކަށްވެފައި ވަނީ އެތައް ހާސް ރުފިޔާއެއް ބަޔަކު ނުހައްގުން އަތުލުމެވެ. އެކަމަކު މިކަން މިހާ އާންމު ވުމުގައި ބަޔެއްގެ އިހުމާލު އެބަވެ އެވެ. ހަގީގަތުގައި ބޭންކުތަކުން ވެސް ފުރިހަމަ ޒިންމާ ނުނަގަ އެވެ.

ބޭންކްތަކުން މައްސަލަ ހުށަހަޅަން ބުނިނަމަ ވެސް ދެރައީ އެކަން ނުހުއްޓުވޭތީ އެވެ. އެތައް ރައްޔިތެއްގެ އަތުން އެތަކެއް ހާސް ރުފިޔާ ނުހައްގުން އަތުލަމުންދާއިރު މިއީ ހަމައެކަނި މަނާ ކަމެކޭ ކިޔައިގެން ބޭންކްތަކުން ވެސް ތިބެގެން ނުވާނެ އެވެ. އެބޭފުޅުންގެ ޕީއޯއެސް މެޝިން ބަހައްޓާފައިވާ ތަންތަނުން އަމަލު ކުރާގޮތް ބޭންކުތަކުން ރަނގަޅަށް "މޮނިޓާރ"ކުރަން ޖެހެ އެވެ.

މިކަމަކީ އެތައް ވިޔަފާރިއަކުން ކުރަމުން އަންނަ ކަމަކަށްވާ އިރު، އާންމުކޮށް އެ އަމަލު ހިންގާ ފިހާރަތަކުން ޗާޖަކަށް ނަގަނީ ގަންނަމުދަލެއް ނުވަތަ ހޯދާ ހިދުމަތެއްގެ 2.5 ޕަސެންޓު ނުވަތަ 3.5 ޕަސެންޓެވެ. އެއަށް ވުރެ ވެސް އިތުރަށް ޗާޖްތައް ކުރުމަކީ އެކަށިގެންވާ ކަމެކެވެ. ބޮޑެތި އަދަދުތަކުން ވިޔަފާރިކުރާ ފަރާތްތަކުގެ އަތުން ދޭއް ނުވަތަ ތިނެއް ޕަސެންޓްގެ ޗާޖަކީ ވެސް ބޮޑުއެއްޗެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭޝްކާޑުގެ ހިދުމަތްދޭ ދެ ބޭންކުން ވެސް އެ އަމަލު ހުއްޓުވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. އާނއެކެވެ. ކަސްޓަމަރުންގެ ޒިންމާ ފެށެނީ މިހާ ހިސާބުންނެވެ. ކަސްޓަމަރުން ކުރަންވީ ކަމަކީ އެގޮތަށް ފައިސާ ދޭން ބުނުމުން އެގޮތަށް އަމަލު ނުކުރުމެވެ. ހަމައެއާ އެކު އެފަދަ މައްސަލަތައް ވީހާ ވެސް އަވަހަށް ބެންކުތަކަށް ހުށަހަޅައި އާއްމުން ހޭލުންތެރިކުރުވުމެވެ. ހަމައެހެންމެ ބޭންކު ތަކުންވެސް ޒިންމާ ރަނގަޅަށް އަދާ ކުރަން ޖެހެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް