އެމްޑީޕީގެ ވިޕާ ހިލާފުވި ހަތަރު މެމްބަރަކު ފިޔަވަޅު އަޅާ ކޮމެޓީ އަށް ޖަވާބުދާރީ ވެއްޖެ

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ، އެމްޑީޕީގެ ހަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ފިޔަވަޅު އަޅާ ކޮމިޓީ އަށް ހާޒިރުވެ ޖަވާބުދާރީ ވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދޭން އެމްޑީޕީ އިން ތްރީލައިން ވިޕް ނެރެފައި އޮއްވައި، ވޯޓުގައި ބައިވެރިނުވި މެމްބަރުގެ ތެރެއިން ހަތަރު މެމްބަރުން ޖަވާބުދާރީ ވެފައިވާ އިރު ބާކީ ތިބި ދެ މެމްބަރުން ޖަވާބުދާރީވެފައިއެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ފިޔަވަޅު އަޅާ ކޮމިޓީ އަށް ޖަވާބުދާރީ ނުވާ ދެ މެމްބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގު އެވެ.

އެމްޑީޕީގެ ނައިބު ލީޑަރު އަދި ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު މުހައްމަދު ޝިފާޒު މިއަދު "ސަން" ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ކުރިއަށް ދާނެ ކަމަށެވެ. އަދި މާދަަމާ ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު ފިޔަވަޅު އަޅާ ކޮމިޓީން ގޮތެއް ނިންމަވާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ފަނޑިޔާނުން ވަކިކުރުމަށް ބޭއްވޭ ޖަލްސާގައި ބައިވެރިވެ ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނަށް ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ވިޕްލައިނާ ހިލާފުވި މެމްބަރުންނަކީ ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގާއި ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު އެވެ.

ދެ ފަނޑިޔާރުން ވަކިކުރުމުގެ ޖަލްސާގައި ޖުމްލަ 78 މެންބަރުން ބައިވެރިވެ ވަޑައިގެންފައިވާ އިރު، ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދީފައި ވަނީ 53 މެންބަރުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓުދޭން ނުފެންނަ ކަމަށް ޕީޕީއެމްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްދު ނަޝީދު ވޯޓު ދީފައިވާ އިރު ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވަނީ ވޯޓު ދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު