ތިނަދޫ ކަރަންޓްގެ 50 ޕަސެންޓް އަވިން އުފައްދަން ފަށައިފި

ގދ. ތިނަދޫން: މުހައްމަދު ނަސީމް

ގދ. ތިނަދު އަށް ދުވާލު ބޭނުންވާ ކަރަންޓްގެ 50 ޕަސެންޓް އަވިން އުފައްދަން ފެށުން މިއަދު އިފްތިތާހުކޮށްފި އެވެ.


އިރުގެ އަވިން (ސޯލާ ޕެނަލް) ބޭނުންކޮށްގެން 250 ކިލޯވޮޓްގެ ކަރަންޓް އުފައްދާ ނިޒާމެއް މި ރަށުގައި ގާއިމްކޮށް، އެ ނިޒާމުން ރަށަަށް ކަރަންޓް ދޫކުރައްވަން ފެއްޓަވަވައި ގްރިޑާ ގުޅައި ދެއްވީ މި ރަށު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރްމެންޓް މިނިސްޓަރު ތާރިޤު އިބުރާހީމެވެ.
އަވިން ކަަރަންޓް އުފައްދާ ނިޒާމު ތިނަދޫގެ ކަރަންޓް ގްރިޑާ ގުޅައި ދެއްވުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު ތާރިޤު އިބުރާހީމް ވާހަކަ ދައްކަަވަނީ--ފޮޓޯ އެންވަޔަރްމެންޓް މިނިސްޓްރީ

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ މިއަދު ގުޅައިލި ނިޒާމުން ތިނަދުއަށް ދުވާލުގެ ވަގުތުގައި ބޭނުންވާ ކަރަންޓްގެ އެންމެ މަތީ އަދަދުގެ 50 ޕަސެންޓް އުފެއްދޭނެ ކަމަށެވެ.

އެއީ ތިނަދޫގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ހިންގި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރި ނިޒާމުން އުފެއްދޭ 308 ކިލޯ ވޮޓްގެ ކަރަންޓާ އެކުގަ އެވެ. އެހެންވެ މިރަށުގައި މިހާރު އިރުގެ ހަކަތައިން އުފެެއްދޭ ކަރަންޓްގެ ޖުމްލަ މިންވަރަކީ 558 ކިލޯވޮޓެވެ.

މިނިސްޓަރު އަދި ވިދާޅުވީ މިއީ ރާއްޖޭގައި މި މިންވަރަށް ރާއްޖޭގެ ރަށެއްގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފަައްދާ ފުރަތަމަ ފަހަރު ކަމަށެވެ.

"...މި ނިޒާމުން 250 ކިލޯ ވޮޓްގެ ކަރަންޓް އުފެެއްދޭނެ. އެއީ މިރަށަށް ދުވާލުގެ ވަގުތު ބޭނުންވާ ކަރަންޓްގެ 50 ޕަސެންޓް، މިއީ ރާއްޖޭގެ ރަށެއް މިފެންވަރަށް ގެންދެވުނު ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ހިންގާ ކަރަންޓް ހަރަދުކުޑަކުރުމަށް ބާރު އެޅުމުގެ ކެމްޕޭނުގައި ތިނަދޫ ކައުންސިލުން ބައިވެރިވާކަން ހާމަ ކުރުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.
(ސޯލާ ޕެނަލް) ބޭނުންކޮށްގެން 250 ކިލޯވޮޓްގެ ކަރަންޓް އުފައްދާ ނިޒާމެއް ގދ. ތިނަދޫގައި ގާއިމްކުރުން-- ފޮޓޯ އެންވަޔަރްމެންޓް މިނިސްޓްރީ

އަވިން ކަރަންޓް އުފައްދާ ނިޒާމު ތިނަދޫގެ ކަރަންޓްގެ ގްރިޑަށް ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގައި ތިނަދޫގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި އެ ރަށު ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި ތިނަދޫއަށް ނިސްބަތްވާ ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުލްމަތީނު މުޙައްމަދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ނިމާލު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު