ވެން ހާލްއަށް އެކެއް، ޕެލެގްރިނީއަށް ތިނެއް!

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓަޑް ކުޅުނު މެޗު އެއްވަރު ވުމުން އެ ޓީމުގެ ކޯޗް ވެން ހާލް ޓީމާއެކު ތާވަލްގެ ތިން ވަނަގައި އަނެއްކާވެސް މަޑުޖެހިލަން ޖެހިފައި ވާއިރު، ކޯޗް މެނުއަލް ޕެލެގްރިނީގެ މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، ތާވަލްގެ އެއްވަނަ ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެ ޓީމް ހަމަހަމަ ކޮށްފިއެވެ.

ދެ ޓީމުގެ ކޯޗުންވެސް ލީގު ރޭހުގެ އެއްވަނަ މަގާމަށް އަމާޒު ހިފާފައި ވާއިރު، ވެން ހާލް ވަނީ މިފަހަރުގެ ސީޒަންގެ ކުރީކޮޅުގައި ދަތި މަރުހަލާތަކެއް ކަޑައްތުކުރި ޔުނައިޓަޑް ބުރަ މަސައްކަތާއެކު ތާވަލްގެ 10 ވަނައިން ތިން ވަނައަށް ގެނެސްފައެވެ. ނަމަވެސް ރޭގެ އެއް ޕޮއިންޓާއެކު އެ ޓީމާ ތާވަލްގެ ދެވަނައިގައި އޮތް ސިޓީއާ މެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު މިހާރު ވަނީ ހަތް ޕޮއިންޓަށް އިތުރު ވެފައެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލްގައި ސިޓީ އަނެއްކާވެސް ކުރިއަށް ޖެހިލާފައި ވާއިރު، އެ ޓީމް ވަނީ މިހާރު މުބާރާތުގައި މުޅިއަކު 39 ޕޮއިންޓު ހާސިލްކޮށް، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފައެވެ.

ރޭ އެ ޓީމް ކުޅުނު މެޗުގައި ޔުނައިޓަޑް ވާދަކުރީ ތާވަލްގެ 13 ވަނައިގައި އޮތް އެސްޓަން ވިލާއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން ނެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ލީޑް ނެގީވެސް އެސްޓަން ވިލާ އެވެ. ފުރަތަމަ ހާފްގެ 18 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ ބެންޓެކޭ އެވެ.

މެޗުގެ ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން މެޗު ކޮންޓްރޯލް ކުރަމުންދިޔަ ޔުނައިޓަޑަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވެފައި ވަނީ މެޗުގެ ދެވަނަ ހާފްގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަންގައި މިހާތަނަށް ޔުނައިޓަޑް ކުޅުނު 17 މެޗުގެ ތެރެއިން އެންމެ އަށް މެޗުން ފެނިގެން ދިޔަ އެ ޓީމުގެ ލޯނު ކުޅުންތެރިޔާ ރަޑަމެލް ފަލްކާއޯ އެވެ. މެޗުގެ 65 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ގެބްރިއަލް އަށް ދެއްކި ރަތް ކާޑާއެކު ޔުނައިޓަޑަށް އަނެއްކާވެސް ވަނީ މެޗުގައި ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ އެސްޓަން ވިލާގެ މައްޗަށްވެސް ބަދުނަސީބު ޔުނައިޓަޑަށް ވަނީ ކުރި ހޯދޭ ގޮތް ނުވެފައެވެ.

އެއާ ޚިލާފަށް ރޭ އެ ޓީމް ކުޅުނު މެޗުގައި ސިޓީގެ ފޯވާޑް ލައިނުގައި އެ ޓީމްގެ ޔާޔާ ޓޯރޭ އާއި ޑޭވިޑް ސިލްވާ ވަނީ ވިދާލާފައެވެ. ލީގުގެ ރެލިގޭޝަން ޒޯންގެ ތުންފަތް މަތީ އޮތް ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ކްރިސްޓަލް ޕެލެސްގެ މައްޗަށް ސިޓީ ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސަފައި ނުވިނަމަވެސް، ދެވަނަ ހާފް ސިޓީ ފެށީ ލަނޑަކާ އެކީ އެވެ. މެޗުގެ 49 ވަނަ މިނެޓުގައި ސިޓީގެ ޑޭވިޑް ސިލްވާ ކްރިސްޓަލް ޕެލެސްގެ ގޯލު އޭނާގެ ޓީމަށް ހުޅުވަދީފައި ވާއިރު، އޭގެ 12 މިނެޓު ފަހުން އޭނާ ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް، ސިޓީގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ސިޓީގެ ޔާޔާ ޓޯރޭ ކާމިޔާބުކުރި ލަނޑާއެކު، މެޗުގެ ތިން ޕޮއިންޓު ސިޓީއަށް ވަނީ ކަށަވަރު ވެފައެވެ.

ރޭ ކުޅުނު އެ ދެ މެޗުގެ ނަތީޖާއާއެކު ޔުނައިޓަޑް ލީގުގައި އަނެއްކާވެސް އިތުރު މަސައްކަތްތަކެއް ކުރަން މަޖުބޫރު ވެފައި ވާއިރު، 2011-2012 ގެ ސީޒަން އާއި 2012-2013 ގެ ސީޒަންގައި މުބާރާތުގެ ފައިނަލްގައި ވާދަކުރި އެ ދެ ޓީމަށް މިފަހަރު ވާދަކުރަން ޖެހިފައިވާ ގަދަ ބާރަކީ ޗެލްސީ އެވެ. ކުޅުނު 16 މެޗުގެ ތެރެއިން އެންމެ މެޗަކުން ބަލިވެފައިވާ ޗެލްސީ މިފަހަރުގެ ލީގު ތާވަލްގެ އެއްވަނައިގައި 39 ޕޮއިންޓާއެކު މިހާތަނަށް ދަނީ ރަސްކަން ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު