ވިހެއި ދަރިފުޅު ބޭނުންތޯ ފޭސްބުކްގައި ޖެހި މައްސަލަ ޖެންޑާ އިން ބަލަން ފަށައިފި

ލ. މާވަށު އަންހެނަކު ކައިވެނިން ބޭރުގައި ވިހެވުމަށް ފަހު، އެ ތުއްތު ދަރިފުޅު ބަލަން ބޭނުންވާ ފަރާތަކަށް ދޭން ނިންމާފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާއްމުކުރުމާ ގުޅިގެން އެ މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ޝޯސަލް މީޑިއާގައި އެ އަންހެން މީހާ ވިހެއި ތުއްތު އަންހެން ދަރިފުޅުގެ ފޮޓޯއާ އެކު ވަނީ އާއްމުކޮށްފަ އެވެ. އަދި ތުއްތު ކުއްޖަކު ހޯދަން ބޭނުންވާ ފަރާތަކަށް ލިބޭ މީ ރަނުގެ ފުރުސަތެއް ކަމަށާއި އެ ކުއްޖާ ބޭނުން ފަރާތެއްވާ ނަމަ ގުޅާނެ ނަމްބަރެއް ވެސް ވަނީ އާއްމުކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު 'ސަން' އަށް ވިދާޅުވީ އެ ތުއްތު ކުއްޖާގެ ވާހަކަ އެނގިވަޑައިގަތީ އެ ކުއްޖާގެ ފޮޓޯއާ އެކު ސޯޝަލް މީޑިއާގައި އާއްމުކުރުމާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ތުއްތު ކުއްޖާއަށާއި މަންމަ އަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެ ބޭބީއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ދޭން ޖެހޭ ދިނުމަށް މިހާރު މި މަސައްކަތް ކުރަނީ، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން މިގެންދަނީ،" ޝިދާތާ ވިދާޅުވި އެވެ.

އެ ކުއްޖާގެ މަންމަގެ އެދުމުގެ މަތިން އެ ކުއްޖާގެ މައުލޫމާތު ފޭސްބުކްގައި އާއްމު ކުރެއްވި އެރަށު ކައުންސިލްގެ މެމްބަރު މޫސާ ފައިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ ކުއްޖާ ބޭނުންވާ ފަރާތެއް ހޯދުމަށް ސޯޝަލް މީޑިއާގައި އާއްމުކުރީ އެ ކުއްޖާގެ މަންމަ އެގޮތަށް ބޭނުން ވެގެން އެދުމުން ކަމަށެވެ. އަދި އެ އަންހެން މީހާ ވިހެއުމަށް ހޮސްޕިޓަލަށް ދިޔަ ފަހުން އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިނީ ކައުންސިލުން ކަމަށާއި އެ އަންހެން މީހާގެ އާއިލާ އަކީ މާލީ ގޮތުން ތަނަވަސްކަން ނެތް ވަރަށް ވެސް ނިކަމެތި އާއިލާާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ވިދާޅުވީ އެ އާއިލާ އަށް ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކަން މީގެ ކުރިން ވެސް އެތަކެއް ފަހަރު ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެމީހުން އުޅެމުން ގެންދަނީ ފަން ޖިފުޓި ގަނޑެއްގައި، ރޭގައި ކައުންސިލުން އެގެއަށް ޒިޔާރަތް ކުރި، ކުއްޖާ އޮތް މަންމަގެ ކައިރީގައި، އެ އަންހެން މީހާ އަށާއި އެ އާއިލާ އަށް ހިމާޔަތް ދޭނެ ގޮތެއް ހޯދަން ޖެންޑާގައި ވެސް އެދިފައިވާނެ ކައުންސިލުން. އޭނާ އަކަށް އާއިލާގެ ފަރާތުން ވެސް މާބޮޑު އަޅާލުމެއް ނުލިބޭ، އެހެންވެ އެ ކުއްޖާ މީހަކާ ހަވާލުކުރަން ބޭނުންވެގެން މަންމަ އެދުމުން އެ ވާހަކަ ސޯޝަލް މީޑިއާގައި ޖެހީ،" ފައިޝަލް ވިދާޅުވި އެވެ.

އެ ރަށުގެ ކައުންސިލުން ބުނީ އެ އަންހެން މީހާގެ އެ ތުއްތު އަންހެން ކުއްޖާގެ އިތުރުން ވެސް ކައިވެނިން ބޭރުން ހޯދާފައިވާ އެހެން ދަރިއަކު ހުންނަ ކަމަށާއި އަދި އެ އާއިލާގެ އެފަދަ އިތުރު މައްސަލަތަކެއް މީގެ ކުރިން ވެސް ޖެންޑާ އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ނުދެ އެވެ.

ޝިދާތާ ވިދާޅުވީ އެ އާއިލާގެ އިތުރު މައްސަލަތަކެއް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު މިވަގުތު އެނގިވަޑައިނުގެންނަވާ ކަމަށެވެ. ނަމަވެސް އެ ފަދަ މައްސަލަތަކެއް ހުށަހެޅިފައިވާ ނަމަ އެ ކަންތައްް މިނިސްޓްރީން ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު