ވިލިމާލެ ޕްރީ ސްކޫލު އެހެން ބަޔަކާ ހަވާލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެފި

ވިލިމާލެ ޕްރީ ސްކޫލް ހިންގަމުން ދިޔަ އެޑިޔު އޮޕްޝަންސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް އަންގަންދެން އެ ޕްރީ ސްކޫލް އެހެން ބަޔަކަށް ކުއްޔަށް ނުދިނުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ތައުލީމީ ފަންޑުގެ ދަށުން ވިލިމާލޭގައި އިމާރާތް ކުރި އެ ޕްރީ ސްކޫލް، އެޑިޔު އޮޕްޝަންސާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. އެ ސްކޫލް ހިންގުމަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 12 އަހަރު ދުވަހަށެވެ.

ނަމަވެސް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތައުލީމީ ފަންޑުން ވަނީ އެ އެގްރިމެންޓް ބާތިލްކޮށްފަ އެވެ.

ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީ އިން ޕްރީ ސްކޫލް ހިންގަން ހަވާލުކުރި ކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް، އެޑިޔު އޮޕްޝަންސާ އެ ޕްރީ ސްކޫލް ހިންގަން ހަވާލުކުރިކަމުގެ އެއްބަސްވުމެއް އޮތް ކަމަށާއި އެ އެގްރިމެންޓުގެ މުއްދަތު ހަމަވާނީ 12 އަހަރު ފަހުން ކަމަށް އެނގެން އޮތް ކަމަށެވެ.

އެގޮތުން، ތައުލީމީ ފަންޑުގެ ފަރާތުން އެގްރިމެންޓް ބާތިލުކުރިކަމުގެ ސައްހަކަމާ މެދު ގޮތެއް ކަނޑައެޅޭނީ އެ މައްސަލައިގެ މައުޟޫއަށް ބެލެވިގެން ކަމަށްވާތީވެ، އެހެން ގޮތަކަށް އެކަން ސާބިތުވަންދެން އޭގެ އަސްލު ހާލަތު ދެމެހެއްޓުމަށް ޓަކައި އެ އެގްރިމެންޓަކީ ސައްހަ އެގްރިމެންޓެއްކަން ގާނޫނީ ގޮތުން ބެލެވެން އޮތް ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ވިލިމާލެ ޕްރީ ސްކޫލް އެހެން ފަރާތަކާ ހަވާލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބިޑް ވިއްކުމަށް ހަމަޖެހިފައިވާކަން ދައުލަތުގެ ފަރާތުން އެނގެން އޮތުމުން، އެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން އެ ޕްރީ ސްކޫލު އެހެން ފަރާތަކާ ހަވާލުކޮށްްފި ނަމަ އެޑިޔު އޮޕްޝަންސް އަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ބުނެފައިވެ އެވެ.

"ސިވިލް ކޯޓުން ބަލަމުންދާ މައްސަލަ ނިމެންދެން ނުވަތަ މި ކޯޓުން ވަކިގޮތެއް އަންގަންދެން މާލެ އަތޮޅު ވިލިނގިލި ޕްރީ ސްކޫލު ހިންގުމަށް ދޫކޮށްފައިވާ އިމާރާތް އެހެން ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އެތަނުގައި ހުރި އެޑިޔު އޮޕްޝަންސް ޕްރައިވެޓް ލިމިޓެޑުގެ އެއްވެސް އެއްޗެއް އެތަނުން ނުނެރުމަށާއި އަދި އެ ސްކޫލު ހިންގުން ހަވާލުކުރުން ފަދަ އެއްވެސް މުއާމަލާތެއް އެޑިޔު އޮޕްޝަންސް ޕްރައިވެޓް ލިމިޓެޑް ފިޔަވައި އިތުރު އެހެންފަރާތަކާ އެކު ނުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް އަންގައި އަމުރު ކޮށްފީމެވެ.،" ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު