ތިނަދޫ ޗެލެންޖް ކަޕް :
ފައިނަލްގެ ފުރަތަމަ ޖާގަ ސެންޓާ ފޮކްސަސް އަށް

ހުވަދޫ ރެކްރިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ޗެލެންޖް ކަޕް 2014ގައި އިއްޔެގެ މެޗު ކާމިޔާބުކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ ޓީމް ސެންޓާ ފޮކްސަސް ކަށަވަރުކޮށްފި އެވެ.

އިއްޔެ ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގައި ސެންޓާ ފޮކްސަސްއާ ދެކޮޅަށް ވާދަކުރީ ޑީއެފް ބާސާ އެވެ. އެ މެޗު ސެންޓާ ފޮކްސަސް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފް ފެށިތާ ހަތަރު މިނެޓުތެރޭ ސެންޓާ ފޮކްސަސް ވަނީ އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑު ނަގާފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމްގެ ޒަމްއަތު މުހައްމަދު އެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓުގައި ޑީއެފް ބާސާ ވަނީ މެޗުގައި އެ ޓީމް ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޑިއެފް ބާސާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމުގެ އަހުމަދު ނަސީމް އެވެ.

ސެންޓާ ފޮކްސަސް އަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ ދެވަނަ ހާފްގައި އެ ޓީމްގެ އިބްރާހިމް ރިޔާޒު އެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ސެންޓާ ފޮކްސަސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އެ ޓީމްގެ ލީޑު ފަޅާކޮށްދިނީ އެ ޓީމްގެ އިސްމާއިލް އަލީ އެވެ. ސެންޓާ ފޮކްސަސްގެ އެންމެ ފަހު ލަނޑު ކާމިޔާބުކޮށް، މެޗު އެ ޓީމަށް ކަށަވަރު ކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި އެ ޓީމުގެ އަހުމަދު ރަޝީދު އެވެ.

އެ ނަތީޖާއާ އެކު ސެންޓާ ފޮކްސަސް މެޗު ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި ސެންޓާ ފޮކްސަސްއަށް އެ ޓީމުގެ ފުރަތަމަ ލަނދު ކާމިޔާބުކޮށްދިން ޒަމްއަތު މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮށްދެއްވީ އިއްޔެގެ މެޗުގެ ޝަރަފްވެރި މެހެމާނު ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އައްސަދު އިބްރާހިމް އެވެ.

ލީގު އުސޫލުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދާ އެ މުބާރާތުގެ ފައިނަލަށް ސެންޓާ ފޮކްސަސް ދަތުރުކޮށްފައި މިވަނީ މުބާރާތުގައި މިހާތަނަށް އެ ޓީމް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، މުޅިއަކު ނުވަ ޕޮއިންޓު ހޯދައިގެނެވެ. އެ މުބާރާތުގެ ފައިނަލްގައި ސެންޓާ ފޮކަސަސްއާ ދެކޮޅަށް ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ މިއަދު ކުޅެން ހަމަޖެހިފައިވާ މެޗު ނިމުމުންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި މިއަދު ހަވީރު ބައްދަލުކުރަން ހަމަޖެހިފައި ވަނީ ހެއްޔާނބޯ އާއި ޓީމް ހޯބަހަކުން އެވެ. އެ ދެ ޓީމްވެސް ވަނީ މިހާތަނަށް މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ހަ ޕޮއިންޓް ހޯދައިފަ އެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ގދ. ތިނަދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިފަހަރު އެ ރަށުގެ ފަސް ޓީމެއް ބައިވެރިވެފައިވެ އެވެ. އެ މުބާރަތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެ މުބާރާތުގެ ޗެންޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 50،000 ރުފިޔާ ދޭން ހަމަޖެހިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު