ޑެޕިއުޓީ ޕްރިންސިޕަލުންގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަން އަންގަން ނިންމައިފި

ސްކޫލުތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލައިގެ ހުރިހާ މައުލޫމާތުތަކެއް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދިނުމަށް މާދަމާ އާ ހަމައަށް ކޮމިޓީން މުހުލަތު ދީފި އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ކޮމިޓީގެ ނައިބު މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލާގައި ކޮމިޓީ އިން އެ މިނިސްޓްރީ އަށް މިއަދު ސިޓީ ފޮނުވާނެ ކަމަށެވެ. އަދި މާދަމާއާ ހަމައަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލާގައި އަޅުގަނޑުމެން ކޮމިޓީ އަށް ބޭނުންވާ މައުލޫމާތުތަކާ ގުޅޭ ސިޓީ މިއަދު އަޅުގަނޑުމެން މިނިސްޓްރީ އަށް ފޮނުވާނަން. ސިޓީ އަށް ޖަވާބުދާރީ ވުމަށް ޓަކައި މާދަމާގެ ނިޔަލަށް މިނިސްްޓްރީ އަށް ފުރުސަތު ދެވޭނެ." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހަށް ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލަ ނިންމަން ކޮމިޓީގެ މެމްބަރުން ބޭނުންފުޅުވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލައިގެ ހުރިހާ މައުލޫމާތެއް އެޑިއުކޭޝަން މިނިސްޓްރީން ކޮމިޓީ އަށް ފޯރުކޮށްދިނުމަށް ފާސްކޮށްފަ އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ ޑެޕިއުޓީ ޕްރިންސްޕަލުންގެ ތެރެއިން ކޮމިޓީ އަށް ހާޒިރުވެވެން ތިއްބެވި ޕްރިންސިޕަލުން ކޮމިޓީ އަށް ހާޒިރުކުރުމަށް ވެސް ފާސްކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީީ އިން އެފަދަ ނިންމުމެއް ނިންމެވީ ކީއްވެކަން ސާފުކުރަން އެބޭފުޅުން ބޭނުންފުޅުވާ ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމަށް ޓީޗަރުން އަންނަނީ ވަރަށް ގިނަ ދުވަހު ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި ކުއްލިއަކަށް އެބޭފުޅުންގެ މަގާމު ދަށްކުރުމަކީ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް ވިދާޅުވީ ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލަ އަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވަަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި ކަމުގެ ވާނުވާ އެޑިއުކޭޝަން މިނިސްޓްރީން ކޮމިޓީ އަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވެސް ވިދާޅުވީ އެބޭފުޅުންގެ ކަންބޮޑުވުން މިމައްސަލާގައި އެބަހުރި ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި މިކަމަށް މަޝްވަރާކުރާނެ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުން ބުރާސްފަތި ދުވަހު ވަނީ މާލޭ ސްކޫލުތަކުގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނާ ބައްދަލުކޮށްފަ އެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލާގައި އެ ޕާޓީން ވަނީ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށް އެމައްސަލައަށް ގެނެވެން އޮތް ހައްލަކާ މެދު ވެސް މަޝްވަރާކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު