އައިއެސްގެ އަތްދަށުން އިރާގުގެ އުތުރުގެ ބޮޑު ސަރަހައްދެއް މިނިވަންކޮށްފި

ބަޣްދާދު (ޑިސެމްބަރު21): އިރާގާއި ސީރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ އައިއެސްގެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ އުތުރުގެ ސިންޖާރު ސަރަހައްދު މިނިވަން ކުރެވިއްޖެ ކަމަށް އިރާގުގެ ކުރުދީން ބުނެފި އެވެ.

އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ރައީސް މަސްއޫދު ބަރަޒާނީ ވިދާޅުވީ ކުރުދިސްތާނުގެ ސިންޖާރު ފަރުބަދައިގެ ވަށައިގެންވާ ހިސާބުތަކުން އައިއެސް ހަނގުރާމަވެރިން ފައްސާލައި އިއްޔެގެ ނިޔަލަށް އެސަރަހައްދު މުޅިން މިނިވަންކުރެވިފައިވާ ކަމުގަ އެވެ. ސިންޖާރު ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދުތަކަކީ އިރާގުގެ ކުރުދިސްތާނަށް ނިސްބަތްވާ ސަރަހައްދުތަކެކެވެ. އައިއެސްގެ ހަނގުރާމަވެރިން އެތަންތަނުން ފައްސާލެވުނީ އެޖަމާއަތާ ދެކޮޅަށް ކުރުދީންގެ ބިޝްމަރުގާ ހަނގުރާމަވެރިން ދިހަވަރަކަށް ދުވަސްވަންދެން ކުރި ވަރުގަދަ ހަނގުރާމައިގެ ނަތީޖާއެއް ގޮތުން ކަމަށް ކުރުދީ ލީޑަރުން ވިދާޅުވެ އެވެ. ކުރުދީންގެ ލީޑަރު މަސްއޫދު ބަރަޒާނީ ވަނީ މިއީ އައިއެސްގެ މައްޗަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފަ އެވެ.

ސިންޖާރު ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދަކީ އައިއެސްގެ އަނިޔާވެރި އަމަލުތަކުން ސަލާމަތްވުމަށް ޓަކައި އިރާގުގެ ބައިމަދު ދަރިކޮޅެއް ކަމަށްވާ އިޒީދީން ދަރިކޮޅުގެ އެތައް ހާސްބަޔަކު ރައްކާތެރިކަން ހޯދައިގެން ތިބި ސަރަހައްދެކެވެ. އެ ސަރަހައްދު އައިއެސްގެ ކިބައިން މިނިވަންކުރެވުނީ އެއްގަމު މަގުން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިޔަ ކުރުދީންގެ ބިޝްމަރުގާ ލަޝްކަރުތަކަށް ބޭނުންވާ ވައިގެ ފުރިހަމަ އެހީތެރިން އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ފަރާތުން ލިބިގެން ކަމަށް ވެސް ކުރުދީ ލީޑަރުން ވިދާޅުވެ އެވެ. ސިންޖާރުގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ފާއިތުވި ދެހަފްތާ ތެރޭގައި ވައިގެ މަގުން އެތަށް ސަތޭކަ ޙަމަލާތައްދީ އައިއެސްގެ އަސްކަރީ މަރުކަޒުތައް މުޅިން ފުނޑުފުނޑު ކޮށްލާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މިއާއެކު އެސަރަހައްދުގައި މަރުކަޒުކޮށްގެންތިބި އައިއެސްގެ ހަނގުރާމަވެރިންގެ އެއްބަޔަކު މަރުވެ އަނެއްބަޔަކު ފިލުމުން އެސަރަހައްދު ހިފުމަށް ކުރުދީ ހަނގުރާމަވެރިންނަށް ފަސޭހަވެގެން ދިޔަކަމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިންޖާރު މިނިވަންކުރިއިރު އެސަރަހައްދުން ވަނީ ހަތްދިހަ މީހުން އެއްވަޅެއްގައި ވަޅުލާފައިވާ ބޮޑު ކަށްވަޅެއް ވެސް ފެނިފަ އެވެ. އެކައްވަޅުގައިވާ މީހުންގެ ހަށިތަކަކީ އައިއެސްއިން ނަސްލު ނައްތާލުމަށް މަސައްކަތްކުރި އިޒީދީ ދަރިކޮޅުގެ މީހުންގެ ހަށިތަކެއް ކަމަށް ބެލެވޭކަމަށް ކުރުދީންގެ އަސްކަރީ ކޮމާންޑަރުން ވިދާޅުވެ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު