ޕާކިސްތާން ތާލިބާނުންގެ ލީޑަރު މުއްލާ ފަޟްލުﷲ މަރާލައިފި

އިސްލާމްއާބާދު (ޑިސެމްބަރު21): ޕާކިސްތާނުގެ ތާލިބާން ޖަމާއަތުގެ ލީޑަރު މުއްލާ ފަޟްލުﷲ މަރާލެވިއްޖެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ޕާކިސްތާނު އަސްކަރީ މަސްއޫލުވެރިއަކާ ޙަވާލާދީ އެގައުމުގެ މީޑިޔާއާ ބުނާ ގޮތުން ތާލިބާނުންގެ ލީޑަރު މުއްލާ ފަޟްލުﷲ މަރާލާފައި ވަނީ ޕާކިސްތާން ސިފައިން ތާލިބާނުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންގައި ދިން ވައިގެ ޙަމަލާތަކެއްގަ އެވެ. އަނެއްކޮޅުން މުއްލާ ފަޟްލުﷲ މަރުވީ އެމެރިކާ ދިން ޑްރޯން ޙަމަލާއެއްގައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. މުއްލާ ފަޟްލުﷲގެ މަރާބެހޭ ގޮތުން ތާލިބާނުން ބަޔާނެއް ދީފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި ޕާކިސްތާނުގެ ޕިޝާވަރުގެ ސްކޫލަކަށް ވަދެގަނެ އެސްކޫލްގެ ދަރިވަރުންނާ ދެކޮޅަށް ތާލިބާނުން ހިންގި ގަތްލުއާންމުގެ އިސް މޭސްތިރިއަކީ މުއްލާ ފަޟްލުﷲ ކަމަށް ޕާކިސްތާން ސަރުކާރުން ތުހުމަތު ކުރެ އެވެ. މިގަތްލުއާންމުގައި ތާލިބާނުން ވަނީ ޕިޝާވަރުގައި ޕާކިސްތާން ސިފައިން ހިންގާ ސްކޫލްގެ 132 ދަރިވަރުން ނާއި 9 ޓީޗަރުން ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފަ އެވެ. މިގަތްލުއާންމާ ގުޅިގެން ޕާކިސްތާން ސަރުކާރުން ވަނީ ތާލިބާނުންގެ ދެހަނގުރާމަވެރިއަކަށް މަރުގެ އަދަބު ވެސް ދީފަ އެވެ.

އަނެއްކޮޅުން މިއިން ދުވަހަކު ވެސް ނުހިންގާ ވަރުގެ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ޕާކިސްތާން ސިފައިން މިހާރު ގެންދަނީ ތާލިބާނުންނާ ދެކޮޅަށް ހިންގަމުންނެވެ. މިއޮޕަރޭޝަންގައި ތާލިބާނުންގެ 100 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު