ދޮހޮއްކޮ ބޭގެ މިއުޒިކީ ސާމާނުތައް ދާރުލްއާސާރަށް ލުމުގެ އިންތިޒާރުގައި

އެއީ މިމަހުގެ ކުރީކޮޅެވެ. ނަރުދަމާ ފެށުމުގެ ރަސްމިއްޔާތެއް ކަވަރުކުރުމަށް ނ. ހޮޅުދޫއަށް ދިޔުމުގެ ފުރުސަތު ލިބުނެވެ. އެ ރަސްމިއްޔާތު ނިންމާލުން އޮތީ ޝުކުރުގެ ލަވަޔަކުންނެވެ. މެދު އުމުރުގެ ތިން އަންހެނުން އެ ލަވަ ހުށައަޅެއިރު އޭގެ ތެރެއިން އެއް އަންހެނެއްގެ އަޑު ރީތިވެ، ލަވަޔަށް ފައްކާވުމުން އޭނާ އާއި ވާހަކަ ދައްކާލުމުގެ ޝައުގުވެރިކަން އުފެދިގެންދިޔަ އެވެ. ރަސްމިއްޔާތު ނިމި އެލަވަ ކިޔުންތެރިޔާއާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ. އެލަވަކިޔުންތެރިޔާގެ ފަރާތުން ލިބުނު ޖަވާބުތަކުން އަހަރެން އެ ރަށަށް ކަވަރު ކުރުމަށް ދިޔަ ރަސްމިއްޔާތަށް ވުރެ އެހެން ކަމެއް ކަވަރުކުރުމަށް ޝައުގުވެރިކަން އުފެދުނެވެ. އާއެކެވެ. އެލަވަ ކިޔުންތެރިޔާއަކީ މިރާއްޖެ މިހާތަނަށް ދުށް އެންމެ ކުޅަދާނަ މިއުޒީޝަން ނައިފަރު ދޮހޮއްކޮގެ ދޮށީދަރިފުޅު ޝިޔާމާ އަބުދުﷲ އެވެ.

ދެވަނައެއް ނުވާ މިއުޒީޝަން، ވިހިވަނަ ގަރުނުގެ ލަވަ ކިޔުނަތެރިޔާ، އަލްމަހުރޫމް އަބުދުﷲ މޫސާ (ނައިފަރު ދޮހޮއްކޮ) އަކީ މި ރާއްޖެ ދުށް އެންމެ މޮޅު އެއް ލަވަ ކިޔުންތެރިޔާ އެވެ. ހަރުމުނިއާ އާއި މިއުޒިކް ކުޅުމުގައި ދެވަނައެއް ނުވާ ސަހުސިއްޔަތެކެވެ. ދޮހޮއްކޮބޭގެ ދަރިފުޅު ޝިޔާމާގެ ވާހަކަތަކުން ދޮހޮއްކޮބޭގެ ހަނދާންތައް އާކޮށްލުމަށް ޝައުގުވެރިކަން އުފެދިގެންދިޔަ އެވެ.

ޝިޔާމާ ވާހަކަ ދެކެވި އުފެދުނު ރަހުމަތްތެރިކަމުގައި ދޮހޮއްކޮ ދިރިއުޅުން ގެއަށް ދިއުމުގެ ފުރުސަތު ލިބުނެވެ. ހަވީރުގެ ސައިފޮދު ދޫކޮށް ދޮހޮއްކޮބޭގެ ގެއަށް ދިޔައީމެވެ. އެއީ ވަރަށް އިހުޒަމާންނުގެ ގެއެކެވެ. ގޭ ބޭރުން ވެސް އިހުޒަމާނުގެ ގޮތްގަނޑު ފެންނަން އެބަހުއްޓެވެ. ޝިޔާމާ ބުނި ގޮތުންނަމަ "ބައްޕަ ބޭނުންވާނީ ގޭ މިހެން ބަހައްޓަން" ށެވެ. ގެދޮރު މާ ޒަމާނީކޮށް އަގުބޮޑޭތި ފަރުނީޗަރު ގެއަށް ވައްދަލައި ޒަމާނީ ގެއެއް އިމާރާތް ކުރުމަކީ ދޮހޮއްހޮބޭ އެދޭކަމެއް ނޫން ކަމާއި އިހްޒަމާނުގެ ގޮތްތަކަށް މާ ލޯބިކުރައްވާކަން ޝިޔާމާގެ ވާހަކައިން އެނގުނެވެ.
ވިހިވަނަ ގަރުނުގެ ލަވަ ކިޔުނަތެރިޔާ، އަލްމަހުރޫމް އަބުދުﷲ މޫސާ (ނައިފަރު ދޮހޮއްކޮ) ގެ މިއުޒިކް ސާމާނު-- ސަން ފޮޓޯ/ އަހުމަދު ސާއިލް

އެގޭތެރެއަށް ވަދެ ޝިޔާމާގެ ފަހަތުން އަހަރެން ހިނގަމުން ދިޔައީމެވެ. ކުއްލިއަކަށް ޝިޔާމާ ހުއްޓުނީ ކުޑަވަރެއްގެ ގުދަނެއްކަހަލަ ތަނެއްގެ ކުރިމަތީގަ އެވެ. "މިއީ ބައްޕަ ގެންގުޅު ސާމާނުތައް ބަހައްޓާފައި ހުންނަތަން" އެގުދަނަށް އިޝާރާތް ކުރަމުން ޝިޔާމާ ބުންޏެވެ. އެގުދަނުގައި ހުރި ސާމާނުތައް ހަމަލޮލުން ބަލަލުމަށް އަހަރެން ކެތްމަދުވި އެވެ. ސަބަބުތައް ބައިވަރެވެ. ޓީވީތަކުން ދޮހޮއްކޮބޭގެ ލަވަތައް ފެންނައިރު އެހިތްގައިމު މިއުޒިކްތައް ކުޅެލާ ސާމާނުތައް ހަމަލޮލުން ބަލައިލާ އަތްލުމުގެ ފުރުސަތު އަހަރެންނަން ލިބުނީތީ އެވެ. އެ ހަރުމުނިއާގެ އަޑުތައް ވަނީ ހިތްތަކުގެ އެންމެ ފުނަށް އަސަރުކޮށްފަ އެވެ. އެ ލަވަތައް ވަނީ ރާއްޖޭގެ މިއުޒިކީ ދުނިޔޭގެ ރަސްކަން ހޯދައިފަ އެވެ. މުޅި ރާއްޖެ އެބޭފުޅަކަށް ޓަކައި ފަހުރުވެރިވާ އަދި އެތައް ބަޔެއް އެންމެ އަޑު އަހާލާ ހިތްވާ އެ މިއުޒީޝަން ގެންގުޅުނު ހުރިހާ ސާމާނެއް އެގުދަނުގައި އެބަހުއްޓެވެ.

"މިއުޒިކަށް ބޭނުންކުރި ހުރިހާ އެއްޗެހި އެބަހުރި، ގިގުނު، ކާށި، ނަރުކޮއްޓި، ހަރުމުނިއާ، ބެރު ވެސް، ގާތްގަނޑަކަށް 15 ވަރަކަށް މިއުޒިކް ކުޅޭ ސާމާނު އެބަހުރި، އަދި މިހިރީ ބައްޕަ އެކި މަސައްކަތްތަކުއި ގެންގުޅުނު ސާމާނުތައް ވެސް" އަހަރެންނަށް އެ ގުދަނުގައި ހުރި ސާމާނުތައް ދައްކާލަމުން ދޮހޮއްކޮބޭގެ ދޮށީ ދަރިފުޅު ބުންޏެވެ.

އެސާމާނުތައް ފެނުމުން ވީއުފަލާ އެކު ޝިޔާމާގެ އެހީތެރިކަމާ އެކު ފަހަރަކު އިންސްޓުރުމަންޓެއް އަހަރެން ނަގައި ބަލައި ހެދީމެވެ. އެތައް އަގުހުރި ހިދުމަތްތަކަކާއި ގުޅިފައިވާ އެތަކެތި ފެނުމުން ކުޑަކޮށް ހިތްރޮއްވާލި އެވެ. އެއީ އަދިވެސް ރީތި އާ ސާމާނުތަކެކެވެ. ނަމަވެސް ދުވަސްވުމުން ކުދިކުދި ގެއްލުންތައް ލިބިފައި އުބަހުއްޓެވެ. އެހުރިހާ ސާމާނެއް ބެލެހެއްޓުމަކީ އާންމު ފަރުދުންތަކަކަށް ދަތިކަމަކަށްވާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭގެ ތެރެއިން ބައެއް ތަކެއްޗަށް ހިރަފުސް އެރުމާއި ކުދިކުދި ގެއްލުންތައް ވަނީވެފަ އެވެ.

ވީ އުފަލާ އެކު ހިތުތެރޭގައި ނުތަނަވަސްކަމެއް އުފެދިގެން ދިޔަ އެވެ. އަހަރެންގެ ނަޒަރުގައި އެ އަގުހުރި އަދި ތާރީހީ ތަކެއްޗަކީ ބަންދުކޮށްފައި ހުރި ފޮށިތަކެއްގައި ރައްކާ ކުރެވި ގުދަނެއްގައި ތަޅުއެޅުވިފައި ހުންނަން ޖެހޭނެ ސާމާނުތަކެއް ނޫނެވެ. އެއީ އެއަށް ވުރެ މާ އަގު ބޮޑު އެތައް ބަޔެއްގެ އިހްސާސްތަކާއި ގުޅިލާމެހިފައިވާ ތަކެއްކެވެ. ބޭ އިހްތިޔާރުގައި ޝިޔާމާއާ ސުވާލެއް ކޮށްލުނެވެ. ކީއްވެ މިއޮތް އަގުބޮޑު މުހިންމު ސާމާނުތައް މިހެން ބަހައްޓަންވީ؟

ދޮހޮއްކޮބޭގެ ދޮށީ އަންހެން ދަރިފުޅު ޝިޔާމާ ބުނި ގޮތުގައި އޭނާގެ ބައްޕަ މިއުޒިކް ކުޅުމަށާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުން ކުރި ސާމާނުތައް ގިނަ މީހުންނަށް ފެންނާނެ ގޮތަށް ދާރުލްއާސާރުގައި ބެހެއްޓުމަކީ އޭނާ ކުރާ ވަރަށް ބޮޑު އުންމީދެކެވެ.

"ބައްޕަގެ ހަދާނުގައި ދާރުލްއާސާރުގައި މިތަކެތި ބަހައްޓަން އަޅުގަނޑު ވަރަށް ބޭނުން، އޭރުން ގިނަ މީހުންނަށް ފެންނާނެ ނޫންތޯ، އަދި އެތަނުގައި(ދާރުސްއާސާރުގައި) ތިބޭނެ މީހުން އެތަކެތި ސާފުކުރުމަށް ވެސް، އޭރުން އެސާމާނުތައް ގިނަ ދުވަހު ހުންނާނެނޫންތޯ." ޝިޔާމާ ބުންޏެވެ.

މިއުޒިކީ ސަހުސިއްޔަތު ދޮހޮއްކޮބޭގެ ދޮށީ ދަރިފުޅު ޝިޔާމާގެ އުންމީދަަކީ އެގޭ ގުދަނުގައި ބަހައްޓާފައިވާ އޭނާގެ ބައްޕަގެ އަގު ހުރި ސާމާނުތައް އެތައް ބަޔަކަށް ފެންނާނެ ފަދައިން ދާރުލްއާސާރުގައި ބެހެއްޓޭނެ ދުވަހެއް ދެކުމެވެ.

ޝިޔާމާގެ އެ އުންމީދު ފުރިހަމަކޮށް ދިނުމަށް އަޅުގަނޑު ހެރިޓޭޖް ޑިޕާޓްމަންޓުގެ ވެރިންނަށް އެކަން ހުށައެޅީމެވެ. ލިބުނީ އުފާވެރި ހަބަރެކެވެ. ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓާ އަލީ ވަހީދު ވިދާޅުވި ގޮތުގައި ދޮހޮއްކޮބޭ ބޭނުން ކުރި އެސާމާނުތައް އެޑިޕާޓްމަންޓާ ހަވާލުކުރުމުން އެތަކެތި އާންމުންނަށް ފެންނާނެ ފަދައިން ރައްކާތެރިކަމާ އެކު ދާރުލްއާސާރުގައި ބަހައްޓައިދޭނެ އެވެ.

އެދަތުރުގައި ދޮހޮއްކޮބޭ ދިރިއުޅުނު ގެއަށް ކުރެވުނު އެޒިޔާރަތުގައި ދޮހޮއްކޮބޭގެ އަންހެނުން، 74 އަހަރުގެ ހަދީޖާ އިބްރާހިމްއާއި ބައްދަލުވި އެވެ. ޅ. ނައިފަރަށް އުފަން ދޮހޮއްކޮބޭ ހޮޅުދޫއަށް ދިރިއުޅުން ބަދަލުކުރި ސަބަބަކީ ހަދީޖާއާއި ކައިވެނި ކުރެއްވުމެވެ. އެކައިވެންޔަށް 10 ދަރިއަކު ލިބިފައިވެ އެވެ. އެއީ ފަސް ފިރިހެނުންނާއި ފަސް އަންހެން ކުދިންނެވެ. ނަމަވެސް މިވަގުތު ދުނިޔޭގައި ތިބީ އޭގެ ތެރެއިން ތިން އަންހެނުންނާއި ދެ ފިރިހެނުންނެވެ. ހަދީޖާގެ ނަޒަރުގައި އޭނާގެ ފިރިމީހާ ދޮހޮއްކޮއަކީ ވަރަށް އޯގާތެރި، ހިތްހެޔޮ، ހިތްވަރު ގަދަ މިޒާޒެއްގެ ބޭފުޅެކެވެ. އަދި އެއީ ހުނަރުން ފުރިފައިވާ ބޭފުޅެކެވެ. އެކަން އޭނާގެ ދަރިންނާއި ކާފަ ދަރިންގެ ފަރާތުން ވެސް ފެންނަމުންދާ ކަމަން ހަދީޖާގެ ވާހަކަތަކުން އެނގުނެވެ.
ދޮހޮއްކޮބޭގެ އަންހެނުން، 74 އަހަރުގެ ހަދީޖާ އިބްރާހިމް-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

"ދަރިން ވެސް ވަރަށް މަޖާ، ބައްޕަހެން ވަރަށް ލަވަ ކިޔާ ހަދާނެ،" ހަދީޖާ އޭނާގެ ދަރިންގެ ވާހަކަ ދައްކަމުން ވިދާޅުވި އެވެ.

އެއާއިލާ މިއަދު ވެސް ދޮހޮއްކޮބޭގެ ހަދާތަން އާ ކުރަމުންދަނީ ފަހުރުވެރިކަމާ އެކު އެވެ. ދެހާސް ތިން ވަނަ އަހަރު އުމުރުން 73 އަހަރުގައި ދޮހޮއްކޮބޭ މިދުނެ ދޫކޮށްފައިވީ ނަމަވެސް އެއަޑާއި އެ ހިތްގައިމު މުއިޒިކަކީ މިއަދު ވެސް ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލް އަޑެވެ. މިއަދު މަޝްހޫރުވަމުން އަންނަ ލަވަކިޔުންތެރިން ކުރިއަރަމުން އަންނަނީ އެ ލަވަތައް ކިޔައި އެމިސާލުން މިސާލް ލިބިގަނެގެނެވެ. ދޮހޮއްކޮބޭ އޭރު ބުނެފައިވާގޮތުން ނަމަ "އެކުދިން އަދިވެސް އެމަސްބާނަނީ ދޮހޮއްކޮބޭ އުކި އެމުން" ނެވެ.
ވިހިވަނަ ގަރުނުގެ ލަވަ ކިޔުނަތެރިޔާ، އަލްމަހުރޫމް އަބުދުﷲ މޫސާ (ނައިފަރު ދޮހޮއްކޮ) ގެ މިއުޒިކް ސާމާނު-- ސަން ފޮޓޯ/ އަހުމަދު ސާއިލް

މުޅި ރާއްޖެ އެބޭފުޅަކަށް ޓަކައި ފަހުރުވެރިވާ އަދި އެހަދާންތައް ކޮންމެ ދުވަހަކު ވެސް އާކުރަމުންދާ ދޮހޮއްކޮބޭ ބުނެފައިވާ ގޮތުން، އެންމެ ޅަ ދުވަހުން ފެށިގެން ވެސް އޭނާ ދިޔައީ ޅެން ހަދައި ލަވަ ކިޔުމުގައި ހަރަކާތްތެރިވަމުންނެވެ. އެފަންނު ވާރުތަ ވެފައި ވަނީ މަންމަ އާއި ބައްޕަގެ ފަރާތުންނެވެ. ދޮހޮއްކޮބޭގެ އާއިލާއާއި ބައްދަލުވުމުން އެނގުނު ގޮތުގައި އެއީ ހަމައެކަނި މިއުޒިކް ކުޅުމަށް ކުޅަދާނަ ބޭފުޅެއް އެކަނި ނޫންކަމެވެ. އެތައް ފަށްނަކަށް ދޮހޮއްކޮބޭ ފައްކަލެވެ. އެއީ މޮޅު މިއުޒިކް ކުޅުންތެރިއެއް، ލިޔަލާ ޖައްސަވާ ބޭފުޅެއް، ފެހުންތެރިއް، ތިލޭރެއް، ޓިނުން ފަހާފޮށި ގަޑި މަރާމާތުކުރައްވާ ބޭފުޅެކެވެ.

އެފަދަ މުހިންމު ސަހުސިއްޔަތެއްގެ އެތައްއަގު ހުރި ހިދުމަތްތަކަކާއި ގުޅިފައިވާ އެތައް ސާމާނެއް ހަމަލޮލުން ބަލައިލައި އަތް ލުމުގެ ފުރުސަތު ލިބުމަކީ އަހަރެންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް އުފަލެވެ. އެ އުފަލަކީ ކޮންމެ ދިވެއްސަކު ވެސް އެދޭނެ ކަމެކެވެ. އެކަންކުރުމަށް ދޮހޮއްކޮބޭގެ އާއިލާއާއި ހެރިޓޭޖް ޑިޕާޓްމެންޓުގެ ކަމާ ބެހޭ ފަރާތްތަކާއި އަޅުގަނޑު މިހާރުވާނީ ވާހަކަ ދައްކައި އެކަންވާނެ ގޮތް މަގުފަހިކޮށްދީފަ އެވެ. މާތްﷲގެ ހެޔޮ ރަހުމަތާއެކު އެ އަގުހުރި ހިދުމަތްތެރިޔާ، ދޮހޮއްކޮބޭގެ އެ އަގުހުރި ސާމާނުތައް ދާރުލްއާސާރުން ކައިރި މުސަތަގުބަލެއްގައި ފެނިގެންދާނެކަމުގެ ޔަގީންކަން ބޮޑެވެ.
ގުޅޭ ޓެގު
comment ކޮމެންޓް