މަޑިފުށީގައި ބާއްވާ އެންމެ ދުވަސްވީ ކުޅިވަރު މުބާރާތް 'މަޑިފުށި ކަޕް 2014' ގެ ނަމުގައި ފަށައިފި

ތ. އަތޮޅު މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން 'މަޑިފުށި ކަޕް 2014' ގެ ނަމުގައި އެ ރަށުގައި ކުޅިވަރު މުބާރާތްތަކެއް ފަށައިފިއެވެ.

ފުޓްބޯޅަ މުބާރާތަކާއި ފިރެހެން ވޮލީބޮޅަ މުބާރާތެއްގެ އިތުރުން އަންހެން ވޮލީބޯޅަ މުބާރާތެއްވެސް ހިމަނައިން ކުރިއަށް ގެންދާ 'މަޑިފުށި ކަޕް 2014' އަކީ އެ ރަށުގައި ކުރިއަށް ގެންދާ އެންމެ ދުވަސްވީ ކުޅިވަރު މުބާރާތްތަކެވެ. އެގޮތުން މިއަހަރު ކުރިއަށް ގެންދާ ފުޓްބޮޅަ މުބާރާތަކީ އެ ނަމުގައި އެ ރަށުގައި މިހާތަނަށް ކުރިއަށް ގެންދާ 25 ވަނަ ފުޓްބޯޅަ މުބާރާތެވެ. އަދި މިފަހަރުވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފިރެހެން ވޮލީބޮޅަ މުބާރާތް އެ ރަށުގައި ބާއްވަމުން އަންނަތާ މިހާތަނަށް 16 އަހަރު ވެފައި ވާއިރު، މިއީ އަންހެން ވޮލީބޮޅަ މުބާރާތް އެ ރަށުގައި ކުރިއަށް ގެންދާ ހަތަރު ވަނަ އަހަރެވެ.

'މަޑިފުށި ކަޕް 2014' ގައި އިއްޔެ ފަށާފައި ވަނީ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި މިހާތަނަށް ތިން މެޗެއް ކުޅެފައި ވާއިރު، އެ މުބާރާތުގައި މިފަހަރު އެ ރަށުގެ ފަސް ޓީމެއް ވާދަ ކުރެއެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ވަންހަ ގަބީލަ އާއި ވެނޯޒިއާ އެވެ. އެ މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެނޯޒިއާ އެވެ. އެ މުބާރާތުގައި މިއަދު ދެ މެޗެއްގެ ކުޅުން ކުރިއަށް ގެންގޮސްފައި ވާއިރު، މިއަދު ހެނދުނު ކުޅުނުު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޑީސީ ސްޕޯޓްސް ކްލަބާއި ނެކްސަސް ޔުނައިޓަޑެވެ. އެ މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. އަދި އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިލަމޯރަ އާއި ވަންހަ ގަބީލާ ބައްދަލުކޮށްފައި ވާއިރު، އެ މެޗު ވިލަމޯރަ ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

'މަޑިފުށި ކަޕް 2014' ގެ ފުޓްބޯޅަ މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅެން ހަމަޖެހިފައި ވެއެވެ. އެގޮތުން މާދަމާ ހެނދުނު ކުޅޭ މެޗުގައި ވެނޯޒިއާ އާއި ނެކްސަސް ޔުނައިޓަޑް ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ވިލަމޯރަ އާއި ޑީސީ ސްޕޯޓްސް ކްލަބެވެ.

'މަޑިފިށި ކަޕް 2014' ގައި ބާއްވަން ހަމަޖެހިފައިވާ ފިރެހެން ވޮލީބޮޅަ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މާދަމާ އެވެ. އަދި އަންހެން ވޮލީބޯޅަ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު