ސްކައުޓުން ދެލައްކައަށް ވުރެ ގިނަ ހުސްފުޅި އެއްކޮށްފި

މާލޭ ފެންކުންފުނި އެމްޑަބުލިއުއެސްސީ އަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފޯރުކޮށްދިން ފުޅިތަށް ރިސައިކަލް ކުރުމަށް ސްކަޓުން ފެށި ޕްރޮޖެކްޓްގެ ދަށުން ދެލައްކައަށްވުރެ ގިނަ ހުސްފުޅި އެއްކޮށްފިއެވެ.

"ޕްލާސްޓިކް ބޮޓުލްސް ރިސައިކަލިންގް ޕްރޮޖެކްޓް" ގެ ނަމުގައި ސުކައުޓް އެސޯސިއޭޝަނުން އިސްނަގައިގެން ފުޅިއެއްކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އެ ޕޮރޮޖެކްޓް ނިންމުމަށް މިރޭ އަރަބިއްޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެޝަނަލް ސްކައުޓް ކައުންސިލް މެންބަރު ސައިފް އަޒުހަރު ވިދާޅުވީ އެ މަސައްކަތަކީ ސްކައުޓުން ކުރި ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށާއި، 75 ސްކައުޓުން އެ މަސައްކަތުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި އެ ކަމަކީ އާންމު ރައްޔިތުންނަށް ޕްލާސްޓިކު ފުޅި ރިސައިކަލް ކުރުމަށް ލިބިގެން ދިޔަ އިތުރުހިތްވަރެއް ކަމަށް ސައިފް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ސްކައުޓުން އެއްކުރި ފުޅީގެ ޖުމްލަ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ފުޅި އެއްކޮށް ރިސައިކަލް ކުރުމުގެ މަސައްކަތް ސްކައުޓުން ކުރިއަށް ނުގެންދިޔަނަމަ ފުޅި ނައްތާލުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި ސްކައުޓު އެސޯސިއޭޝަނުން ކޮށް ނިންމާލީ ތައުރީފު ހައްގު މަސައްކަތެއްކަން ތޯރިގު ވަނީ ފާހަގަކުރައްވާފައެވެ.

"މިއަދު އަލުގަނޑުމެން މީޑިއާގެ ޒަރިއްޔާއިންނާއި އަދި އެހެނިހެން ގޮތް ގޮތުން ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި ތިއްބަވާ ބޭފުޅުންނަށް، ތިބޭފުޅުންކަލެކްޓް ކުރެއްވި ފެންފުޅިތަށް ފެނި އަދި މި އެންމެ ރަގަޅު ގޮތުގައި ރިސައިކަލް ކުރެވިގެން ދާތަން ފެނިއްޖެ ކަމައްވަންޏާ، ރާއްޖެގެ ގިނަ ބޭފުޅުންތަކެއް މިއާ ދޭތޭރޭ ވިސްނަވާނެކަން ޔަގީން، އެހެންވީމަ އެކަމައްޓަކައި ސްކައުޓް އެސޯސިއޭޗަނަށް އައްސަރިބަހާ ސާބަސް ދަންނަވަން،" މިނިސްޓްރު ތޯރިގު ވިދާޅުވިއެވެ.

ތޯރިގުގެ އިތުރުން އެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ އެ މަސައްކަތުގައި ބައިވެރިވެ ސްކައުޓުން ކުރި ބުރަ މަަސައްކަތަށް ޝުކުރުއަދާ ކުރައްވާފައެވެ. އާޒިމް ވިދާޅުވީ ފުޅި ފެން ބުއިމުގެ ބަދަލުގައި އެމްޑަބުލިއުއެސްސީން ދޫކުރާ ފެން ބުއިމަކީ ހަށިގަނޑަށް ގެއްލުންވާނެ ކަމެއް ނޫންކަމަށާއި، އެ ކުންފުނިން ދޫކުރަނީ ބޯން އެންމެ އެކަށިގެންވާ ފެން ކަމަށެވެ. އެެހެންކަމުން ފުޅި ފެނުގެ ބަދަލުގައި އެފެން ބޭނުންކުރުމަށް އާޒިމް ވަނީ މާލޭގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"އެމްޑަބުލިއުއެސްސީގައި ގިނަދުވަހު މަސައްކަތްކޮށް މަތީމަގާމުތަށް އަދާކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އެ ކުންފުނިން ދޫކުރާފެނަކީ ބޯން ހަމަ އެންމެ އެކަށިގެންވާ ފެނެކޭ،" އާޒިމް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ފުޅިއެއްކުރުމަށް ސްކައުޓް އެސޯސިއޭޝަނަށް އެއްބާރުލުންދިން ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު