ދ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން މާއެނބޫދޫ މުޑި ޖަމިއްޔާއިން ހޯދައިފި

ޒޯން ފަހެއްގެ ދ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން މާއެނބޫދޫ މުޑި ޖަމިއްޔާ އިން ހޯދައިފި އެވެ. މުޑި ޖަމިއްޔާ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު މާއެނބޫދު ރަސްމީ ބޯޅަދަނޑުގައި އޮތް ފައިނަލު މެޗުގައި ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އާ ވާދަކޮށް 1-0 އިން މޮޅު ވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ، މިއަދުގެ މެޗުގައި މުޑި ޖަމިއްޔާ އަށް ގޯލު ކާމިޔާބުކޮށްދިނީ ފަހު ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން، ޖޯޒީ ނަންބަރު 13 މާޖިދު އަހުމަދު އެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނައަޕް ޓީމާއި މަގާމުތަކަށް ހޮވުނު ކުޅުންތެރީންނަށް އިނާމުދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން، ސެންޓްރަލް ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރު، އިންސްޕެކްޓަރު އޮފް ޕޮލިސް، އަބްދުﷲ ނަސީރު އެވެ.

ދ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ރަނައަޕް ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ --- ސަން ފޮޓޯ


މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ކުޑަހުވަދޫ ޔޫތު އެންހޭންސްމެންޓް ސޮސައިޓީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާއެނބޫދޫ ޔޫތު ރެކްރިއޭޝަން ކުލަބުގެ ޖޯޒީ ނަންބަރު ހަތެއް، އަލީ ސާމިއު އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ މާއެނބޫދޫ މުޑި ޖަމިއްޔާގެ ޖޯޒީ ނަންބަރު 18، އިބްރާހީމް އަބްދުލް ޤަފޫރު އެވެ.

ޒޯން ފަހެއްގެ ޒޯން މެޗުތައް ފެށޭނީ މި މަހު 24 ވަނަ ދުވަހު އެވެ. ޒޯން މެޗުތައް ކުރިޔަށް ދާނީ ފ. ނިލަންދޫގަ އެވެ.

ޒޯން މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު އަށް ޓީމަށް ލިބޭނެ އެވެ. އެއީ މި ޒޯން ގައި ހިމެނޭ ހަތަރު އަތޮޅުން ކުރެ ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށެވެ. ދ. އަތޮޅުން މި ފުރުސަތު ލިބޭނީ ޗެމްޕިއަން މާއެނބޫދޫ މުޑި ޖަމިއްޔާ އަށާއި ރަނައަޕް ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އަށެވެ. މ. އަތޮޅުން ފުރުސަތު ލިބޭނީ ޗެމްޕިއަން މުލަކު އެކުވެރި ކުލަބަށާއި ރަނައަޕް މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އަށެވެ. ފ. އަތޮޅުން ޗެމްޕިއަން ދަރަނބޫދޫ ޒުވާނުންގެ ކުލަބާއި ނިލަންދޫ ޖަމިއްޔަތުއް ޝަބާބު އަށެވެ. ވ. އަތޮޅުން ފުރުސަތު ލިބޭނީ ޗެމްޕިއަން ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާ އަށާއި ރަނައަޕް ފެލިދޫ ނިއު ޖެނެރޭޝަން އަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު