1/1/1992، 00:30
މިރޭ އަހަރެން ފުރަތަމަވެސް ޝުުކުރު އަދާ ކުރަނީ އަހަރެން ހެއްދެވި ފަރާތަށެވެ. އެއީ މިރޭ އަހަރެން އެނބުރި ގެއަށް އައިސް މިހުރީ ހަޔާތުގައި މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ހާދިސާއިންނެވެ. އަދި އަހަރެންގެ ފުރާނަ ސަލާމަތް ވުމަށްވުރެ ބޮޑު އަޖައިބެއް މިދެލޮލުން ދެކެފީމެވެ.އެއީ މިރޭ އަހަރެންނަށް ކަނޑު އަޑިން ފެނުނު އަޖައިބެވެ. އެއީ އަދިވެސް ފެނުނު ހުވަފެނެއް ނޫން ކަމަށް ޤަބޫލު ކުރަން ދަތިވާ މަންޒަރެކެވެ. އެއީ އިންސާނެއްގެ އުނަގަނޑުން ތިރިން ފެހިކުލައިގެ ނިކަން ރީތި ބޮޑު ނިގުލެއް ފަޅާފައި ހުރި މީހެކެވެ. އަހަރެމެން ތިބި ދޯނި ބަންޑުން ޖަހާލި ހިސާބުން ލޮނުގަނޑު ތެރޭގައި އަހަރެން އަޑިއަށް ދިޔައިރު ފުރަތަމަ ތެޅި ފޮޅުނީއެވެ. ވަރުބަލިވެ ހަރަކާތް ހުއްޓުނު ފަހުން ލޯމަރާލެވުނީ އެއީ ފަހު ވަގުތުކޮޅު ކަމަށް ހީކޮށްފައެވެ. އިރުކޮޅަކުން ލޮލަށް ގަދަ އައްޔެއް އެޅިގެން ދެން އަހަރެން ލޯ ހުޅުވާލިއިރު މަހެއް ފަދައިން ފީނާލައިފައި އައީ އެރީތި ސޫރައެވެ. އެއަޖައިބުން ފުރިގެންވާ މަޚުލޫޤެވެ. އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން މެދުވެރިޔާއެވެ. އޭނާ އަހަރެންގެ އުނަގަނޑާއި ހަމައިން ދެއަތް ވަށާލިކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ. އޭގެ އިރުގަނޑެއް ފަހުން އަހަންނަށް ލޯ ހުޅުވާލެވުނީ ރަށެއްގެ ގޮނޑުދޮށުގައި ރާޅުޖަހާ ހިސާބުގައި އޮތްވައެވެ. ތެދުވެ ހޯދާލިއިރު ދާދި ކައިރިން ރަށުތެރެއަށް އަރައިގެންދާނެ މަގެއް ކޮށާފައި އޮތެވެ. އަނދިރިކަން ވެރިވެފައި އޮތުމުން ގަޑިން ވީ އިރެއް ނޭނގެއެވެ. ޖެހިލުންވިއެއް ކަމަކު ހިތްވަރު ނުކޮށްވާނެ އެއްގޮތެއްވެސް އަހަރެންނަކަށް ނެތެވެ. އެގޮތުން އަހަރެން އެމަގުން އަރައިގެން ގޮސް ފެނުނު ފުރަތަމަ މީހާ ކައިރީ އެއީ ކޮން ރަށެއްތޯ އަހައިލުމުން ދިން ޖަވާބު އެނގޭ ހެއްޔެވެ؟އަހަންނަށް އާދެވިފައި ހުރީ އަހަރެންގެ ބައްޕަގެ ރަށަށެވެ. ގަމަށެވެ.

އަހަރެން ހުރި ހާލު ފެނުމުން ބައްދަލުވި ފިރިހެންމީހާގެ ހިތުގައި ހަމްދަރްދީ އުފެދިގެން އަހަރެން ގެއަށް ގެނައެވެ. މިހާރު އަހަރެން މިވާހަކަތައް މި ލިޔަނީވެސް މިބުނާ އިހްސާންތެރިޔާގެ ގޭގައި ހުރެއެވެ. އަހަރެން އަރައިގެން އައި މަގުން ތަންކޮޅަކަށް ދެވޭއިރު އެންމެ ކައިރިއަށް ހުންނަނީ މިގެއެވެ. ފަން ގެއިން ނިކުމެ ގޯތިތެރޭ ހުއްޓިފައި ބަލައިލާއިރު މޫދު އޮންނަނީ ފެންނާށެވެ.

2/1/1992، 9:00
ހެނދުނު ސައި ބޮއެގެން އަހަރެން މިއައީ ގޭގެ ވެރިމީހާ އާއެކު އޮފީހަށް ގޮއްސައެވެ. އެއީ އަހަރެންގެ މައުލޫމާތު އެމީހުންނަށް ދޭށެވެ. އަހަރެންނަށް މިތަނަށް އާދެވުނު ގޮތާއި އަހަރެންނަކީ ކޮން އާއިލާއެއްގެ ކާކުކަން ބުނެދިނުމަށެވެ. މިރަށުގައި އަހަރެންނާއި އެއްވެސް ގޮތަކުން ގުޅިފައިވާ މީހަކު ހުންނާނެހޭ އެހުމުން އަހަރެން ވަރަށް ވިސްނާފައި އެމީހުން ކައިރީ ބުނީ އަހަރެންގެ މަންމަގެ ވަރަށް ގާތް ރަތްޓެއްސެއް މިރަށުގައި ހުންނާނެ ކަމަށެވެ. އަހަރެން މިއައީ އެމީހުންނަށް ޒުހައިރުގެ ނަން ބުނެދީފައެވެ. ދެން މި އިންތިޒާރު ކުރަނީ އޭނަ އަހަރެން ހޯދަން އަންނާނެ ވަގުތަކަށެވެ. ދުވަސްކޮޅެއް ކުރިން އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީ އެމީހާގެ ހިޔާލުވެސް ހިތަށް ނުގެނައުމަށެވެ. އެކަމަކު މިއަދު އަހަރެންނަށް މިހުރެވުނީ އޭނައާއި އެއްފަސްގަނޑެއްގައިކަން އެނގުމުން ކުޑަމިނުން އެސޫރަ ދެކިލަން އަހަރެން ބޭނުންވީއެވެ.

2/1/1992، 12:00
ގޭގައި އުޅޭ ޅަވަރުގެ ސޮރަކު ކައިރީން އޮޅުން ފިލުވައިގެން އަހަރެން ދެންމެ ޒުހައިރުގެ ގެ ކައިރިއަށް ދިޔައީމެވެ. އެކަމަކު އެމީހުން ކައިރީވެސް އަހަންނާ ޒުހައިރުގެ މެދުގައި އޮތް ހަޤީޤީ ގުުޅުމުގެ ވާހަކައެއް ނުކިޔައިދެމެވެ. ތިރި ވަށާފާރުގެ އެތެރޭގައި ގަސް ގިނަވެފައި އޭގެ ފުރަގަހުން ފެންނަން ހުރީ ސިމެންތި ނުޖަހާ ހުރި ބޮޑު ގެއެކެވެ. އަހަރެން ބަލަމުން ބަލަމުން ދަނިކޮށް ފާރުތެރެއިން ނިކުތް ބޯޅައެއް އައިސް މަތަވީ އަހަރެން ފައި ކައިރިއަށެވެ. އެނަގާފައި ބަލައިލިއިރު ހަތަރެއް ނޫނީ ފަސް އަހަރަށްދާ ނިކަން ފުށްކޮށް ލޯބިކޮށް ހުރި ފިރިހެންކުއްޖަކު ގޯތިތެރެއިން ނިކުތެވެ. އެވަގުތު އަހަރެންގެ ކައިރީގައި ހުރި ސޮރު ބުނީ އެއީ ޒުހައިރުގެ ހުރި ހަމައެކަނި ދަރިފުޅު ޒަވީ ކަމަށެވެ. އަހަރެން އެވަގުތު ބޯޅަ ނަގާފައި ގޮސް ޒަވީގެ ކައިރިއަށް ހުއްޓުނު ވަގުތު ހިތް އެތުއްތު ފުރާނާއަށްޓަކައި ލޯބިން ފުރިގެން އައީ އަޖައިބެއްފަދަ ގޮތަކަށެވެ. އެއީ އަހަރެންނާއި ލޭގެ ގުުޅުން އޮތް އަހަރެންގެ ކޮއްކޮއެއްކަން ހިތަށް އަރާފައި އުރާލަން ބޭނުންވިއެވެ. ބޯޅަ ދައްކާލަމުން އަހަރެން ބުނެލީ ކޮލަށް ދޮނެއް ދިނުމަށެވެ. އެވަގުތު ޒަވީގެ ވަށް ވަށް ދެލޮލުން ކަންބޮޑުވެފައި ބަަލަން ފެށީ ނިކަން މައުސޫމު ކޮށެވެ. ކިތަންމެ ކުޑައެއް ކަމަކު ނުދަންނަ މީހުންގެއެދުންތަކަށް ފުރަގަސްދޭން ޒަވީއަށް އެނގެއެވެ. އަދި ބޮޑުވެގެން އެއަށްވުރެވެސް ވިސްނުން ތޫނު ކުއްޖަކަށް ޒަވީ ވާނެ ކަމުގައި އަހަރެންނަށް ޤަބޫލު ކުރެވުނެވެ. ޒަވީ ހަރަކާތެއް ނެތި ހުންނަން ފެށުމުން އަހަރެން އެންމެ ފަހުން ޒަވީގެ ކޮލަށް ދޮނެއް ދީފައި ބޯޅަ ހަވާލު ކުރުމަށްފަހު އެނބުރި އައީއެވެ.

ޒުހައިރު އަހަރެން ފެންނަ ހިސާބަށް އައީ އަހަރެން ގެއަށް އައިތާ ގަޑިއެއްހާއިރު ފަހުންނެވެ. އަހަރެން ފެނިގެން އޭނާ ސުވާލު އުފެދިފައި ބެލިއެވެ. ދެން އެހީ އަހަރެންގެ މަންމައަށް ކިޔާ ނަމެވެ. އެވަގުތު އަހަރެން މަންމަގެ ނަން ކިޔާލުމުން ޒުހައިރު ހުރީ ހިނދުކޮޅަކަށް ހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ހާސްވިތަން ފެނިފައި އަހަރެން އިސްވެ ބުނީ އަހަރެން އޭނަ ފަރާތުން އެއްވެސް އެއްޗެއް އަދި އެހީއެއްވެސް ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އަހަރެން ހަމައެކަނި ބޭނުންވީ އޭނާގެ ސޫރަ ދެކިލަން ކަމުގައެވެ. އެވާހަކަ އަހާފައި ޒުހައިރުގެ ކުލަ ރީނދޫވިއެވެ. އެކަމަކު އޭނާ ރައްދެއް ނުދެއެވެ. ބަަލަން ހުރެފައި އެންމެ ފަހުން ނިކުމެގެން ދިޔައީއެވެ.

5/1/1992، 16:00
އަހަރެން ގަމުގައި ހުންނަތާ ދެދުވަސް ފަހުން މަންމައަށް އަހަރެންގެ ޚަބަރުވެގެން ބަލާ ދިއުމުން މިހާރު މިހުރީ އައިސް ރަށުގައެވެ. އަހަރެންނަށް އިތުރު އަޖައިބެއް ފެނުނީ އަންނަން ކުރި ދަތުރުގައެވެ. ހުވަފެނުގައި އަހަރެންނަށް ފެނުނީ އަހަރެން ލޮނުގަނޑު ތެރެއަށް އަޑިއަށް ދަނިކޮށް ކުރިން ފެނުނު ރީތި ސޫރައެވެ. އެއަޖައިބުން ފުރިގެންވާ މަޚުލޫޤެވެ. އޭނަ އައިސް އަހަރެންގެ އަތުގައި ހިފައި އަނެއްކާވެސް އަހަރެން ސަލާމަތް ކުރިތަނެވެ. ނިދިން ހޭލެވިގެން ވައިކޮޅެއް ހޯދަން ބޭރަށް ނިކުމެލިއިރަށް އަހަރެންނަށް ފެނުނީ ލޮނުގަނޑުތެރެއިން ފުންމައިލި ނިކަން ބޮޑު މަހެއް ކަހަލަ އެއްޗެކެވެ. ބޯޓު ކުރިއަށް ދިޔަ ވަރަކަށް އޭތިވެސް އަޑިއަށް ގޮސް މައްޗަށް އަރަމުން އަހަރުމެންނާއެކު އައެވެ. ގެއަށް އާދެވުމުން އާރާ ފަރާތުން އަހަރެންނަށް އެނގުނީ އަހަރެން ކުރި ދަތުރުގައި ސަލާމަތް ވެގެން އެނބުރި ގެއަށް އައި މީހަކީ އެކަނި އަހަރެން ކަމެވެ. މަންމަ އާއި ދޮންބައްޕަ އަހަރެންނަށް އެވާހަކަ ނުބުނެދިނީ މާބޮޑަށް އަސަރުކޮށްފާނެތީއެވެ. އާރާ އެވާހަކަ ބުނުމުން ހަޤީޤަތުގައިވެސް އަހަރެންގެ ހިތަށް އަސަރު ކުރިއެވެ. އެއީ އަހަރެންގެ ފުރާނަ ސަލާމަތްވި ގޮތް އެނގިފައެވެ. ކަނޑު އަޑިން ފެނުނު އެސޫރައަށް ނޫންނަމަ އަހަރެންވެސް އެހެން ބައިވެރިންނާއެކު ނިމިގެން ދިޔައީސްކަން ކަށަވަރުވެފައެވެ. އަހަރެން ސަލާމަތް ވި ގޮތުގެ އަޖައިބު ކުރުވަނިވި ވާހަކަ އަހަރެން ދެން ކިޔައިދިނީ އާރާއަށެވެ. އަހަރެން ހީކުރި ގޮތަށް އާރާ އެވާހަކަ ޤަބޫލު ކުރިއެވެ. އެއަށްވުރެ ބޮޑަށް އޭނާ އެސޫރައާމެދު ޝައުޤުވެރިކަން ފައުޅު ކުރިއެވެ. އަހަރުމެން މާލެ އަންނަން ކުރި ދަތުރުގައި އަހަރެމެން ފަހަތުން އެއައީވެސް އޭނައަށް ވެދާނެ ކަމުގައި އާރާ ބުންޏެވެ. ދެވަނަ ފަހަރަށް އެސޫރަ ދެކިލަން އަހަރެންގެ ހިތް ތެޅެން ފެށި ހިސާބަކީ އެއީއެވެ. އެއަށްވުރެ ބޮޑަށް އަހަރެން ސުވާލު އުފެދުނު އަނެއް ކަމަކީ މާލެ ކައިރި ރަށަކަށް ކުރި ދަތުރެއްގައި ލ ގަމަށް އަހަރެންނަށް ދެވުނު ގޮތެވެ. އެހާ ދުރަށް އަހަރެން ގެންދިއުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއް ހެއްޔެވެ؟

22/1/1992، 19:00
މިއަދު އަހަރެން މިއައީ ދަތުރު ގޮއްސައެވެ. އާއިލާގެ މީހުންނާއި ގިނަ އެކުވެރިންތަކެއް ދިޔަ މިދަތުރުގައި އަހަރެންނަށް އަނެއްކާވެސް އަހަރެންގެ ފުރާނައިގެ ވެރިޔާއާއި ބައްދަލުވެއްޖެއެވެ. ފުރާނައިގެ ވެރިޔާއޭ މިބުނީ މިއަދު އަހަރެންގެ ދިރިހުރި ސަބަބަކަށް އޭނާ ވީތީއެވެ. އެންމެން މޫދަށް އެރެން ފެށުމުން އަދި އަވަސްވެ އަހަރެން ދިޔައީ ހިނގާލާށެވެ. ގޮނޑު ދޮށުގައި ހިނގަމުން ގޮސް ރަށަށް އަރަން ހަދާފައި އޮންނަ ދިގު ފާލަންކޮޅުގައި ތިރިއަށް ފައި އެލުވާލައިގެން އިންދާ އޭނާ ބޯ ހިއްލައިލީ ލޮނުގަނޑު ތެރެއިންނެވެ. އަހަންނަށް ވީ ގޮތަކީ ހިނިތުންވެފައި ބަލަން އިނދެވުނީއެވެ. ދެން މޫދަށް ފުންމައިލަން ހިތަށް އެރީ ހަމަ ކުއްލިއަކަށެވެ. އަހަރެން އޭނަ ކައިރިއަށް ލޮނުގަނޑު ތެރެއަށް ފުންމާލިއިރު ބިރާއި ޖެހިލުންވުން އެއީ އަހަރެން ނުވެސް ދަންނަ އެއްޗެއް ކަހަލައެވެ. ފަތަން ނޭނގޭ ކުއްޖަކު ފާލަން ކޮޅަށް ފުންމާލާނީ ގައިމު އެހެންވީމައި ނޫން ހެއްޔެވެ؟ އަހަރެންނަށް މީ ދުވާލުކަން އެނގުނު ފަދައިން ޔަޤީންކަން އޮތީ އޭނާ އަހަރެން ގެނބިގެން ދިޔަ ނުދޭނެކަމެވެ. އެރޭ ފަދައިން އަހަރެން ސަލާމަތް ކޮށްދޭނެ ކަމެވެ. ކަންތައް ވީ ހީކުރި ގޮތަށެވެ. އަހަރެން ފުންމާލި ހިސާބުން އަހަރެން އަޑިއަށް ނުދާނެހެން އޭނާ ހުރީ އަހަރެންގެ އުނަގަނޑުގައި ދެއަތް އަޅުވާލައިގެންނެވެ. އެވަގުތު އަހަރެންވެސް އޭނާގެ ދެކޮނޑުގައި ހިފާލައި ހަތަރުކަޅި ހަމަކޮށްލައިގެން ހުރީމެވެ. އަހަރެން ވާހަކަދައްކަން ފެށުމުން އޭނާ ހުރީ ބަލާށެވެ. އެފެހި ލޮލާއި ރީތި މޫނުން އަންގައި ދިނީ އަހަރެންގެ ބަސްތައް އޭނާއަށް ޝައުޤުވެރި އެއްޗަކަށް ވީ ކަމެވެ. އަހަރެން އަމިއްލަ ތައާރަފްދީ އަދިވެސް އިތުރު ވާހަކަތައް ކިޔައިދީ ނިމުމުން އަހަރެން ޝޮކެއްގައި ބަހައްޓަމުން ބުނެލީ އޭނާގެ ނަމަކީ "ލައިލް" ކަމުގައެވެ. އަދި އޭނާ އަހަރެން ގަމަށް ގެންދިޔަ ސަބަބުވެސް ބުނެދިނެވެ. އެއީ އޭނާ ފުރަތަމަ އަހަރެން ނަގައި ފިލައެއްގެ މަތީ ބޭއްވުމުން ލޯ މަރައިގެން އޮވެގެން އަހަރެން ކީ އެރަށުގެ ނަން ކަމުގައެވެ.

5/2/1992، 20:00
އެދުވަހުގެއަށް އައީއްސުރެ އަހަރެންނަށް ކުރެވުނު ފުރަތަމަ އިހްސާސަކީ އަހަރެންގެ ހިތް އަހަރެންގެ މިލްކުގައި ނެތްކަމެވެ. އާއެކެވެ. ލައިލް އެއީ ހަމައެކަނި އަހަރެންގެ ސަލާމަތާއި ގުޅިގެންދިޔަ ފަރާތެއް ނޫނެވެ. އެދުވަހު ލައިލްއާއެކީ ހޭދަ ކުރި ވަގުތު ކޮޅަށްފަހު ދެވަނަ ފަހަރަށް އެސޫރަ ދެކޭ ހިތުން އަހަރެން މިވަނީ ކެތްމަދުވެފައެވެ. ލައިލްގެ ބީހުމުން އަހަރެންގެ ވިންދު އަވަސްވެ ފުރަތަމަ ފަހަރަށް އެހާ ޖާދުވީ ވަގުތުކޮޅެއް އަހަރެން ހޭދަ ކުރީވެސް އެދުވަހެވެ. އެރީތި ފެހި ލޮލާއި މޫނު ހިނދުކޮޅަކަށްވެސް އަހަރެންގެ ހަނދާނަކުން ފިލާ ވަގުތެއް ނައެވެ. ލޯ މަރާލުމުން ހީވަނީ ކުރިމަތީ ހުންނަ ހެންނެވެ. ފެންވަރަން ވަދެ ފެންކޮޅެއްގައި ބީހިލާއިރަށް ހަނދާން ވަނީ ލައިލްގެ ބީހުމެވެ. ހީވަނީ އެބާރުގަދަ ދެއަތުން އަހަރެންގެ އުނަގަނޑުގައި ހިފާލައިގެން ހުންނަ ހެންނެވެ. ނިދަން އުޅެގެން ނިދޭ ތަނެއް ނާދެއެވެ. އެކަމަކު ސުވާލަކީ އަހަރެން އޭނަ ހޯދަން ދާނީ ކޮންތާކަށް ހެއްޔެވެ؟ އޭނަ ކޮންމެފަހަރަކު އަހަރެން ހޯދާ ގޮތަށް އަހަރެންނަށް އޭނަ ހޯދަން ދެވޭނީ ކޮން ތާކަށް ހެއްޔެވެ؟

ހިތުގެ ހާލު އާރާ އާއި ހިއްސާ ކުރުމުން އޭނާ އަހަރެމެން ދެމީހުންގެ ވާހަކައަށް ނަން ދިނީ "ނާދިރު ލޯބި" ކިޔާފައެވެ. އެއީ ކީއްވެކަންވެސް އޭނާ ތަފްޞީލް ކޮށްދިނެވެ. އެއީ ލައިލްއަށް އުޅެވެނީ ހަމައެކަނި މޫދާއި ކަނޑުގައި ކަމަށްވެފައި އަހަރެންގެ ދިރިއުުޅުން ބިނާވެފައި އޮތީ އެއްގަމުގައި ކަމަށް ވާތީއެވެ. މިހާރު ކިތަންމެ ގަޔާވެފައި އެކުގައި އުޅެން ބޭނުންވިއެއް ކަމަކު އެއީ ނާދިރު ދިރިއުޅުމެއްކަން ޤަބޫލު ކުރެވޭ ހިސާބުން އަހަރެމެން ދެމީހުންވެސް އަމިއްލަ ދިރިއުޅުމާއިގެން ދެދިމާއަކަށް ދާނެ ކަމަށް އާރާ ބުނެދިނެވެ. އެކަމަކު އެހިސާބުން އަހަރެންގެ ވިސްނުން ހުރީ އޭގެ އިދިކޮޅަށެވެ. އެއީ ދެމީހުން ދެތަނެއްގައި އުޅުމުގެ ބަދަލުގައި ދެމީހުން އެއްތަނެއްގައި އުޅެން މަގުފަހި ކުރުމެވެ. އަހަރެން އެގޮތަށް ވިސްނުން ގެންގުޅުނުއިރު އަދި ލައިލް އަހަރެންނާ ދޭތެރޭ ދެކޭ ގޮތް އޮޅުންވެސް ނުފިލުވައެވެ. އެކަމަކު އޭރުވެސް އަހަރެންނަށް އެއް ކަމެއް ޔަޤީނެވެ. އެއީ ލައިލްއަށް އަހަރެންގެ ފުރާނަ އަގުހުރި އެއްޗަކަށް ވުމުގެ ފަހަތުގައި ކޮންމެވެސް ހާއްސަ ސަބަބެއް ފޮރުވިފައި ވާނެކަމެވެ.

8/2/1992، 19:00
ދަތުރު ދިޔަ ދުވަހުން ފެށިގެން ހަފްތާއެއް ވީއިރު ލައިލް ނުފެނިގެން އަހަރެން ކެތްމަދުވިއެވެ. އާދައިގެ މަތިން އަހަރެން ޝަކުވާ ކުރީ އާރާ ކައިރީގައެވެ. ތިންވަނަ ފަހަރަށް އަހަރުމެން ބައްދަލުވާން މަގުފަހި ކޮށްދިނީ އާރާއެވެ. އާރާ މިއުމުރުގައިވެސް ފިރިހެންކުދިންނާއި ގުޅުން ބަދަހި ކަމުން އޭނާއަށް ބޮޑު ކަމަކަށް ނުވިއެވެ. އޭނާގެ އެކުވެރި ކުއްޖެއްގެ ބައްޕަ ގެންގުޅޭ ބޯޓެއްގައި އަހަރުމެން ދަތުރު ދިޔަ ރަށަށް ދިޔައީ ހަފްތާއެއް ވެ ޖެހިގެން އައި ދުވަހެވެ. އިރު އޮއްސެންވާއިރަށް ފުރަން ކިޔާފައި އަހަރެން ގޮސް ހުރީ ފާލަން ކޮޅުގައެވެ. އާރާ އޭނާގެ އެކުވެރިޔާ ގޮވައިގެން ރަށުތެރޭގައެވެ. އިންތިޒާރުގެ ނިމުން އައީ ގަޑި ޖެހެން މަދު މިނިޓްކޮޅަކަށް ވެފައި ހުއްޓައެވެ. ލައިލް ލޮނުގަނޑު ތެރެއިން ބޯ ހިއްލައިލުމުން އަހަރެން އަވަހަށް ތިރިއަށް ދެފައި އެލުވާލައިގެން އިށީންދެލިއެވެ. އެމޫނުން ފުރަތަމަ ފަހަރަށް ނުތަނަވަސްކަން އަހަރެންނަށް ފެނުނީ ދެނެވެ. ސުވާލު ކުރުމުން އޭނާ ބުނީ އަހަރެން ސަލާމަތް ކޮށްގެން އެކަން ބޮޑު މައްސަލައަކަށް ވެފައިވާ ކަމެވެ. އޭނާ ބުނީ ދެން އަލުން ބައްދަލު ނުވާން ނިންމަން ޖެހިދާނެ ކަމުގައެވެ. އެވަގުތު ހިތަށް ކުރި އަސަރުން އަހަރެންނަށް ހިތުގެ ސިއްރު ހިފަހައްޓައެއް ނުލެވުނެވެ. ފެންކަޅި ވެފައި އިނދެގެން އަހަރެން ބުނީ ދެން ލައިލް ނުފެންނަ ހިސާބުގައި އުޅެން އަހަރެންނަށް ކެތްނުވާނެ ކަމުގައެވެ. އަހަރެން ހަޔާތުގެ ބާކީބައި ލައިލް ފެންނަ ހިސާބުގައި އުޅެން ބޭނުންވާ ކަމުގައެވެ. ލައިލްދެކެ އަހަރެން ލޯބިވާ ކަމާއި ކުރިން ދެއްކި ވާހަކަ އެއީ ނުދައްކާ ވާހަކައަކަށް ހަދަން ލައިލް ކޮންމެވެސް ގޮތެއް ހަދަން އެބަ ޖެހޭ ކަމުގައެވެ. ވިސްނަން ހުރި މީހަކު ފަދައިން އެއްޗެއް ނުބުނެ ހުރެފައި ލައިލް އަޑިއަށް ދިޔައީ ފަހަތުން އާރާމެން އަންނަ އަޑު އަހާފައެވެ.

3/3/1992، 20:00
އެންމެ ފަހުން ލައިލް ފެނުނު ދުވަސް އެއީ އަހަރެމެންގެ ވާހަކައަށް ނިމުން އައި ދުވަސް ކަމަށް ޤަބޫލު ކުރާ ހިތެއް އަދިވެސް އަހަރެން ނުވެއެވެ. އެއީ އެގޮތަށް ނިމެން އޮތް ވާހަކައެއް ނަމަ ލައިލް އަހަރެން ސަލާމަތް ކޮށްފައި ދެވަނަ ފަހަަރަށް ބައްދަލުވާ ހިސާބަކަށް ނައީހެވެ. އެއީ އަދި ނިމުމެއް ނޫނެވެ. އެކަމަކު މިހާ ދުވަސް ފާއިތުވެގެން މި ދިޔައީ އޭނާގެ ޚަބަރެއް ނުވިތާނގައި ހުވަފެނަކުންވެސް އެސޫރަ ނުފެނިއެވެ.

31/3/1992، 00:37
މިރޭ އަހަރެންނަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އަދި އެއީ އަހަރެން މިހާތަނަށް ދުށް އެންމެ ރީތި އެންމެ ހަޤީޤަތާއި އެއް ގޮތް ހުވަފެނެވެ. އަހަންނަށް ހުވަފެނުގައި ފެނުނީ ލައިލް އިންސާނެއް ފަދައިން ދެފައިން ހިނގާފައި އަހަރެންގެ ކައިރިއަށް އައި ތަނެވެ. އެއަށްފަހު އަހަރުމެން ނިކަން ލޯބިން ހަޔާތުގެ ބާކީ އޮތްބައި ހޭދަ ކުރަމުން ދިޔަ މަންޒަރެވެ. ލައިލް ކަހަލަ ފެހި ދެލޮލެއް ހުރި ކުޑަ ކުޑަ ރީތި ފިރިހެންކުއްޖަކު އަހަރެންގެ އުނގުތެރޭ އިންދައެވެ.

31/3/1992، 10:30
ހެނދުނު ހޭލެވުމާއެކު އަހަރެން ހުވަފެނުގެ ވާހަކަ ކިޔައިދިނީ އާރާއަށެވެ. އެއަށްފަހު އަހަރެންގެ ހިތުގައި އޮތް ހިޔާލުވެސް އާރާއަށް ހުށައަޅައިލީމެވެ. އެއީ ފަންޑިތަ ސިހުރުފަދަ ކަންކަން ކުރާ މީހަކާއި ބައްދަލު ކުރުމެވެ. ރޫޚާނީ އެއްޗެއްސާއި ގުޅޭ ކަންކަން ކުރާ ބަޔަކަށް އެމީހުން ވުމުން އެތަނުން މީހެއްގެ ފަރާތުގައި އަހަރެން ބޭނުންވާ ޖަވާބު އޮވެދާނެ ކަމަށް އުންމީދު ކުރީމެވެ. އާރާ ވީ އަނެއްކާވެސް އަހަރެންނަށް އެހީގެ އަތަކަށެވެ. އޭނާ ބުނެދިނީ އޭނާގެ އެކުވެރި ކުއްޖަކު ފާޑަކަށް މޮޔަވެގެން ރަށަކަށް ގޮސް ކުރި ކަމަކުން ރަނގަޅު ކުރި ވާހަކައެވެ. އަހަންނާއި އާރާ އެކުއްޖާ ހޯދަން ގޮއްސައި މިއައީ އޭނާއަށް އެހީވެދިން މީހާގެ ނަން ހޯދައިގެންނެވެ. މިހާ ހިސާބުން އަހަރެން ހިތުގައި އުފެދޭ ސުވާލަކީ މީ އަނެއްކާވެސް ކިހިނެތް ދިމާވި އިއްތިފާޤެއް ހެއްޔެވެ؟ އެއީ އެކުއްޖާ އަހަރެންނަށް ދިނީ އަހަރެންގެ ބައްޕަ ޒުހައިރުގެ ނަމާއި އެޑްރެސް ކަަމަށް ވީތީއެވެ. އަދި މިހާރު އަހަރެން މިހުރީ އެރަށަށް ދެވަނަ ފަހަރަށް ދާން މަންމަގެ ހުއްދަވެސް އަތުލައިގެންނެވެ. ކުޑައިރު އަހަރެން ބައްޕަ އާއި ދުރުގައި ގެންގުޅުނެއް ކަމަކު މިއަދު އަހަރެން ހެޔޮވިސްނޭ ވަރަށް ބޮޑުވެފައި ހުރެގެން އެދުނު އެދުމުގައި ކޮޅުފައިން ޖަހަން މަންމައަށް ނުކެރުނީއެވެ. ހީވާގޮތުން ދެން އަހަރެންނަށް އިތުރު ފޮޅުވަތެއް ލިޔެވޭވަރު ވާނީ އެރަށަށް ގޮއްސައެވެ. އެކަމަކު އޭގެ ކުރިން އަހަރެން ބައްޕަ ކައިރީ އެދޭނެ ގޮތް ލިޔެލާނަމެވެ. އަހަރެން ބައްޕަގެ ދުލުން އާ ބަސް ހޯދަން ބޭނުން ކުރާނީ މި އިބާރާތެވެ. އެއީ މިއަދު އަހަރެން މިއައީ ބައްޕަގެ ފަރާތުން ފުރަތަމަ އަދި ފަހު ފަހަރަށް ކަމަކު އެދެން ކަމުގައެވެ. އަހަރެންނަށް އެނގޭ އެއްޗަކީ ބައްޕަ އަމިއްލަ ނަފްސާމެދު ، އަހަންނާ ދޭތެރޭ ބެހެއްޓުނު ބޭއިންސާފާއި މެދު ކުޑަވެސް ލަދުވެތިކަމެއް ވާނަމަ އަހަރެންގެ އެދުން ބޮލާލައި ޖަހަން ނުކެރޭނެ ކަމުގައެވެ. އަދި ބައްޕައަށް އަހަރެން އެދޭ ފަދަ ނަތީޖާއެއްވެސް ނެރެވޭނެ ކަމުގައި އަހަރެން އުންމީދު ކުރަމެވެ.
*****

ޑައިރީގެ އެހިސާބުން ގަނޑު އެއްލިއިރު ހުސްގަނޑުތައް ފެންނަން އޮތުމުން ޒަވީ ހައިރާންވިއެވެ. އޭނާ ބޭނުންވީ ދެން ވީ ގޮތް އޮޅުން ފިލުވާށެވެ. އާޝީ ބައްޕައާއި ހަމައަށް ދިއުމުން ބައްޕަ ދިން ޖަވާބު ދެނެގަންނާށެވެ. އަދި ލައިލް އިންސާނެއްގެ ގޮތުގައި ދެފައިމައްޗަށް ކޮޅަށް ތެދުވުމަށްފަހު އެދެމީހުންގެ ވާހަކަ ކުރިއަށް ދިޔަ ގޮތް ބަލާށެވެ. އަދި އާޝީ ކޯމާއަށް ދިޔަ ގޮތްވެސް އެއީ އެންމެ ބޮޑު އެއް ސުވާލެވެ.

އަދިވެސް ޤަބޫލު ކުރަން ބޭނުން ނުވެގެން އުޅޭ މީހަކު ފަދައިން ދެތިންފަހަރު ގަނޑު އުކާލައިފައި އޭނާ ތެދުވިތަނާ ލައިލް އާޝީގެ ކޮޓަރިން ނިކުތެވެ. "ތީގަ ތިއޮތީ އާޝީ ލިޔުނު ހިސާބަށް. ދެން ވީ ގޮތް ޒަވީ އޮޅުންފިލުވަން ޖެހޭނީ އަހަރެންގެ ފުށުން. އެކަމަކު ތީގަ ތިއޮތް ވާހަކަތައް ޒަވީ ޤަބޫލު ކުރިހެން އަހަރެން ދައްކާ ވާހަކަތައް ތެދުކަމަށް ބެލޭނެތަ؟" ލައިލްއަށް ޒަވީގެ ހިތުގައި އޮތް އެއްޗެއް ދެނެގަނެވިގެން ކައިރިއަށް އަންނަމުން ވާހަކަދެއްކިއެވެ. "ނެތެއްނު އިތުރު ޗޮއިސްއެއް. އެހެންނޫނަސް ކިޔައިދިނީމަ އަހަންނަށްވެސް ހީވޭ ދޮގާއި ތެދުން ފަރަގު ވަކި ކުރަން އެނގޭނެހެން." ޒަވީ ހަމަޖެހިލާފައި ޖަވާބުދިނެވެ.

"އާޝީ ދިޔަ ޒަވީގެ ބައްޕަ ކައިރިއަށް. އަދި އޭނާ ބޭނުންވާ ގޮތްވެސް ހާމަ ކުރި. އެކަމަކު ޒުހައިރުގެ ފަރާތުން އާޝީ ބޭނުންވި ފަދަ ޖަވާބެއް ހޯދަން އެހާ ފަސޭހައެއް ނުވި. އެޖަވާބު ޒުހައިރުގެ ދުލުން ބޭރު ކުރުވަން އާޝީ ކުރި އަހަރެން ހިތަށްވެސް ނާރުވާފަދަ މޮޔަކަމެއް." ލައިލް ގޮސް ސޯފާގައި އިށީންދެފައި ވާހަކަދައްކަން ފެށިއެވެ. އެވަގުތު ޒަވީވެސް އަލުން އިށީންދެފައި ފޮތް މޭޒުމަތީ ބާއްވައިލަމުން ލައިލްގެ ވާހަކައަށް ސަމާލުވިއެވެ.
(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު