މ. އަތޮޅު މުބާރާތުގެ ޗެންޕިއަންކަން މުލަކު އެކުވެރި ކްލަބް ހޯދައިފި

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮސްގެން ކުރިއަށް ގެންދިޔަ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން މުލަކު އެކުވެރި ކްލަބް ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން މުލަކު އެކުވެރި ކްލަބް ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެނެވެ. މިއަދުގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ ފުރަތަމަ ހާފްގެ ފަހުކޮޅު އެވެ. އެ ލަނޑު މުލަކު އެކުވެރި ކްލަބަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ނަޒީރު އާދަމް އެވެ.

މެޗަށްފަހު ބޭއްވި އިނާމް ދިނުމުގެ ހަފްލާގައި މުބާރުގެ ޗެންޕިއަން ޓީމަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު އެވެ. އެ ހަފްލާގައި ޗެންޕިއަން ޓީމުގެ އިތުރުން މުބަރާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ އިނާމް ދެއްވާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކު އެކުވެރި ކްލަބުގެ ހުސައިން ނިޒާމް އެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އެ ޓީމްގެ ހުސައިން ނަދީފް ހޯދިއިރު، އެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ނާލާފުށި ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަން އެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ މަގާމަށް ހޮވުނީ މުލަކު އެކުވެރި ކްލަބްގެ ހުސައިން ނިޒާމް އާއި އަހްމަދު ނާސިހުގެ އިތުރުން މުލަކު އެކުވެރި ޒުވަނުންގެ ޖަމްއިއްޔާގެ ސައުދުﷲ ކަމާލް އާއި ވޭވަށު އެކުވެރިންގެ ގުޅުމުގެ ޝަޒީމް ހަސަން އަދި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާގެ އަބްދުލް ވާހިދު އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެށި އެ މުބާރާތުގައި ބައިވެރިވެފައި ވަނީ މުޅިއަކު ނުވަ ޓީމެވެ. އެގޮތުން އެ މުބާރާތުގައި އެ އަތޮޅު ދިއްގަރު ފިޔަވައި ހުރިހާ ރަށަކުން ޓީމްތައް ބައިވެރިވެފައި ވާއިރު، އެ އަތޮޅު މުލަކުންނާއި މުލިން ކޮންމެ ރަށަކުން އެ މުބާރާތުގައި ދެ ޓީމެއް ބައިވެރިވެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު