ފ. އަތޮޅު މުބާރާތުގެ ޗެންޕިއަންކަން ދަރަނބޫދޫ ޒުވާނުންގެ ކްލަބަށް!

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ދަރަނބޫދޫ ޒުވާނުންގެ ކްލަބް ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެންޕިއަންކަން ދަރަނބޫދޫ ޓީމު ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ނިލަންދޫ ޖަމިއްޔަތުއް ޝަބާބާއި ބައްދަލުކޮށް، 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބު ކޮށްގެނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއް ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ދަރަނބޫދޫ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ދެވަނަ ހާފްގައި އެ ޓީމުގެ އިބްރާހިމް ޝައުގަތު އެވެ. މެޗުގެ ދެވަނަ ހާފްގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ނިލަންދޫ ޓީމުގެ ނާޒިމްއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން، މެޗުގެ ބާކީ ބައި އެ ޓީމުން ކުޅެފައި ވަނީ 10 ކުޅުންތެރިންނާ އެކީއެވެ.

އެ މެޗާއެކު ފ. އަތޮޅު މުބާރާތް ނިމިގެން ގޮސްފައި ވާއިރު، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިއަދުގެ މެޗުގައި ދަރަނބޫދޫ ޓީމްގެ ލަނޑު ކާމިޔާބު ކޮށްދިން އިބްރާހިމް ޝައުގަތު އެވެ. އަދި އެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މަގޫދޫ ޒުވާނުންގެ ކްލަބެވެ.

ފ. އަތޮޅުގެ ފަސް ރަށަކުން ބައިވެރިވި އެ މުބާރާތުގައި ވާދަކޮށްފައި ވަނީ އެ އަތޮޅު ފީއަލީގެ ދެ ޓީމާއި އެ އަތޮޅު ނިލަންދޫ އާއި ދަރަނބޫދޫ އާއި މަގޫދޫ އަދި ނިލަންދޫ ހިމެނޭގޮތަށް ކޮންމެ ރަށަކުން އެއް ޓީމެވެ. މި މަހުގެ 11 ވަނަ ދުވަހު ފެށި އެ މުބާރާތުގައި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެފައި ވާއިރު، އެ މުބާރާތުގެ ފައިނަލަށް ނިލަންދޫ ޓީމާއި ދަރަނބޫދޫ ޓީމު ދަތުރުކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެނެވެ. އެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެފައި ވަނީ ނިލަންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު