ހޯބަހަކުން ކުޅުނު ތިންވަނަ މެޗު ކާމިޔާބު ކޮށްފި

ގދ. ތިނަދޫގައި މިހާރު ކުރިއަށް ގެންދާ ތިނަދު ޗެލެންޖް ކަޕް 2014 ގައި ޓީމް ހޯބަހަކުން ކުޅުނު ތިންވަނަ މެޗު އެ ޓީމް ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ތިނަދޫ ރަސްމީ ފުޓްބޮޅަ ދަނޑުގައި ކުޅުނު އެ މެޗު ހޯބަހަކުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ހޯބަހަކުންނާ ދެކޮޅަށް ވާދަ ކުރީ ބަރާސިލާ އެވެ. އެ މެޗުގެ ނަތީޖާއާއެކު ހޯބަހަކުންއަށް މުބާރާތުގައި މިހާރު މުޅިއަކު ހަ ޕޮއިންޓު ލިބިފައި ވާއިރު، ޓީމް ހެއްޔާނބޯ އާއި ބަރާސިލާ އަދި ސެންޓަފޮކްސަސް ވެސް ވަނީ ކޮންމެ ޓީމެއް މުބާރާތުގައި މިހާތަނަށް ހަ ޕޮއިންޓު ހޯދާފައެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއް ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. ދެވަނަ ހާފްގައި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ފުރަތަމަ ލީޑު ނެގީ ބަރާސިލާ އެވެ. އެ ލަނޑު ބަރާސިލާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމްގެ އާޒިމް ހުސައިން (އެންޑީ) އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގި ބަރާސިލާއަށް ލީޑު ހިފެއްޓިފައި ވަނީ ކުޑަ ވަގުތުކޮޅަކަށެވެ. އެ ޓީމްގެ ލަނޑު ކާމިޔާބު ކުރިތާ ނުވަ މިނެޓުތެރޭ ހޯބަހަކުން ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ހޯބަހަކުންނަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ އަމްދާން އަލީ އެވެ.

މެޗުގައި ހޯބަހަކުންގެ ފަހު ލަނޑު ކާމިޔާބުކޮށް، މެޗު އެ ޓީމަށް ކަށަވަރުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ޔަޝްފާދު ހަބީބު އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާ އެވެ. މެޗަށް ފަހު މޮޅު ކުޅުންތެރިޔާއަށް ހޮވުނު ފަރާތަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން މުހައްމަދު ސާމިރު އެވެ.

އެ މުބާރާތުގެ ތާވަލަށް ބަލާލާއިރު، އިއްޔެގެ މެޗާއެކު ހަތަރު ޓީމެއް ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައި ވުމުން ތާވަލްގެ އެއްވަނަ މިހާރު ކަނޑައަޅާފައި ވަނީ ފައިދާ ގޯލުންނެވެ. އެހެންކަމުން މުޅިއަކު ހަތް ފައިދާ ގޯލާއެކު މިހާރު ތާވަލްގެ އެއްވަނައިގައި އޮތީ ހެއްޔާނބޯ އެވެ. އަދި ތާވަލްގެ ދެވަނަ ބަރާސިލާ ހާސިލްކޮށްފައި ވާއިރު، ތާވަލްގެ ތިންވަނަ އާއި ހަތަރު ވަނައިގައި އޮތީ ސެންޓާ ފޮކްސަސް އާއި ހޯބަހަކުން އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު