ޓްރެއިލް ބައިކް ލެޖެންޑް ޓޮމް އޮއެލާ ރާއްޖެގައި!

ޓްރެއިލް ބައިކް ދުއްވުމުގެ ވޯލްޑް ޗެންޕިއަން އަދި ދުނިޔޭގެ ރެކޯޑް ހާސިލްކޮށްފައިވާ ތޯމަސް އޮއިލާ (ޓޮމް) މިހާރު ކުރިއަށް ގެންދާ ރާއްޖޭގެ ޓުއާގައި މިއަދު ހަވީރު ޒުވާނުންގެ މަރުކަޒު ކައިރީ އޭނާގެ ހުނަރުތައް ދައްކާލައިފިއެވެ.

މިއަދު ހަވީރު 4:30 އިން ފެށިގެން އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ޓޮމް ވަނީ ބައިސްކަލު ދުއްވުމުގައި އެނާ ގެންގުޅޭ އުކުޅުތަކާއި ސްޓަންޓުތައް ދައްކާލާފައެވެ. އެ އިވެންޓުގައި މާލޭގެ ގިނަ ބަޔަކު އޭނާގެ ހުނަރުތައް ބަލާލުމަށް އެތަނަށް ގޮސްފައި ވާއިރު، އެ އިވެންޓަށް ރާއްޖޭގެ ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގެ ރެޑްބުލް ޓީމުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެ ޓުއާ މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަ ދުވަހުގެ ތެރޭގައި ޓޮމްގެ ހުނަރުތައް ދައްކާލަން ހަމަޖެހިފައި ވާއިރު، އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ އަދި ފޭދޫގެ އިތުރުން ޏ. ފުވައްމުލަކާއި ވިލިނގިލި އަދި ހުޅުމާލޭގައިވެސް އެ ހަރަކާތްތައް ވަނީ ކުރިއަށް ގެންދަން ހަމަޖެހިފައެވެ.

އައްޑޫ ސިޓީގެ ސަރަހައްދުތަކުގައި އެ އިވެންޓު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހާއި 22 ވަނަ ދުވަހު އެވެ. އަދި މިމަހުގެ 23 ވަނަ ދުވަހު ފުވައްމުލަކުގައި އެ އިވެންޓު ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ވިލިނގިއްޔާއި ހުޅުމާލޭގައި އެ އިވެންޓު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި ރާއްޖޭގެ ޓުއާ ގެ އެންމެ ފަހު އިވެންޓެއްގެ ގޮތުގައި ޓޮމް އޭނާގެ ހުނަރުތައް ދައްކާލަން ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު މާލޭގެ ރާޅުގަނޑު ސަރަހައްދުގައެވެ.

އުމުރުން އެންމެ 15 އަހަރުގައި ޓްރެއިލް ބައިކް ދުއްވަން ފެށި ޓޮމް ވަނީ އުމުރުން 17 އަހަރުގައި އޮސްޓްރިއާގެ ޓްރެއިލް ބައިކް ޗެންޕިއަންކަން ހޯދާފައެވެ. އަދި އޭގެ ފަހުން އެ މަގާމު އޭނާ ހަ ފަހަރަށް ހާސިލްކޮށްފައި ވާއިރު، 2006 ވަނަ އަހަރު އޭނާ ވަނީ ޓްރެއިލް ބައިކިންގައި ޔޫރަޕުގެ އިންޑޯ ޗެންޕިއަންޝިޕްވެސް ކަމިޔާބު ކޮށްފައެވެ. އަދި 2008 ވަނަ އަހަރު ޓްރެއިލް ބައިކިންގެ ދުނިޔޭގެ ޗެންޕިއަންޝިޕް ހާސިލް ކުރުމުގެ އިތުރުން، އޭނާ ވަނީ ބައިސްކަލެއްގައި އެންމެ މައްޗަށް ފުންމުމުގެ ދުނިޔޭގެ ރިކޯޑާއި ބައިސްކަލުގައި 400 މީޓަރު ހާޑްލްސް ކަޑައްތު ކުރުމުގެ ރިކޯޑްވެސް ހަދާފައެވެ.

މިހާރު އުމުރުން 31 އަހަރު ވެފައިވާ ޓޮމް ބުނީ ޓްރެއިލް ބައިކިންގެ ހުނަރަކީ ހަމައެކަނި މަޖަލަކަށް ނޫނީ ކުޅިވަރަކަށް ބޭނުންކުރެވޭ ހުނަރެއް ނޫން ކަމަށެވެ. އަދި އެ ހުނަރު ދިރިއުޅުމުގެ އެކި ކަންކަމުގައި ބޭނުންކުރެވޭނެ ކަމަށާއި، ވަކިން ހާއްސަކޮށް ކާރުބާރު ބޮޑު ސިޓީ ތަކުގައި އެ ހުނަރަކީ ވަރަށް ބޭނުންތެރި ހުނަރެއް ކަމަށްވެސް އޭނާ ބުންޏެވެ.

"ކޮންމެ ތާކު ބައިސްކަލު ދުއްވިއަސް ޓްރެއިލް ބައިކިންގެ އެކިއެކި ހުނަރު ތަކަކީ ވަރަށް ބޭނުންތެރި ހުނަރުތަކެއް. އަހަރެން ރާއްޖެގައި މިހާރު ކުރިއަށް ގެންދާ މި ޓުއާގައި ރާއްޖޭގެ ދުއްވުންތެރިންނަށް ބައިސްކަލުގައި ކުރެވިދާނެ ކަންކަން ފެނުމުން، ރާއްޖޭގައިވެސް މިކަން ތައާރަފްކޮށް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް އަހަރެން އުންމީދު ކުރަން،" ޓޮމް ބުންޏެވެ.

ޓްރެއިލް ބައިކިންގް އަކީ ޚާއްސް ވައްތަރެއްގެ ބައިސްކަލުގައި އާންމުކޮށް ދުއްވާ ނޫޅޭ، ނުވަތަ ދުއްވަން އުނދަގޫ ތަންތަނުގައި ދުއްވުމުގެ ކުޅިވަރަށް ކިޔާ ނަމެކެވެ. ޓްރެއިލް ބައިކަރުންނަކީ ބައިސްކަލު ދުއްވުމުގައި ބައިސްކަލުގައި އިނދެގެން ފުންމުމާއި އެއްފުރޮޅު މަތީގައި ދުއްވުމުގެ އިތުރުން އެކިއެކި ސްޓަންޓުތައް ބައިސްކަލުގައި ހަދަން ވަރަށް ފަރިތަ މީހުނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު