14 މިލިއަނެއްހާ ރުފިޔާގެ ސިއްހީ އާލާތްތައް ސަރުކާރުން ގަނެފި

އެސްޓީއޯއާ ގުޅިގެން 900،000 ޑޮލަރު (13.8 މިލިއަން ރުފިޔާ)ގެ ސިއްހީ އާލާތްތައް ސަރުކާރުން ގަނެފި އެވެ. ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ބަޔޯ މެޑިކަލް ސާމާނު ގަތުމަށް އެސްޓީއޯއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއަކީ 4،000،000 ޑޮލަރު (61.7 މިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

ބަޔޯ މެޑިކަލް އާލާތްތަކުގެ ތެރެއިން އެސްޓީއޯ އިން މިހާރު ގެނެސްފައިވާ ތަކެތި ސަރުކާރާ ހަވާލުކުރަން ފެށީ ނަސަންދުރަ ޕެލަސް ހޮޓެލްގައި އެ ކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީއާ އެތަކެތި ހަވާލު ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އާދާމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ އެކްޓިން ހެލްތު މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.

މިއަދު ހަވާލުކުރި 1500 އާލާތަކީ އެސްޓީއޯއާ ހަވާލުކޮށްގެން ގެންނަ ތަކެތީގެ ތިން ބައިކުޅަ އެއްބަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ އެސްޓީއޯ އިން މިއަދު ހަވާލުކޮށްދެއްވީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސިއްހީ މުއައްސަސާތަކަށް ވަރަށް މުހިއްމު ތަކެތި ކަމަށެވެ. މިއަދު ހަވާލުކުރި މުހިއްމު އާލާތްތަކުގެ ތެރޭގައި 66 ޕޭޝަންޓް މޮނިޓާ އާއި 147 އީސީޖީ މެޝިން ހިމެނެ އެވެ. އޭގެ އިތުރުން 26 ޑީފިބްލެރޭޓަރާއި 126 ވައިޓަލް ސައިން މޮނިޓާ ހިމެނޭ ކަމަށް ހުސައިން ވިދާޅުވި އެވެ.

މިއަދު ހަވާލުކުރި ތަކެތީގެ އަގަކީ ގާތްގަނޑަކަށް 900،000 އެމެރިލާ ޑޮލަރު (13.8 މިލިއަން ރުފިޔާ) ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ތަކެތި ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ތެރޭގައި 54 އެމްބިއުލާން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން މިއަދު ހަވާލުކުރި ތަކެތި އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ މަސައްކަތް އެސްޓީއޯއާ ގުޅިގެން ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ބަޔޯ މެޑިކަލް އާލާތްތަކުގެ ތެރެއިން އެސްޓީއޯއިން މިހާރު ގެނެސްފައިވާ ތަކެތި ސަރުކާރާ ހަވާލުކުރަން ފެށި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު