ފީފާ ރޭންކިންގައި ރާއްޖޭގެ އަންހެން ޓީމު އެއް ދަރަޖަ ކުރިއަށް ޖެހިލައިފި

މިފަހަރުގެ އަންހެން ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމް ހޯދި ކާމިޔާބީއާއެކު، ފީފާ ކޮކާ-ކޯލާ ވޯލްޑް ވިމަންސް ރޭންކިންގައި ރާއްޖެ އެއް ދަރަޖަ ކުރިއަށް ޖެހިލައިފި އެވެ.

ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ އަންހެން ޓީމު ކުރިއަށް ޖެހިލާފައި ވަނީ މިދިޔަ މަހު ބޭއްވި އަންހެނުންގެ ސާފް ޗެންޕިއަންޝިޕްގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ފަހަރަށް ރާއްޖެގެ ޓީމު މޮޅުވެފައި ވަނިކޮށެވެ. އެ ކުރިއެރުމާއެކު ރާއްޖޭ މިހާރު ފީފާ ކޮކާ-ކޯލާ ވޯލްޑް ވިމަންސް ރޭންކިންގައި 120 ވަނައަށް ވަނީ ޖެހިލާފަ އެވެ. ރާއްޖެ މިހާރު އޮތީ ސާކް ގައުމުތަކުގެ ފަސް ވަނައިގަ އެވެ.

ސާކް ގައުމުތަކުގެ ތެރެއިން އެއް ވަނަ މަގާމުގައި މިހާރު އޮތީ އިންޑިއާ އެވެ. ފީފާ ކޮކާ-ކޯލާ ވޯލްޑް ވިމަންސް ރޭންކިންގައި އެ ގައުމު މިހާރު 53 ވަނައިގައި އޮތްއިރު، މިދިޔަ މަހުން މި މަހަށް އެ ގައުމަށް ފީފާ ކޮކާ-ކޯލާ ވޯލްޑް ވިމަންސް ރޭންކިންގައި ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ސާކް ސަރަހައްދުގެ ދެ ވަނަގައި އޮތީ ނޭޕާލެވެ. ތިން ވަނާގައި ބަންގްލަދޭޝް އޮތްއިރު، ހަތަރު ވަނާގައި އޮތީ ސްރީލަންކާ އެވެ. އެ ތިން ގައުމުގެ ތެރެއިން މިދިޔަ މަހާ އަޅާ ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ މިދިޔަ މަހުން މި މަހަށް 16 ދަރަޖަ ކުރިއަށް ޖެހިލި ސްރީލަންކާ އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މި މަހު ހަ ވަނަ އާއި ހަތް ވަނައިގައި އުޅެނީ ޕާކިސްތާނާއި އަފްގާނިސްތާނެވެ. އެ ދެ ގައުމަށް ވެސް މިދިޔަ މަހާ އަޅާ ބަލާއިރު ފީފާ ކޮކާ-ކޯލާ ވޯލްޑް ވިމަންސް ރޭންކިންގައި ބޮޑު ކުރިއެރުމެއް ލިބިފައި ވާއިރު، ދުނިޔޭގެ ރޭންކިންގައި އެ ދެ ގައުމު މިހާރު އޮތީ 122 އަދި 123 ވަނައިގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު