ފީފާ ހިންގަމުންދަނީ ސަކަރާތެންހެން: ލައިނެކާ

ދުނިޔޭގެ ފުޓްބޯޅަޔާ ބެހޭ މައި އިދާރާ ފީފާ މިހާރު ހިންގަމުންދަނީ 'ސަކަރާތެއްހެން' ކަމަށް އިންގިރޭސި ވިލާތުގެ ފުޓްބޯޅަ ލެޖެންޑް އަދި އެ ގައުމުގެ ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން ގޭރީ ލައިނެކާ ބުނެފި އެވެ.

ބީބީސީއާ ވާހަކަދައްކަމުން އޭނާ ބުނީ ފީފާ މިހާރު ހިންގަމުން ދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި، އެ އިދާރާ މިހާރު ހިންގަމުންދާ ގޮތަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހުރި ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި ފުޓްބޯޅައަކީ ވަރަށް ރީތި ކުޅިވަރެއް ކަމަށާއި، ފީފާއިން މިހާރު ކަންތައް ކުރަމުންދާ ގޮތުން އެ ކުޅިވަރުގެ ނަމަށް ހުތުރުކަން ލިބިގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ފީފާ ގޮއްސަ އޮތް ހިސާބުން އެ އިދާރާއާމެދު ފިޔަވަޅުތަކެއް އަޅަން އެބަ ޖެހޭ. ފީފާ މިހާރު ހިންގަމުން ގެންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް. ނަމަވެސް މިކަމުގައި ފީފާއާމެދު ފިޔަވަޅެއް އެޅޭނީ ދުނިޔޭގެ ފުޓްބޯޅަޔާ ބެހޭ ބޮޑެތި އިދާރާތައް އެކަތިގަނޑަކަށް ވެގެން،" އޭނާ ބުންޏެވެ.

ލައިނެކާ އެފަދައިން ވާހަކަ ދައްކާފައި މި ވަނީ 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑާމެދު އެ އިދާރާގެ ކުރީގެ އެތިކްސް އިންވެސްޓިގޭޓާ މައިކަލް ގާސިއާ ނެރުނު ރިޕޯޓު އާންމުކުރަން ފީފާގެ ހިންގާ ކޮމިޓީމް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ގާސިއާ އެކުލަވާލި ރިޕޯޓު މީގެ ކުރިން ފީފާއިން ނެރިފައި ވަނީ ހުލާސާ ބަޔާނެއްގެ ގޮތުގައެވެ. ފީފާއިން ނެރުނު އެ ބަޔާނަކީ އޭނާގެ ރިޕޯޓާ އެއްގޮތް ބަޔާނެއް ނޫން ކަމަށް ބުނެ ފީފާއަށް ގާސިއާ މައްސަލަ ހުށައެޅުމުން އެ އިދާރާއިން ވަނީ އޭނާގެ މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ބުނެފައެވެ. ގާސިއާ ވަނީ އެކަމުގެ ސަބަބުން ފީފާގައި އޭނާ އަދާކުރަމުންދިޔަ މަގާމުން އިސްތިއުފާދީ، ފީފާގެ އަމަލުތައް ކުށްވެރި ކޮށްފަ އެވެ.

ފީފާގެ ހިންގާ ކޮމިޓީން ގާސިއާގެ ރިޕޯޓު އާންމު ކުރަން މިހާރު ނިންމާފައި ވާއިރު، އެ ކޮމިޓީން ބުނީ އެ ރިޕޯޓު އާންމު ކުރެވޭނީ 'ގާނޫނީ ގޮތުން އެދެވޭ' ބަދަލުތަކަކާ އެކީ ކަމަށެވެ. އަދި އެ ރިޕޯޓު އާންމު ކުރެވޭނީ ފީފާގެ ފަސް މެންބަރުނާމެދު ކޮރަޕްޝަންގެ ތުހުމަތުގައި ކުރެވޭ ތަހުގީގުތައް ނިމުމުން ކަމަށް ވެސް އެ އިދާރާގެ ހިންގާ ކޮމިޓީން ބުނެފައި ވެއެވެ.

ދެހާސްއަށާރަ ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް 2010 ވަނަ އަހަރު ފީފާއިން ކުރިއަށް ގެންދިޔަ ބިޑުގައި ރިޝްވަތު ހިފުމުގެ އިތުރުން ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބުނެ އެކި ފަރާތްތަކުން ފިފާއަށް ވަނީ ފާޑު ކިޔާފައެވެ. އެ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރުމަށް ފީފާއިން މިނިވަން ކޮމިޓީއެއް އެކުލަވާލިއިރު، އެ ކޮމިޓީގެ އެންމެ އިސް ފަރާތަކަށް ހުރީ މިހާރު އިސްތިއުފާ ދީފައިވާ ގާސިއާ އެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން ފީފާ 'ފެއިލް' ވެފައި ވާކަމަށް ޔޫއެފާގެ ރައީސް މައިކަލް ޕްލެޓިނީ ވިދާޅުވި އިރު، އޭނާ ވަނީ ގާސިއާގެ ރިޕޯޓު ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި އާންމު ކުރުމަށް ގޮވާލާފަ އެވެ.

އެ ބިޑާ ގުޅިގެން ފީފާގެ ނައިބު ރައީސް އެންޖެލް މާރިއާ ވިލާގެ އިތުރުން ފީފާގެ އިސް މަގާމުތައް އަދާކުރި ހަތަރު ފަރާތެއްގެ މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރެވެމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު